ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިއަދު ބަންގްލަދޭޝަށް ފުރަން އުޅުނު ތިން މީހަކުވެސް ޕޮޒިޓިވް

Apr 21, 2020

މިއަދު މާލެއިން ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މިއަދު އެނބުރި ބަންގްލަދޭޝަށް ފުރަން އުޅުނު ތިން މީހަކު ހިމެނޭކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 68 މީހަކު މިއަދު ވަނީ އަނބުރާ ފޮނުވާލައިފި އެވެ. އެމީހުން ރާއްޖެއިން ފުރީ އިއްޔެ ބަންގްލަދޭޝް އަދި ނޭޕާލްގައި ތިބި ދިވެހިން ގޮވައިގެން ރާއްޖެ އައި ބަންގްލަދޭޝްގެ އެއާފޯސްގެ މަތިންދާބޯޓުގަ އެވެ.

ނެޝަނަލް އެމަޖެންސީ އޮޕްރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ، މިއަދު މާލެއިން އެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިއަދު ބަންގްލަދޭޝަށް ފުރި ބޯޓުގައި ފޮނުވާލަންތިބި އެގައުމުގެ ތިން މީހަކު ހިމެނޭ ކަމަށެވެ.

އަދި އެ މީހުނަށް ބަލި ޖެހިފައިވާކަން އެނގުނީ، އެ މީހުން ފުރުވާލުމުގެ ކުރިން ޓެސްޓު ކުރުމުންކަމަށް މަބުރޫކު ހާމަކުރެއްވި އެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 83 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 38 ދިވެހިންނާއި 45 ބިދޭސީންނެވެ.

މާލެއިން ކޮވިޑް-19ގެ ކޭހެއް ފެނުމާއެކު ސަރުކާރުން ވަނީ މުޅި މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. އަދި އަތޮޅު ތެރޭގައިވެސް އެ ރަށްރަށުން އަނެއް ރަށަށް ދިއުން ވަނީ މަނާކޮށްފަ އެވެ.