ހު
ޅުމާލޭގައި ހިންގާ، އަދި ފަހަކަށް އައިސް އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ "ޚާންޖީ" ރެސްޓޯރެންޓްގައި އިއްޔެ ދެ ބިދޭސީއެއްގެ މެދުގައި ވަރުގަ ތަޅާފޮޅުމަކާއެކު ލޭ އޮރުވުމެއް ހިނގައި އެކަކު ވަނީ މަރާލާފަ އެވެ. މިއީ މި އަހަރު ރާއްޖޭގައި މިގޮތަށް އައި އަނިޔާވެރި ފުރަތަމަ މަރެވެ. އެ ރެސްޓޯރެންޓްގައި ބޮޑު ވަޅިއަކުން ހަމަލާދީ ޒަހަމްކޮށް މަރާލީ ބަންގްލަދޭޝްގެ އެމްޑީ ޝަމީމެވެ. ވަރަށް އަނިޔާވެރި، ރަހުމް ކުޑަ ގޮތަކަށް އޭނާ މަރާލީ ޕާކިސްތާނީއެއް ކަމަށްވާ އުމުރުން 26 އަހަރުގެ އާބިދު މުހައްމަދެވެ.
ހަމަލާ ދިން އާބިދަކީ "ޚާންޖީ" ރެސްޓޯރެންޓްގެ ކައްކާ އެވެ. ހަމަލާގައި މަރުވި ޝަމީމަކީ އެ ރެސްޓޯރެންޓްގެ ވެއިޓަރެކެވެ.
ޕާކިސްތާނުގެ ކައްކާއަކީ ވަރަށް އަވަހަށް ރުޅި އަންނަ, އެހައި ރުޅި ގަދަ މީހެކެވެ. ކުރިން ވެސް އެ ރެސްޓޯރެންޓުގައި އޭނާ ފަރާތުން މާރާމާރީއެއް އައިސްފައި ވެއެވެ. ބަންގާޅުގެ ޝަމީމާއި ޕާކިސްތާނުގެ އާބިދުއާ ދެމީހުންގެ މެދުގައި ވެސް އަރައިރުން ވުމާއި ޒުވާބު ކުރުމާއި ބަހުން ޖެހުން އޮވެ އެވެ. ޝަމީމަކީ ވެސް ފަސޭހައިން ރުޅި އަންނަ މީހެއް ކަމަށް ވެއެވެ.
އިއްޔެ ހަވީރު އައި މި ލޭ އޮހޮރުވުމާއި މަރަކީ ވަރަށް ހައިރާން ކުރުވި އަދި އެހައި ބިރުވެރި ވެސް ހާދިސާއެކެވެ. ބަންގާޅު ވެއިޓަރު މަރާލުމަށް ފަހު ޕާކިސްތާނުގެ ކައްކާ ފިލައިގެން ދިޔައީ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭ "ހިޔާ އަވަށު" ގެ ބީޗު ސަރަހައްދުގައި ފިލާ އޮއްވާ ރޭ ދަންވަރު އެވެ.
މި މައްސަލައިގެ ތަފުސީލުތަކެއް ފުލުހުން އަދި ނުދެ އެވެ. މަރުގެ މި ހާދިސާގެ ސީރިއަސް ތަހުގީގު ކުރާއިރު އާބިދު ފިޔަވައި އިތުރު މީހަކުވެސް ހައްޔަރަށް ނަގާފައެއް ނުވެއެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ ކުއްލިއަކަށް އައި ގަދަ ރުޅީގައި ވަޅި ހިފައިގެން ގޮސް ސީދާ މަރާލަން ދިން ހަމަލާއެކެވެ. އަނިޔާވެރި މި ހަމަލާ ކުއްލި ގޮތަކަށް ދިނީ އެތަނުގައި ތިބި އެކަކު ވެސް ހީކުރި ގޮތަކަށް ނޫނެވެ. ކައްކާ އާއި ވޭޓަރާ ދެމެދު އޮންނަ ދިމާ ކުރުމާއި ރުޅި އެރުވުމުގެ އަރާމުގެ ތެރެއިން ފެށި ޒުވާބު ހިނދިގެން ހިނގައި ދާނެ ކަަމަށް އެތަނުގައި ތިބި މީހުނަށް ހީކުރެވިފައި އޮތަސް ނިމިގެން ދިޔައީ މަރަކުންނެވެ.
ދެ މީހުންގެ މެދުގައި އުފެދުނު މައްސަލައިގެ އަސްލު ސާފެއް ނުވެއެވެ. ނަމަވެސް މަންޒަރު ދުށް ބައެއް މީހުނާއި "ޚާންޖީ" ރެސްޓޯރެންޓާ ގުޅުން އޮންނަ މީހުންނާ ހަވާލާ ދީ މިހާތަނަށް އައިސް ފައިވާ ވާހަކަތަކަށް ބަލާއިރު އަދި އިއްޔެގެ ހާދިސާ އެނގޭ ކަމަށް ބުނާ މީހުނާ ހަވާލާދީ ދައުރުވާ ވާހަކަތަކަށް ބަލާއިރު ބަންގާޅު / ޕާކިސްތާނު، ދެ މީހުންގެ މެދުގައި އިއްޔެ ޖެހުނީ ވަރަށް އާދައިގެ ކުންޏެކެވެ.
ކުރީ ވެސް ވަރަށް އާދައިގެ ޒުވާބެކެވެ. އެކަކު އަނެއްކަކަށް ބަހުގެ ހަމަލާތަކެއް ދިނުމަށް ފަހު ކައްކާ، އާބިދު މާ ބޮޑަށް ރުޅި އައިސް ކޮންޓްރޯލް ގެއްލުމާއެކު ވަޅި ނަގައި ބަދިގޭގެ ތެރޭގައި ހުރެ ބަންގާޅު ވެއިޓަރު ޝަމީމާ ދިމާއަށް ހޫރަމުން ކައިރި ވަމުން ގޮސް ހަމަލާ ދޭން ފެށީ އެވެ.
ރުޅި އައިސް ރަތްވެފައި ހުރެގެން ޕާކިސްތާނު ކައްކާގެ ވަޅިން ގިނަ ހަމަލާ އަމާޒު ކުރީ ޝަމީމްގެ ކަރަށާއި މެޔަށެވެ. އެ ހަމަލާތަކުގައި ހަށިގަނޑު އެހެން ދިމަދިމާއަށް ވެސް ހަމަލާދީ ފުންކޮށް ޒަހަމް ކޮށްލި އެވެ. އެ ޒަހަމްތަކާ ގުޅިގެން ވަގުތުން އޭނާ މަރުވި އެވެ.
ރެސްޓޯރެންޓްގެ ތެރޭގައި ފަރުވާ ދިން
ފުން ޒަހަމްތަކާއެކު އޮތް ޝަމީމްގެ ފުރާނަ ދިޔައީ ކައްކާ، އާބިދު ދިން ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނި ކޮށެވެ. އޭގެ ކުރީން އޭނާއަށް ފަރުވާ ދޭން ރެސްޓޯރެންޓްގެ ތެރޭގައި އެތާނގެ މުވައްޒަފުން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. ބައެއް އެހެން ރިޕޯޓްތައް ބުނާ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ ވަނީ މަރުވެފަ އެވެ.
ދައުރުވަމުން އަންނަ ދެ ވީޑިއޯއަކުން ފެންނަ ގޮތުގައި "ޚާންޖީ" ރެސްޓޯރެންޓް ތަޅުން މަތީ ޝަމީމް ބާއްވައި އޭނާގެ ފުރާނަ ސަލާމަތް ކުރަން އެތަނުގައި ދެން ތިބި މުވައްޒަފުން މަސައްކަތްތަކެއް ކުރި އެވެ. އޭނާއަށް ސީޕީއާރްދީ މޫނަށް ފެން ޖަހައި ހޭއަރުވަން މަސައްކުރި އެވެ. އަދި ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔުމަށްޓަކައި ޕާކިސްތާނުގެ އެހެން ބަޔަކު އުޅުނެވެ.
ބަންގާޅީންގެ އަޑު އުފުލުން
ބަންގާޅު ވެއިޓަރަށް ހަމަލާ ދީ މަރާލުމަށް ފަހު އާބިދު ފިލުމާއި ގުޅިގެން ބަންގާޅުގެ ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލޭގެ "ޚާންޖީ" އާއި އެ ހިސާބުގެ ބައެއް ސަރަަހައްދުތަކަށް ޖަމާވެ އަޑު އުފުލި އެވެ. ޕާކިސްތާނުގެ އާބިދު ހައްޔަރުކޮށް އިންސާފު ގާއިމް ކޮށްދިނުމަށް ގޮވާލަމުން ގޮސް އެ މީހުންގެ އެއްވުން މުޒާހަރާއަކަށް ބަދަލު ކުރަން އެމީހުން ރޭ މަސައްކަތްކުރި އެވެ. ނަމަވެސް ފުލުހުން ވަނީ އެ އެއްވުން ރޫޅާލާފަ އެވެ.