ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަދަލު ގެނައީ ޒުވާނުންގެ އެއްވުންތައް ހުއްޓުވަން: އެޗްޕީއޭ

ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރަން ނިންމީ، ބަލި ފެތުރޭ ކަމަށް ރިކޯޑު ކުރެވިފައިވާ ޒުވާނުންގެ މެދުގައި އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ހުއްޓުވުމަށް ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ރޭގަނޑުގެ ވަކި ވަގުތުތަކެއްގައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާ ކުރީ އިއްޔެ އެވެ. މި ނިންމުމާ ގުޅިގެން އާއްމުންގެ ގިނަ ބަޔަކު ހިތްހަމަ ނުޖެހިގެން ނުރުމާއި ފާޑުކިޔުންތައް ވަނީ އެޗްޕީއޭއަށް އަމާޒުވެފަ އެވެ. އަދި ގިނަ ބަޔަކު ދަނީ މި ބަދަލުގެ ސަބަބުން އާއްމުންނަށް އެކި ގޮތްގޮތުން އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް ބުނަމުންނެވެ.

އޭގެ ފަހުން އެޗްޕީއޭއިން މިއަދު ޓްވީޓެއް ކޮށް ބުނީ، ވަކި ގަޑިތަކެއްގައި އުޅަނދު ދުއްވުން މަނާ ކުރުމުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭ ކަމަށް ރިކޯޑުވެފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުމަށް ކަމަށެވެ. އަދި ކޮންމެ ހަފްތާއެއްގެ ހާލަތު ދިރާސާކޮށް ބަލި ފެތުރުން މަޑުޖެއްސުމަށްޓަކާ ހާލަތާ އެންމެ އެކަށޭނެ ފިޔަވަޅުތައް ދެނެގަން ކަމަށެވެ.

މިދިޔަ ހަފްތާގައި ބަލި ޖެހުނު މީހުންގެ އަދަދާއި ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ އަދަދުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް މަތިވެފައި ވާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަޖުބޫރުވީ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ. އަދި ބުނީ، މި ފިޔަވަޅުތަކަކީ ކޮންމެ ހަފުތާއެއްގެ ހާލަތަށް ރިއާޔަތްކޮށް ބަދަލު ކުރެވިގެންދާނެ ފިޔަވަޅުތަކެއް ކަމަށެވެ.

"... ބަލި ޖެހޭ މީހުންނާއި ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ މީހުން މަދުވެ، ހާލަތު ރަނގަޅުވާ ވަރަކުން ފިޔަވަޅުތައް ލުއިކޮށް އުވާލެވޭނެ،" އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ވަނީ ބަލިފެތުރުން މަޑު ޖެއްސުމަށް އެ އޭޖެންސީއާއެކު މަސައްކަތްކޮށްދިނުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މިދިޔަ ދެ ހަފްތާގައި ވެސް ދިޔައީ އިތުރުވަމުންނެވެ. މިދިއަ ބުރާސްފަތި ދުވަހު ވަނީ ކޮވިޑްގެ 278 ކޭސް އާއެކު އާ ޕީކް އެއް އައިސްފަ އެވެ.