ވިޔަފާރި

ސިންފަނީ މޯލްޑިވްސް ރީބްރޭންޑްކޮށްފި

Aug 31, 2020

ރާއްޖޭގެ ރެސްޓޯރެންޓް އިންޑަސްޓްރީގައި އެންމެ ޒަމާންވީ އެއް ނަން ކަމަށްވާ "ސިންފަނީ" ރެސްޓޯރެންޓް ހިންގާ ކުންފުނި، ރީބްރޭންޑް ކޮށްފި އެވެ.

ސިންފަނިގެ ނަމުގައި 1990 ވަނަ އަހަރުން ފެށިގެން ރެސްޓޯރެންޓު ވިޔަފާރި ކުރަމުން ގެންދާ ސިންފަނި މޯލްޑިވްސްގެ ބާނީއަކީ ރެސްޓޯރެންޓް ވިޔަފާރިއަށް ގިނަ ހިދުމަތް ތަކެއް ކުރައްވާފައިވާ ވަލީދު އިބްރާހިމެވެ. އެ ކުންފުނި އުފެއްދީ 1992 ވަނަ އަހަރު އެވެ. ރީބްރޭންޑް ކުރުމާއެކު ސިންފަނީ މޯލްޑިވްސް އިން ވަނީ ކޯޕަރޭޓް ލޯގޯ ވެސް ބަދަލު ކޮށްފަ އެވެ.

ސިންފަނީ ކުންފުނި ރީބްރޭންޑް ކުރުމުން، އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ ވިޔަފާރިއެއް ރީބްރޭންޑް ކުރާނެ އެވެ.

ސިންފަނި މޯލްޑިވްސް އިން ބުނި ގޮތުގައި އެ ކުންފުންޏަށް ޒަމާނީ ބަދަލު ތަކެއް ގެންނަން ކުރަމުންދާ މަސައްކަތުގެ ދަށުން ގިނަ ބައެއްގެ މެދުގައި މަގުބޫލު ސިންފަނި ރެސްޓޯރެންޓް ވެސް ރީބްރޭންޑް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ރެސްޓޯރެންޓަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އޮކްޓޫބަރު މަހުގެ ފަހުކޮޅު އެ މަސައްކަތް ވެސް ނިންމާލާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ސިންފަނި މޯލްޑިވްސް އިން ތިން ރެސްޓޯރެންޓަކާއި ގެސްޓްހައުސް އެއް ހިންގަ އެވެ. އެއީ މާލޭގައި ހިންގާ 30 އަހަރުވީ ސިންފަނި ރެސްޓޯރެންޓާއި މާފުށީގައި ހިންގާ ސިންފަނި ލެގޫން މޯލްޑިވްސް އަދި ލ. ކައްދޫ އެއާޕޯޓުގައި ހިންގަމުން ގެންދާ ސިންފަނި ގާޑަން ލާމު ރެސްޓޯރެންޓެވެ. މީގެ އިތުރުން މާފުށީގައި ކްރިސްޓަލް ސޭންޑްސްގެ ނަމުގައި ގެސްޓްހައުސްއެއް ވެސް ހިންގަ އެވެ. އެ ކުންފުނިން ރިއަލް އެސްޓޭޓް އާއި ކޭޓަރިންގެ ވިޔަފާރި ވެސް ކުރެ އެވެ.