ހެޔޮ ހާލުގައި ކަލާ ތިހެން ހިނިތުންވެފާ ހުރޭ!

އުމުރުފުޅުން 83 އަހަރުވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ދިވެހިންގެ ޖީލުތަކެއްގެ ހިތާ ގުޅިފައިވާ ދިވެހިރާއްޖެ ފަހުރުވެރިވާ ޒައީމެއް، ރައީސެއް އަދި އުސްތާޒެކެވެ. ދިވެހިންގެ ހިތާ އެންމެ ގާތީ އެމަނިކުފާނުކަން އޯގަސްޓް 25، 2020 ގައި އެ މަނިކުފާނު ކޮވިޑް ބައްޔަށް ޕޮޒިޓިވް ވެއްޖެކަން އިސްވެ އެމަނިކުފާނު އަމިއްލަފުޅަށް އިއުލާން ކުރެއްވުމުން އައި ވަގުތުތަކުގައި ދިވެހިނަށް ވެގެން ދިޔަ ގޮތް، އަދި އެ ދުވަހު އަމިއްލަ ހިތަށް ކުރި އަސަރުން އެކަނި ފުދޭނެ އެވެ. އެއީ "ދަ މޭން ފޯ އޯލް އައިލޭންޑެ" ވެ. މި ދެ ތިން ޖުމްލައާމެދު ނުރުހޭ މީހަކު ވެސް ހުރެދާނެ އެވެ. ނުރުހޭ މީހުން ނުރުހިގެން ތިބޭށެވެ. އެވެސް ހަޔާތެއްގެ ތޮބީއަތެކެވެ.

އާލާސްކަންފުޅާއެކު ރައީސް މައުމޫން އެޑްމިޓް ކުރައްވާފައި އޮންނެވީ މާލެ މައްޗަށް އަރައި ހުރި އުސް ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) އެވެ. އެހެން އޮންނަވައި އެމަނިކުފާނުގެ އާދައިގެ މަތީން ކުރައްވާ ހުރިހާ ވައްތަރެއްގެ ޓްވީޓްތައް އެބަ ކުރައްވަ އެވެ. އެއް ދުވަހަކު ގައުމުގެ ވަރަށް ސީރިއަސް މައްސަލައެއް އެހެންނާ މުހިންމު ވާހަކައަކުން ސުރުހީއެއް ދެއްވައިފާނެ އެވެ. އަނެއް ދުވަހަކު އުފަން ބޭފުޅުންނާއި ކާފަ ވިދާޅުވާ ބޭފުޅުންނާއިބެހޭ ގޮތުން ލޯބި ލޯބި ޖުމްލައެއް ލިޔުއްވައިފާނެ އެވެ. އަދި އެހެން ދުވަހަކު އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް ވީޑިއޯކޯލެއް ކުރައްވައި ވަރަށް "ރޮމޭންޓިކް" ފޮޓޯއެއް ނަންގަވާފާނެ އެވެ. އެހެން އޮންނަވާފައި އަމިއްލަފުޅު ޕިޖާމާއާ ގުޅޭ ގޮތުންނާއި ފުޓްބޯޅަ އާއި ކިރިކެޓާ ގުޅޭ ވާހަކައެއް ދޫކޮލައްވައިފާނެ އެވެ.

ހޮސްޕިޓަލުގައި އޮންނެވިއެއް ކަމަކު އެ މަނިކުފާނު ވިދާޅުވާ ގޮތުން "އޮންނެވީ ހެޔޮހާލު" ގައެވެ. އިރާދަފުޅު ކުރެއްވައިގެން އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ. -- އަލްހަމްދުލިﷲ -- ދިވެހިން އެދެނީ ލަވައިން "ހެޔޮހާލުގައި ކަލާ ތިހެން ހިނިތުންވެފައި ހުރޭ..." އޭ ބުނާ ފަދައިން ހެޔޮ ހާލުކޮޅުގައި ހުންނަވައި އުފާވެރި ހިނިމޫނާއެކު އެނބުރި ވަޑައިގެންނެވުމަށެވެ.

ރައީސް މައުމޫން ހޮސްޕިޓަލްގައި އޮންނެވުމާއެކު ކޮންމެ މީހަކު ވެސް ބެލީ ހަޔާތުގައި އެއް ފަހަރު ނަމަވެސް އެމަނިކުފާނާ ބައްދަލުވެ ނަގާފައިވާ ފޮޓޯގަނޑު ހޯދާލައި ހެޔޮ އެދުމުގެ މެސަޖަކާއެކު މީހުނަށް އެ ފޮޓޯ ދައްކާލާށެވެ. އޯގަސްޓް 31، 2020 ގައި "އުހު" ގައި އޮންނަވައިގެން ރައީސް މައުމޫން ވެސް ފޮޓޯއެއް ނެންގެވި އެވެ. ވަރަށް ހާއްސަ ފޮޓޯއެކެވެ. މެޑަމް ނަސްރީނާއަށް ވީޑިއޯ ކޯލެއް ކުރައްވައިގެނެވެ. ރެއެއްގެ އިރާކޮޅު ރައީސް އާންމުންނަށް ދޫކޮށްލެއްވި އެ ފޮޓޯވީ ކޮންމެ މީހެއްގެ ވެސް ހަނދާންތަކެއް ތެދުވެ ފަހަތުން ހިނގައިގަތް ފޮޓޯއަކަށެވެ.

އެއީ އަރިހުގައި ހުންނެވި ބޭފުޅަކު ރައީސް މައުމޫނުގެ ފަހަތްޕުޅުން ނަންގަވާފައިވާ ފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ ކުޑަދޮރަކުން ވަދެފައި ހުންނަ ސާފު އަލި ކަމެކެވެ. ރައީސް، ފޯނުގައި ހިފަަހައްޓަވައިލައްވައިގެން ވާހަކަފުޅު ދައްކަވާ މަންޒަރު ފެންނަ އެ ފޮޓޯ އައިސްފައި ވަނީ ކޯލްގައި މެޑަމް ނަސްރީނާގެ ކިބައިން އައި ހިނިތުންވުމެއްގެ ހިނދުކޮޅެއް ކެޕްޗާ ވެގެނެވެ. ރައީސް ފެންނަނީ ސިލުއޭޓްކޮށެވެ.

ފޯނުން ރައީސް މައުމޫންގެ ލޯބިވާ އަނބިކަނބަލުން ނަސްރީނާ ފެނެ އެވެ. އެކަމަނާ ލޯބިވާ ފިރިކަލުންނާ ވާހަކަފުޅު ދައްކަވާއިރު ދެއްވައިގެން ހުންނެވި ހިނިތުންވުމުން އެ ދެމަފިރިންގެ ހަޔާތުގެ ސާފު ލޯބި ފާޅުވެގެން އާދެ އެވެ. އެކަހަލަ އެހެން ފޮޓޯތަކަށް ވެސް ވާގޮތަށް އެ ފޮޓޯ ސޯޝަލް މީޑިއާގެ އޮއި ތެރޭގައި ބެހި ވަރަށް ދުރަށް ދަތުރު ކުރި އެވެ. އެ ފޮޓޯއާއެކު މައުމޫން ލިއްޔުއްވެވީ މިހެނެވެ:

"ވަރަށް އުފާވޭ [މިހެން] ދުރުގައި އެކަހެރިވެ ހުންނައިރު. ކަލާޔާ [ނަސްރީނާ] ވާހަކަ ދެކެވުމުން... އަޅުގަނޑު ބަލަހައްޓަމުންދާ އޯގާތެރި މުވައްޒިފުންގެ ސަބަބުން އަޅުގަނޑު ރަނގަޅު... ﷲ ގެ ހެޔޮ ރަހުމަތުން އަޅުގަނޑުގެ ހާލު އަންނަނީ ރަނގަޅުވަމުން. އިރާދަކުރެއްވިއްޔާ، ތިޔަ ހުރިހާ ބޭފުޅުންނާއި އާއިލާއާ ވަރަށް އަވަހަށް ބައްދަލުވާނެ،"

އެހާ ލޯބި ލޯބި ޓްވީޓެއް، ކުރިން ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލުގައި 223 ދުވަހު ހުންނަވާފައި ވަޑައިގެން އޮކްޓޫބަރު 16، 2018 ގައިވެސް ރައީސް މައުމޫން ކުރެއްވި އެވެ. އަނބިކަނބަލުން ނަސްރީނާގެ ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވެވި އެ ޓްވީޓަކީ ލޯބީގެ ވަރަށް އަސަރުގަދަ މެސެޖަކަށް ވެގެން ދިޔަ އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުން އެކަމަނާ އަކީ ވަފާތެރިކަމުގައި ދެވަނައެއްނެތް ބޭފުޅެކެވެ. އަދި އެއީ އެންމެ ގާތް އެކުވެރިޔާ އެވެ.

އެ މެސެޖްގައިވާ އިބާރާތްތައް ވަރަށް ގިނަ މީހުން އެމީހުންގެ ޒަވާޖީ ހަޔާތާއި ގުޅުވާލައި ފޭސްބުކުގެ ތެރެއަށް ގެންދިޔަ އެވެ. އެ ހާއްސަ ބަސްކޮޅަކި މިއީ އެވެ: "ކަމަނާގެ ވަފާތެރިކަމަށް ނިމުމެއް ނެތް، ލޯބީގައި ރީތި އެތައް ކަމެއް ހިމެނޭ، ލޯބިވާ އަނބިކަނބަލުން، އެންމެ ގާތް އެކުވެރިޔާ، ތިޔަ ލޮބުވެތި ނިއުމަތަށްޓަކައި ﷲ އަށް ޝުކުރު ކުރަން،"

މި ހުރިހާ މަންޒަރެއް ހިމުން ފުރޭންޏަކުން ފުރާނާލުމުން މިވަގުތުން އެއް ޖުމްލައަކަށް ލިބޭން އޮތީ ވެސް "ހެޔޮހާލުގައި ކަލާ ތިހެން ހިނިތުންވެފައި ހުުރޭ..." އެވެ.

ޖުލައި 14، 1969 ގައި ރައީސް މައުމޫނާއި މެޑަމް ނަސްރީނާގެ ކައިވެނި ބައްލަވައިގަތެވެ. އެ
ކައިވެންޏަށް އަހަރެއް ނުވަނީސް އެއްމާބަނޑު އަންހެން ދެ ބޭފުޅުން -- ޔުމްނާ / ދުންޔާ ލިބިވަޑައި ގަތެވެ -- އެ ފަހުން ދެ ފިރިހެން ބޭފުޅުން --ފާރިސް / ޣައްސާން ލިބިވަޑައި ގަތެވެ.

ޑީއެޗްުގެ 20 ވަނަ ބުރިން ބޭރު ވެގެން އައި އެ ފޮޓޯގަނޑު ފަދައިން މިއީ ބައިގަރުނަށްވުރެ ދިގު ލާފައިވާ ޒަވާޖީ ހަޔާތަކުން އައި ހަގީގީ ލޯތްބެއްގެ ރީތި ރަން ކެވެއްޔެކެވެ. ރާއްޖޭގެ މި ޒަމާނަށް ބަލާނަމަ އެ ދެމަފިރިކަނބަލުންގެ 51 އަހަރުވީ ކައިވެންޏާއެކު އެއީ "ކަޕްލް ގޯލްސް" އެކެވެ. އެ ދެކަނބަލުންގެ ކައިވެނީގެ ރަންޔުބީލް ފާހަގަ ކުރަން ދަރުބާރުގޭގައި ޖުލައި 20، 2019 ގައިގައި ހަފުލާއެއް ބޭއްވެވި އެވެ. އެ ހަފްލާގައި އެ ދެކަނބަލުންގެ ކައިވެނި ހަފްލާގެ ހާއްސަ ޕޯސް އަދި ދިވެހިންގެ ވަރަށް ގިނަ ބަޔަކު ކުރިންސުރެ ލޯބިން ބަލަމުން އައި ފޮޓޯ ރީކްރިއޭޓްކޮށް ފޮޓޯއެއް ނެންގެވި އެވެ.

މިވަގުތު ރައީސް އޮންނެވީ ހޮސްޕިޓަލުގަ އެވެ. އަނބިކަނބަލުން ހުންނެވީ ގޭގަ އެވެ. ހަޔާތަކީ މިކަހަލަ ކަމެކެވެ. ދިރިއުޅުމަކީ ހަނގުރާމައެކެވެ. ކޮންމެ ދެމަފިރިއެއްގެ ދިރިއުޅުމުގައި ވެސް ތަފާތު އެތައް ގޮންޖެހުމެއް ކުރިމަތިލާންޖެހޭ އިރު މި ދެ ބޭފުޅުންގެ ހަޔާތުގައި ވެސް ގައިމަށް އެފަދަ އަޑިތަކާއި އުސްތައް އައިސް ގޮސްފައި ވާނެ އެވެ. ކޮއްކޯފުޅުގެ ވެރިކަމުގައި އެންމެންގެ ލޯކުރިމަތިން ފެނިގެން ދިޔައީ ރައީސް މައުމޫން ޖަލުގައި ހޭދަ ކުރެއްވި ދުވަސްވަރެކެވެ. އަނބިކަނބަލުން ނަސްރީނާ ދެއްކެވި ހިތްވަރެވެ.

ހިތަށް ތަދުވާނެ ވަރު ހިތަށް ގެންނާށެވެ؛ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގެންފިކަން ޔަގީންވުމުން ނަސަންދުރާގައި ވަރަށް ރީތި ހިނތުންވުމެއްގައި އިންނަވައިގެން ރައީސް މައުމޫން ވަރަށް ތަފާތު ވާހަކަފުޅެއް ވިދާޅުވި އެވެ. އެ މަނިކުފާނު އެރޭ ވިދާޅުވި ގޮތުގައި ވެރިކަމުގައި ހުންނަވަނިކޮށް އެ މަނިކުފާނު ދަތުރުކުރެއްވި މަތީންދާ ބޯޓެއްގައި ރައީސް މުހައްމަދު ނަޝީދު އިންނެވިކަން އެނގި ވަޑައިގަތުމުން ބޯޓުމަތީން ބައްދަލު ކޮށްލައްވަ އެވެ. އަދި އެ ބައްދަލުވުމުގައި ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތެއް ރައީސް ނަޝީދު ވިދާޅުވި އެވެ. އެއީ މިނިވަން ޑިމޮކްރެޓިކް އިންތިހާބެއްގައި ރައީސް މައުމޫނާ ވާދަ ކުރައްވާ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމެވެ. އަދި އެފަހަށް އަންނަ އިންތިހާބެއްގައި ރައީސް މައުމޫން، ރައީސް ނަޝީދު ބަލި ކުރައްވާ ކާމިޔާބު ހޯއްދަވައިގެން ވެރިކަމަށް ވަޑައިގަތުމެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގެންނެވި ގޮތަށް އެ އިންތިހާބުގައި ރައީސް މައުމޫން ބަލިވެ ރައީސް ނަޝީދު ކާމިޔާބު ލިބި ވަޑައިގަތީ އެވެ. އަދި ޖެހިގެން އައި އިންތިހާބުގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތާ ދާދި އެއްގޮތަށް އެމަނިކުފާނާ ވާދަ ކުރައްވާ އެ މަނިކުފާނު ބަލި ކުރެއްވީ ރައީސް މައުމޫންގެ ކޮއްކޯފުޅު ރައީސް ޔާމީނެވެ.

"ގާތްގަނޑަކަށް އެގޮތަށް މި ދިޔައީ!" ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ.

މިއަދު ކޮއްކޯފުޅު ރައީސް ޔާމީން ހުންނެވީ ބޭބޭފުޅުގެ ވެރި ކަމުގައި ހެދި ސަރުކާރުގެ މައި ޖަލުގަ އެވެ. ރައީސް މައުމޫން އޮންނެވީ ކޮއްކޯފުޅުގެ ވެރި ކަމުގައި ހެދި އުސް ހޮސްޕިޓަލުގަ އެވެ. ތައުބާ ސޫރަތުގެ 51 ވަނަ އާޔަތުގެ މާނާގައި ވަނީ މިފަދައިންނެވެ: "ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަޅަމެންނަށް ލިޔުއްވަވާފައިވާ ކަމެއް މެނުއީ އަޅަމެންނަށް ނުޖެހޭނެ އެވެ."

އިޖްތިމާއީ ގޮތުން މެޑަމް ނަސްރީނާ ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަން (ޝީ) އަދި ރާއްޖޭގެ ތެލެސީމީއާ ކުދިންނާއި އަންހެނުންގެ ސިއްހަތުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އިރު އެއީ މީޑިއާ ލައިމްލައިޓް ހޯއްދަވަން މަސައްކަތް ކުރެއްވި ބޭފުޅެއް ނޫނެވެ. ނަމަވެސް، ރައީސް މައުމޫން ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި މީޑިއާއަށް އިންޓަވިއު ދެއްވާ ހެއްދެވިއެވެ. ރައީސް ކޯޓަށް ގެންދަވާއިރު އާއިލާގެ ބޭފުޅުންނާއެކު މަގުމައްޗަށް ނުކުމެ ވަޑައިގެންނެވި އެވެ.

ރޮއިސްޓަން އެލިސްއަކަށް ނުވިޔަސް މި ފޮޓޯތަކާއި މި ހަޔާތުން މި ފެންނަނީ ރީތިކޮށް ލިޔެވިދާނެ އަޖައިބެއް ކަހަަލަ "ލަވް ސްޓޯރީ" އެެކެވެ. ރައީސް މައުމޫން ހޮސްޕިޓަލުގައި އެބައޮންނެވި އެވެ. އެހެން އޮންނަވާއިރު ހިތްޕުޅަށް ފިނިކަމެއް ލިބި ވަޑައިގަންނަވަނީ ވީޑިއޯ ކޯލެއްގައި ވިޔަސް ލޯބިވާ އަނބިކަނބަލުން އަދި ރަހުމަތްތެރިޔާ، މެޑަމް ނަސްރީނާ ފެނި ވަޑައިގަތުމުންނެވެ. ގޭގައި ހުންނެވި އަނބިކަނބަލުންގެ ހިތް ފުރެނީ ވެސް ހެެޔޮ ހާލުކޮޅުގައި ފިރިކަލުން ފެނި ވަޑައިގަތުމުންނެވެ. ދިވެހިން ރައްޔިތުން ވެސް އެދޭ ގޮތަކީ އެއި އެވެ. މި އެންމެން ވެސް ކިޔައި ދެނީ "ހެޔޮ ހާލުގައި ކަލާ ތިހެން ހިނިތުންވެފައި ހުރޭ..." އެވެ.

ދިރިއުޅުމަކުން މީހަކަށް ލޯބީގެ މިސާލެއް ދައްކާނަމަ މިއީ ރީތި ނަމޫނާއެކެވެ. ހަޔާތުގެ ގިނަ ކަންކަން އެކުއެކީގައި ތަޖުރިބާ ކުރައްވާފައިވާ އިރު ބަދަލެއް ނައިސް އޮތް އެއްޗަކީ މި ދެ ބޭފުޅުންމެ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ހަދިޔާ ކުރައްވާފައިވާ ލޯތްބާއި ކުލުނެވެ. އަޅާލުމައި އެހީތެރި ކަމެވެ. ހަގީގީ ލޯބި މަރުނުވެ އަބަދަށް ދިރި ދިރި އޮވެ އެވެ.