ލައިފްސްޓައިލް

100 އަހަރުގައި ކާފަ ކުދިންނަށް ކިޔަވައިދޭން ބުރަ މަސައްކަތް

އުމުރުން 100 އަހަރުވާއިރު ގިނަ މީހުންނަށް އަމިއްލަ ހާލައިގެން ތެދުވެލާ ވެސް ނޫޅެވެ އެވެ. ނަމަވެސް 100 އަށް ވެފައިވާ މި ކާފައަށް މިއަދުވެސް މަޖްބޫރުވެފައި ވަނީ ގާޑިޔާ ދެމުން ފަދަ ބުރަ މަސައްކަތް ކުރާށެވެ. އޭނާގެ ޔަތީމު ކާފަ ދަރިންނަށް ތައުލީމު ހޯދައި ދިނުމަށް މި ކާފަ ކިތަންމެ ބަލިކައްޓަސް މަސައްކަތް ކުރަން މަޖްބޫރުވެފައި ވާތީ އެވެ.

އިންޑިޔާގެ އަމްރިތުސަރްގައި ދިރިއުޅޭ މި މީހާ އޭނާގެ ގެ ހުންނަ ސަރަހައްދުގައި އަތްގާޑިޔާ ދަމަން އުޅޭ މަންޒަރުގެ ފޮޓޯތަކާއި ވީޑިއޯތައް މީގެ ދެ ދުވަހެއް ކުރިން އިންޓަނެޓުގައި ވައިރަލް ވެފައި ވެއެވެ. މި މީހާ އޭނާގެ ގާޑިޔަކަށް އަލުއްވާއި ފިޔާ އަދި ތަރުކާރީ އަރުވައިގެން ގަންނާނެއްބާ ގޮވަމުން ގޭގޭ ދޮށަށް ދާ މަންޒަރު ފެނުނު ގިނަ ބަޔަކު ވަރަށް ދެރަވެގެން އެ ވާހަކަ ދަނީ ދައްކަމުންނެވެ.

ހަރްބަންސް ސިންގް ނަމަކަށް ކިޔާ މި މީހާ އަކީ މޯގާ ސިޓީގެ މީހެކެވެ. އުމުރު މަތިން ހަނދާން ނައްތާލާފައި އަލުން އާ ހިތްވަރަކާއެކު އޭނާ މަސައްކަތްކުރަން ނިކުތީ ދިރިއުޅެން ބޭނުންވާ ފައިސާ ހޯދުމަށާއި ކާފަ ދަރިންނަށް ކިޔަވައިދީ އެ ކުދިންގެ ތައުލީމަށް ޚަރަދުކުރަން ފައިސާ ހޯދާށެވެ.

އިންޑިޔާގެ މީޑިއާއާ ވާޙަކަ ދައްކަމުން ހަރްބަންސް ބުނީ އޭނާގެ ފިރިހެންދަރިފުޅު އަދި އޭނާ މިހާރު ބަލަހައްޓަމުންދާ ކާފަދަރިންގެ ބައްޕަ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މަރުވެފައިވާ ކަމަށެވެ. އަދި ފިރިމީހާ މަރުވުމުން މި ދެ ކުދިންގެ މަންމަ އެ ކުދިން ދޫކޮށްލާފައި ފިލައިފި ކަމަށެވެ. އެހެންވެ އޭނާއަށް މަސައްކަތްކުރަން މަޖްބޫރުވީ ކަމަށެވެ.

ދުވާލުގެ އެންމެ އަވިގަދަ ގަޑީގައި ހަރްބަންސް ދަމަމުން ދިޔަ ގާޑިޔަލުގެ ބަރުދަނާއި އެއަށް އަރުވާފައިވާ ތަކެތީގެ ބަރުދަނުގައި ގާތްގަނޑަކަށް 200 ވަރަކަށް ކިލޯ ހުންނާނެ ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ. އެހާ ބަރުކޮށް އޭނާ ގާޑިޔާ ދަމަމުން ދިޔައިރު އެ މަންޒަރު ފެނުނު ކޮންމެ މީހަކުވެސް ތިބީ ހައިރާންވެފަ އެވެ.

ނަމަވެސް އޭނާ މިގޮތަށް ގާޑިޔާ ދަމަނިކޮށް ފެންނަ ފޮޓޯތަކާއި ވީޑީއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވުން ވެގެން ދިޔައީ މި ކާފަގެ ނަސީބަކަށެވެ. މޯގާ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން އެމީހަކަށް ލިބުނު މިންވަރަކުން ހަރްބަންސް އަށް އެހީތެރިކަން ފޯރުކޮށްދޭން މިހާރު ވަނީ ފަށާފަ އެވެ. އަދި ޕަންޖާބު ސަރުކާރަށް ވެސް މި މީހާގެ ވާހަކަ އެނގި ސަރުކާރުން ވެސް މި މީހާއަށް ފައިސާގެ އެހީ ދޭނެކަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.

ޕަންޖާބު ޗީފް މިނިސްޓަރު ކެޕްޓަން އަމަރިންދަރް ސިންގް ޖުލައި 17 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި މިކަން އިއުލާން ކުރައްވަމުން މި ކާފަގެ ކާފަދަރިންނަށް ތައުލީމު ފޯރުކޮށްދިނުމަށް އެހީއެއްގެ ގޮތުގައި ޕަންޖާބު ސަރުކާރުން ފަސް ލައްކަ ރުޕީސް ދޭން ނިންމައިފިކަމަށް ވިދާޅުވެފައި ވެއެވެ.

ތަރުކާރީ ފުރެންދެން އަރުވައިގެން ގާޑިޔާ ދަމަމުން އެމީހާ ދަނިކޮށް ނަގާފައިވާ ފޮޓޮއަކާއެކު ޗީފް މިނިސްޓަރު ކުރެއްވި ޓުވީޓްގައި މި މީހާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ. ގަރުނަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ބަލިކަށި މީހަކު ޔަތީމު ކުދިންތަކެއްގެ ހައްގުގައި ކުރަމުންދާ ބުރަ މަސައްކަތަކީ އެހެން މީހުންނަށް މިސާލެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މޯގާ ޑިސްޓްރިކްޓްގެ އެޑްމިނިސްޓްރޭޝަން އޮފިޝަލުން ވެސް ހަރްބަންސް އާ ބައްދަލުކޮށް އޭނާއަށް ބޭނުންވާ އެހީތަކުގެ މައުލޫމާތު މިހާރު ވަނީ އެއްކޮށްފަ އެވެ.

"އަހަރެމެން އޭނާ އާ ބައްދަލުކުރުމުން އެނގުނީ އެ މީހާއަކީ ވަރަށް ގޮތެއްގައި ހުންނަ މީހެއްކަން. އެއްވެސް އެއްޗަކަށް އެމީހާ ޑިމާންޑެއް ނުކުރި. އޭނާގެ އޮތް ހުރިހާ ވެސް ކަންބޮޑުވުމަކީ ކާފަ ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައިދެވޭނެ ގޮތެއް ނެތުން،" ހަރްބަންސް އާ ބައްދަލުކުރި އޮފިޝަލަކު ވިދާޅުވި އެވެ.