ފިރިމީހާ ނުވަތަ އަނބިމީހާ މަރުވުމުން ދެ ވަނަ ކައިވެންޏެއް ކުރުމަކީ އިންޑިޔާގެ މުޖުތަމައުތަކުގައި އަދިވެސް މީހުން އެހާ ބަލައިގަންނަ ކަމެއް ނޫނެވެ. އަދި މިގޮތަށް ކައިވެނިކުރާ މީހުންނަށް ފުރައްސާރަކޮށް މަލާމާތް ވެސް އަވަށްޓެރިންނާއި ދެކެ ފަރިތަ މީހުންގެ ފަރާތުން ކުރިމަތިވެ އެވެ. އަދި ގާނޫނީ ގޮތުން ވެސް މި މީހުންނަށް ބައެއް މައްސަލަތަކާ ކުރިމަތިވެ އެވެ.
ޒުވާނަކަށް ވިޔަސް ދުވަސްވީ މީހަކަށް ވިޔަސް ހަޔާތުގެ ދަތުރު އެކަނިވެރި ކަމާއެކު ކަޑައްތު ކުރުމަށް ވުރެ ބައިވެރިޔަކާއެކު ކަޑައްތު ކުރުމަކީ އިންސާނީ ހައްގެކެވެ. އިންޑިޔާގެ ރަށަކަށް ނިސްބަތްވާ 71 އަހަރުގެ މި ފިރިހެންމީހާ ދެ ވަނަ ކައިވެންޏެއް ކުރީ އެހެންވެ އެވެ.
މި މީހާގެ ކައިވެނި ކޮށްދިނުމުގައި އެންމެ އިސް ރޯލެއް ކުޅެފައިވަނީ އޭނާގެ އަންހެން ދަރިފުޅު އަދިތީ އެވެ. ބައްޕަގެ ދެ ވަނަ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން އަދިތީ ބުނެފައިވަނީ އޭނާގެ މަންމަ މަރުވެ ބައްޕަ ހުވަފަތްވީތާ މިހާރު ފަސް ވަރަކަށް އަހަރު ވެއްޖެ ކަމަށެވެ.
އަދި ހުވަފަތް ވުމުގެ މާނައަކީ ހަޔާތުގެ ބާކީ އޮތް ދުވަސްތައް އެކަނިވެރިކަމާއެކު ހޭދަކުރުން ނޫން ކަމަށް ފޮޓޯތަކާއެކު އަދިތި ޓުވިޓާގައި ޝެއާކުރި މެސެޖެއްގައި ވެއެވެ.
މި ފޮޓޯތައް ޓުވިޓާގައި ވައިރަލްވެ ވަރަށް ގިނަ ބަޔަކު ވަނީ މިއީ އަދިތީ ވަރަށް ރަނގަޅަށް ކުރި ކަމެއް ކަމަށް ބުނެ މިކަމަށް ތާއީދުކޮށް ކޮމެންޓުތައް ކޮށްފަ އެވެ. އަދި އަލަށް ކައިވެނިކުރި ދެމަފިރިންނަށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުވި މީހުން ވެސް ވަރަށް ގިނަ އެވެ.
"އަހަރެންގެ 71 އަހަރުވީ ބައްޕަ ހުވަފަތްވީތާ ފަސް އަހަރު ފަހުން ދެ ވަނަ ފަހަރަށް ކައިވެނިކޮށްފި. ބައްޕަ ކައިވެނި ކުރީ ވެސް ހަމަ އޭނާ ގޮތަށް ހުވަފަތް ވެފައި ހުރި މީހަކާ. ބައްޕަ ދެ ވަނަ ކައިވެންޏެއް ކުރަން އަހަރެން އަބަދުވެސް ބޭނުންވި. ސަބަބަކީ އެކަނިވެރިކަމާއެކު އެއްވެސް މީހަކު ދިރިއުޅެން ޖެހޭނެކަމަށް އަހަރެން ގަބޫލުނުކުރާތީ. ކޮންމެ މީހަކަށް ވެސް ބައިވެރިޔަކާއެކު ދިރިއުޅުމުގެ ހައްގު އޮންނަން ޖެހޭނެ،" އަދިތީގެ ޓުވީޓުގައި ލިޔެފައި ވެއެވެ.
ނަމަވެސް ބައްޕަގެ ދެ ވަނަ ކައިވެންޏަށް ކުރަން ޖެހުނު މަސައްކަތްތައް ވަރަށް އުނދަގޫކަމަށް އަދިތީ ބުންޏެވެ.
"ހުރިހާ ކަމެއް ވެސް ވަރަށް އުނދަގުލުން ކުރެވުނީ. ސަބަބަކީ ދެ ވަނަ ކައިވެންޏެއް ކުރުމާ މެދު އިންޑިޔާގެ ގާނޫނުތަކުގައި ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ކޮށްފައި ނެތީމަ. އަނެއްކޮޅުން ބައްޕަ ދެ ވަނަ ކައިވެންޏެއް ކުރަން އުޅޭކަން އެނގުމުން ބައެއް އަންހެނުން އޮޅުވާލައިގެން ބައްޕަ އަތުން ފައިސާ ހޯދަން މަސައްކަތް ކޮށްފައިވޭ. އަދި މަކަރު ހަދައިގެން ބައްޕައަށް ލަނޑު ދޭން ވެސް މީހުން އުޅެފައިވޭ. ވީމާ ދެ ވަނަ ކައިވެންޏަކީ އަހަރެމެންގެ މުޖުތަމައު އެހާ ގަބޫލުކުރާ ކަމެއް ނޫންކަން އަހަންނަށް ވެސް ގަބޫލު ކުރެވޭ،" އަދިތީ ބުންޏެވެ.