މަންމައަކާއި ދަރިއަކު އެއްދުވަހެއްގައި އެއް ތަނެއްގައި ކައިވެނި ކުރުމަކީ ވަރަށް މަދުން ނޫނީ ކުރާ ކަމެއް ނޫނެވެ. ހާއްސަކޮށް އިންޑިޔާ ކަހަލަ ގައުމެއްގައި ދެވަނަ ކައިވެންޏަކީ މުޖުތަމައު އެހާ ބަލައިގަންނަ ކަމަކަށް ނުވާއިރު މިފަދަ ގޮތަކަށް މަންމަ އަކާއި ދަރިއަކު ކައިވެނި ކުރުމަކީ ގިނަ ބަޔަކު ވަރަށް އަޖައިބުވީ ކަމަކަށް ވިއެވެ.
އިންޑިޔާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގައި ދިރިއުޅޭ 53 އަހަރުގެ އަންހެނަކާއި އޭނާގެ 27 އަހަރުގެ އަންހެންދަރިފުޅު އެއްދުވަހު އެއް ވަގުތެއްގައި އެއް ތަނެއްގައި ކައިވެނި ކުރުމުން މި ވާހަކަ ވަނީ މުޅި ސަރަހައްދުގައި މިހާރު އެންމެ ގަދަޔަށް ދެކެވޭ ވާހަކައަށް ވެފަ އެވެ. މިއީ އެ ގައުމުން އެހާ ގިނައިން ފެންނަ ކަމަކަށް ނުވީމަ އެވެ. އެއްބަޔަކު ސިފަ ކުރާ ގޮތުގައި މިއީ މިއަހަރުގެ އެންމެ ބޮޑު ކައިވެންޏެވެ.
މަންމަ ކައިވެނި ކުރީ ހަގު އަންހެންދަރިފުޅުގެ ކައިވެނީގެ ރަސްމިއްޔާތު ނިންމައި އެ ކުއްޖާ ފިރިމީހާ އާއެކު ފޮނުވާލުމަށްފަހުގަ އެވެ.
ބިހާރުގެ އުތުރުގައި އޮންނަ ގޯރަކްޕޫރް ޑިސްޓްރިކްޓްގައި މިދިޔަ ހަފުތާ ބަންދުގައި މި ދެ މައިން ކައިވެނިކުރީ އެހިސާބުގެ ޗީފް މިނިސްޓަރުގެ އެހީގައި ގިނަ ބަޔަކަށް އެއް ފަހަރާ ކައިވެނި ކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
"ޗީފް މިނިސްޓަ މާސް މެރިޖް ސްކީމް" ގެ ދަށުން އެ ދުވަހު 63 ޖޯޑެއްގެ ކައިވެނި ކުރުވާފައި ވެއެވެ. މި ހުރިހާ އެންމެންގެ ކައިވެނީގެ ހުރިހާ ކަމެއް ކޮށްދީފައި ވަނީ ސްޓޭޓް ސަރުކާރުންނެވެ.
އޮފިޝަލުން ބުނި ގޮތުގައި ކައިވެނިކުރި މަންމަ، ބޭލީ ދޭވީގެ ފިރިމީހާ އަދި ފަސް ދަރިންގެ ބައްޕަ މީގެ 25 އަހަރު ކުރިން މަރުވުމުން ބޭލީ ދޭވީ ހުވަފަތްވީއިރު އޭނާގެ އުމުރުން 28 އަހަރެވެ. ކުޑަކުޑަ ފަސް ކުދިން ބެލުމަށް ބޭލީ ދޭވީ ވަރަށް ބުރަކޮށް މަސައްކަތްކޮށް ހުރިހާ ދަރިން ވަނީ ބޮޑެތި ކޮށްފަ އެވެ.
ބޭލީ ދޭވީގެ ތިން އަންހެންދަރިންނާއި ދެ ފިރިހެން ދަރިން ތިބިއިރު މިފަހަރު އޭނާއާ އެއް ދުވަހަކު ކައިވެނި ކުރީ އެންމެ ހަގު އަންހެން ދަރިފުޅެވެ.
ބޭލީ ދޭވީ ކައިވެނިކުރީ އޭނާގެ ފިރިމީހާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޖަގްދިޝްއާ އެވެ. އުމުރުން 55 އަހަރުގެ ޖަގްދީޝް މިހާތަނަށް ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ. ބޭލީ ދޭވީގެ ދަރިން ބެލުމުގައި މިހާތަނަށް އޭނާއަށް އެހީތެރިވެ ދިނީ ޖަގްދިޝް އެވެ. ބޭލީ ދޭވީ އިންޑީއާގެ މީޑިއާއަށް ދީފައިވާ އިންޓަވިއުގައި ބުނީ ދެވަނަ ކައިވެންޏަކަށް އޭނާ އެއްބަސްވީ ދަރިން އެކަމަށް ރުހުން ދިނުމުން ކަމަށެވެ.
"އަހަރެންގެ ދެ ފިރިހެން ދަރިންނާއި ދެ އަންހެންދަރިން އުޅެނީ ކައިވެނި ކޮށްގެން. މިފަހަރު މި ކުރުވީ އެންމެ ފަހުން ކައިވެނި ނުކޮށް ހުރި ހަގު އަންހެންދަރިފުޅުގެ ކައިވެނި. އެހެންވެ މި ކައިވެނި ކުރުވާފައި އަހަރެން ވެސް އަހަރެންގެ ޅިޔަނާ ކައިވެނި ކޮށްގެން އާ ދިރިއުޅުމެއް ފަށަން ގަސްތުކުރީ،" ބޭލީ ދޭވީ ބުންޏެވެ.
ބޭލީ ދޭވީއާ އެއް ދުވަހު ކައިވެނި ކުރި އޭނާގެ ހަގު ދަރިފުޅު އިންދޫ ކުމާރީ، 29، ބުނީ މަންމައަށް ހަޔާތުގެ ބައިވެރިޔަކު ލިބުނީތީ އުފާކުރާ ކަމަށެވެ. އަދި ބައްޕަ މަރުވުމަށް ފަހު އެ ހުރިހާ ކުދިން ބެލުމުގައި މަންމައަށް އެހީތެރިވީ ބޮޑުބޭބެ ކަމަށެވެ.
"މިހުރިހާ ދުވަހަކު އަހަރެމެންގެ ހުރިހާ ކަމެއް ކޮށްދިނީ މަންމަ އާއި ބޮޑުބޭބެ. ދެން އެ ދެމީހުން އެކަކު އަނެކަކަށް އަޅާލައިގެން ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅޭނެ ކަމަށް އުންމީދު ކުރަން،" އިންދޫ ބުންޏެވެ.
ގިނަ އަދަދެއްގެ މީހުންގެ ކައިވެނީގެ ރަސްމިއްޔާތު ހަމަޖެއްސުމުގައި އިސްކޮށް މަސައްކަތްކުރި ސަރުކާރު އޮފިޝަލު ބުނި ގޮތުގައި ހުރިހާ ކައިވެންޏެއް ތެރެއިން ވެސް މި ކައިވެނި ހާއްސަވީ މިއީ މަންމަ އަކާއި ދަރިއެއްގެ ހަޔާތުގެ ބިންގަލަކަށް ވީތީ އެވެ.
އޮފިޝަލު ބުނި ގޮތުގައި މީގެން ކޮންމެ ކައިވެންޏަކަށް ސަރުކާރުން 51،000 ރުޕީސް ހޭދަކޮށްފައި ވެއެވެ. އަދި ކޮންމެ ދެމަފިރިއަކަށް ހަދިޔާއެއްގެ ގޮތުގައި 10،000 ރުޕީސް އެމީހުންގެ ބޭންކް އެކައުންޓަށް ޖަމާ ކޮށްދީފައިވާ ކަމަށެވެ.