ލައިފްސްޓައިލް

އިންޑިޔާގެ އެންމެ ބޮޑު އާއިލާގެ 72 މީހުން އަދިވެސް އުޅެނީ އެއްކޮށް

އެއް އާއިލާއެއްގެ ގިނަ ބަޔަކު އެކުގައި އެއް ގެއެއްގައި އުޅުމަކީ މި ޒަމާނަށް ބަލާއިރު ގިނަ މީހުން އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވެ އެވެ. ކޮންމެ މީހަކު ކަހަލަ ގޮތަކަށް މިހާރު ބޭނުންވަނީ ކައިވެނިކޮށްގެން ދިރިއުޅުމެއް ފަށާއިރު އާއިލާގެ އެހެން މީހުންނާ ވަކިން އުޅުމަށެވެ. މައިންބަފައިންނާއެކު ވެސް ދިރިއުޅެން ބޭނުންވަނީ ވަރަށް މަދު ބައެކެވެ.

އިންޑިޔާ ކަހަލަ އާބާދީ ބޮޑު ގައުމުތަކުގައި ވެސް ކަން ހުރީ މިހެންނެވެ. ނަމަވެސް މިއާ ތަފާތު އާއިލާއެއްވެސް އެ ގައުމުގެ މަހާރަޝްތުރާގައި ދިރިއުޅެ އެވެ.

ސޯލާޕޫރު ކިޔާ ރަށުގައި ހުންނަ ގެއެއްގައި ދިރިއުޅޭ މި އާއިލާގައި 72 މީހުން އެބަތިއްބެވެ. މި އެންމެން ވެސް ދިރިއުޅެނީ ހަމަ އެއް ގެއެއްގަ އެވެ.

ބިޔަ ބޮޑު ޑޮއިޖޯޑޭ އާއިލާ އަކީ އަމިއްލަ ވިޔަފާރި ކުންފުނިތަކެއް އޮންނަ އާއިލާ އެކެވެ.

ބީބީސީ ނިއުސް މަރާޓީ އިން ދާދިފަހުން ދެއްކި ރިޕޯޓެއްގައި މި އާއިލާގެ ވީޑީއޯއެއް ދައްކާފައި ވެއެވެ. މި ވީޑިއޯގައި އެ އާއިލާގެ އެތައް ބަޔަކު ގުޅިގެން ގޭތެރޭގެ އެކި އެކި މަސައްކަތްތަކުގައި އުޅޭތަން ފެނެ އެވެ.

ޖުމްލަ 72 މެމްބަރުން އެކުލެވޭ މި އާއިލާގެ މެމްބަރެއް ކަމަށްވާ އަޝްވިން ޑޮއިޖޯޑޭ ބުނި ގޮތުގައި މި އާއިލާގެ ކޮންމެ ދުވަހެއްގެ ކެއުމަށް ވަރަށް ގިނަ އަދަދެއްގެ ކާ އެއްޗެތި ގަންނަން ޖެހެ އެވެ. އެގޮތުން 10 ލީޓަރު ކިރާއި 1،000 ރުފިޔާގެ ތަރުކާރީ ކޮންމެ އިރެއްގެ ކެއުމަކަށް ހޯދަން ޖެހެ އެވެ.

މި އާއިލާއަކީ މަހުގެ ބާވަތްތައް ވެސް ބޭނުންކުރާ އާއިލާއަކަށްވާތީ ކެއުމުގެ ހަރަދުތައް ތިން ހަތަރު ގުނަ އިތުރުކަމަށް އަޝްވިން ބުންޏެވެ.

"އަހަރެމެން ހަނޑުލާއި ފުށް އަދި ގޮވާމުގެ ބާވަތްތައް ގަންނަނީ އެއް އަހަރަށް ވާ ވަރަށް. އެއީ ގާތްގަނޑަކަށް ވައްތަރަކުން 40 ނުވަތަ 50 ބަސްތާ. އަހަރެމެން މިހާ ގިނަ އަދަދަކަށް ގަނޑުކޮށް ނަގާތީ ކާޑުގެ ބާވަތްތައް ނަގަނީ ހޯލްސޭލްކޮށް ވިއްކާ ފިހާރަތަކުން،" އަޝްވިން ބުންޏެވެ.

މި ޖޮއިންޓް ފެމެލީގެ ޅީދަރިންގެ ތެރޭގައި ހިމެނޭ ނައިނާ ޑޮއިޖޯޑޭ މި ވީޑީއޯގައި ބުނާ ގޮތުގައި މި އާއިލާއަށް އުފަންވެ ބޮޑެތިވާ އެންމެންނަށް ވެސް އާއިލާ އާއެކު ދިރިއުޅުން ވަރަށް ފަސޭހަ އެވެ. ނަމަވެސް އާއިލާގެ މީހުންނާ ކައިވެނިކޮށްގެން އަންނަ އެހެން އާއިލާތަކުގެ މީހުންނަށް ފުރަތަމަކޮޅު މި އާއިލާއާއެކު ދިރިއުޅެން ތަންކޮޅެއް އުނދަގުލެވެ.

"އަހަންނަކީ ވެސް މި އާއިލާގެ މީހަކާ ކައިވެނިކޮށްގެން މި އާއިލާއާ ގުޅުނު މީހެއް. އެހެންވެ ފުރަތަމަކޮޅު އަހަރެން ވެސް މި އާއިލާ ބޮޑުކަމުން ވަރަށް ޖެހިލުންވި. ނަމަވެސް އަހަރެންގެ މައިދައިތަ އާއި ފަހަރިން އަދި އެނޫން ވެސް އާއިލާގެ މީހުން އަހަންނަށް އެހީތެރިވެ މި ބިރު ފިލުވާލައި އާއިލާއާއެކު ދިރިއުޅެން ފަސޭހަކޮށްދިން،" ނައިނާ ބުންޏެވެ.

އެހާ ގިނަ ތިމާގެ މީހުންނާއި ކުޑަކުދިން މި އާއިލާގައި ތިބުމުން އެއްވެސް މީހަކަށް އެކަނިވެރިކަން އިހްސާސް ކުރެވޭނެ ކުޑަ ހިނދުކޮޅެއް ވެސް ނުލިބެ އެވެ. ނުވަތަ ބާކީވެފައިވާ ކަމުގެ އިހްސާސް ކުރެވޭނެ ވަގުތެއް ނާދެ އެވެ.

މި ވީޑީއޯގައި ވާހަކަ ދައްކަމުން މި އާއިލާގެ ކުޑަ ކުއްޖެއް ކަމަށްވާ އާދިތީ ޑޮއިޖޯޑޭ ބުނި ގޮތުގައި އެމީހުން އެންމެ ކުޑައިރުވެސް ކުޅެން ގެއިން ބޭރަށް ނުކުމެއެއް ނޫޅެ އެވެ. އާއިލާގައި ކުޑަކުދިން ގިނަކަމުން އަބަދުވެސް އެކުގައި ކުޅޭނެ ގިނަ އަދަދެއްގެ ކުދިން ތިބޭތީ އެވެ.

"އަހަރެމެން އެއް ކުއްޖަކު އަނެއް ކުއްޖަކަށް ބޭނުން އެއްޗެއް ކިޔައި ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތު އޮވޭ. އަހަރެންގެ އެކުވެރިން ވެސް ތިބެނީ އަހަރެމެން އުޅޭ ގޮތުން ހައިރާންވެފަ،" އާދިތީ ބުންޏެވެ.

ޕެންޑެމިކް ތެރޭގައި އެ އާއިލާ އިން ދިރިއުޅުނު ގޮތް އަޝްވިން ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އާއިލާގެ އެންމެން ވެސް އެންމެ އިސްކަން ދިނީ އާއިލާގައި ތިބި ދުވަސްވީ މީހުންގެ ރައްކާތެރިކަމަށެވެ.