ތުރުކީ މީހަކު އޭނާގެ މާބަނޑު އަނބިމީހާ އާއެކު ވަރަށް ރޮމެންޓިކް ސެލްފީއެއް ނެގުމަށް ފަހު ފަރުބަދައެއް މަތިން ވައްޓާލައި މަރާލައިފި އެވެ. މިއީ 2018 ވަނަ އަހަރުގެ ޖޫން މަހު ހިނގި ހާދިސާއެއް ނަމަވެސް އެމީހާ ނެގި ސެލްފީ ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ އިއްޔެ އެވެ.
ހާކަން އޭސަލް އަށް އޭރު 40 އަހަރެވެ. އޭނާގެ އަންހެނުން ސެމްރާ އޭސަލް އަށް 32 އަހަރެވެ. ސެމްރާ އާއި ހާކަން ދިރިއުޅުނީ ތުރުކީގެ ސިޓީއެއް ކަމަށްވާ މުގްލާގަ އެވެ.
ފެތިޔާ ޑިސްޓްރިކްޓްގައި އޮންނަ ބަޓަފްލައި ވެލީ ކިޔާ ފަރުބަދަ މަތީ ހިސާބަކަށް ސެމްރާ ގޮވައިގެން ހާކަން ޗުއްޓީއަކަށް ގޮސް އުޅެމުން އޭނާ 1000 ފޫޓު އުސް ފަރުބަދައިގެ މަތިން ވައްޓާ މަރާލީ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. މިހާ އުހުން ވެއްޓުމުން ސެމްރާ އާއި އޭނާގެ ބަނޑުގައި އޮތް ހަތް މަހުގެ ދަރިފުޅު ވަނީ ވަގުތުން މަރުވެފަ އެވެ.
ހާކަން ބުނަނީ އޭނާ ގަސްތުގައި ސެމްރާ ކޮއްޕާ ވައްޓާލީ ނޫން ކަމަށާއި ދިމާވި އެކްސިޑެންޓަކުން ސެމްރާ ވެއްޓުނީ ކަމަށެވެ. ނަމަވެސް ތުރުކީ ފުލުހުން މި ވާހަކަ ގަބޫލެއް ނުކުރެ އެވެ. މި މަރު ތަހުގީގުކުރި ތުރުކީ ފުލުހުންނަށް ހާކަން އާ ދޭތެރޭ ޝައްކު ވެގެން މައްސަލަ ބެލި ބެލުމުން މިކަމުގައި ހާކަންގެ އަތެއް ވާކަން ޔަގީންވުމުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ 2020 ގެ ނޮވެމްބަރު މަހު އެވެ.
މިހާރު އެ ހާދިސާއަށް އެތައް އަހަރެއް ފަހުން ސެމްރާ ވެއްޓުނު ދުވަހު ހާކަން އާއެކު އޭނާ ނެގި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އަނެއްކާ ވެސް ސެމްރާގެ މަރުގެ ހަނދާންތައް އާވާގޮތް ވީއެވެ.
އިނގިރޭސި ވިލާތުގެ "ދަ ސަން" ނޫހުގައިވާ ރިޕޯޓެއްގައިވާ ގޮތުން ސެމްރާގެ މަރަކީ އެކްސިޑެންޓެއް ނޫންކަމާއި ގަސްތުގައި ހާކަން އޭނާ މަރާލީކަން ޔަގީންކުރެވޭ ކަމަށް ޕްރޮސެކިއުޓަރުން ކޯޓުގައި ބުންޏެވެ.
ހާކަން އޮތީ ސެމްރާގެ ލައިފް އިންޝުއަރެންސް ކޮށްފަ އެވެ. އަދި ސެމްރާ މަރުވެއްޖެނަމަ ވަރަށް ގިނަ އަދަދެއްގެ ފައިސާ މި އިންޝުއަރެންސް ޕޮލިސީގެ ދަށުން ހާކަން އަށް ލިބޭ ގޮތް ވެސް އޭނާ އޮތީ ދުރާލާ ހަދާފަ އެވެ. ހާކަން ގަސްތުގައި ސެމްރާ މަރާލީކަން ޔަގީން ކުރެވުނު އެއް ސަބަބަކީ މިއީ އެވެ.
ސެމްރާ މަރުވުމަށްފަހު ހާކަން އިންޝުއަރެންސް ކުންފުންޏަށް ގޮސް އެ ފައިސާ ނަގަން ހޯދަން އެޕްލިކޭޝަން ހުށަހެޅި އެވެ. ނަމަވެސް ސެމްރާގެ މަރުގެ ތަހުގީގު ނުނިމޭތީ އޭނާއަށް ފައިސާ ދޫކޮށްފައެއް ނުވެ އެވެ. ނަމަވެސް އަދިވެސް ހާކަން ބުނަނީ އޭނާ ގަސްތުގައި ސެމްރާ މަރާލީ ނޫން ކަމަށެވެ.
"ފޮޓޯއެއް ނަގާފައި މަގޭ އަންހެނުން ފޯނު ލީ އޭނާގެ ދަބަހަށް. ފަހުން އަނެއްކާ ބުނެފި ދަބަހުގައި އޮތް ފޯނު ދީބަލާށޭ. އަހަރެން ތެދުވެގެން ގޮސް ދަބަހުން ފޯނުނަގަން އުޅެނިކޮށް އަންހެނުން ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑަށް ބަލާލިއިރު އޭނާ ފެންނަން ވެސް ނެތް. ދަބަހުން ފޯނު ނަގަން އަހަރެން އެޅީ ހަމަ ދެތިން ފިޔަވަޅެއް. އެހާ ކުޑައިރުކޮޅެއް ތެރޭ އޭނާ ވެއްޓުނީ. އަހަރެން ގަސްތުގައި އަންހެނުން ކޮއްޕާ ވައްޓައެއް ނުލަން،" ހާކަން ބުނެފައި ވެއެވެ.