ސޯޝަލް މީޑީއާގެ މިޒަމާނުގައި ދުނިޔޭގެ ކޮންމެ ހިސާބެއްގައި މަޖާ ކަމެއް ހިނގިޔަސް ވަރަށް އަވަހަށް އެކަމެއްގެ ވާހަކަ މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ފެތުރިގެން ދެއެވެ. ޚާއްސަކޮށް އިންޑިޔާގެ ކައިވެނިތަކުގައި ހިނގާ މަޖާ ކަންތައްތަކުގެ ވާޙަކަތައް މިހާރަކަށް އައިސް ވަރަށް ގިނައިން އަޑު އިވެމުން ދެއެވެ. މި ދުވަސްވަރަކީ އިންޑިޔާއަށް ކައިވެނީގެ މޫސުމަކަށް ވުމާއެކު ގިނަ އަދަދެއްގެ ކައިވެނިތައް މި ދުވަސްވަރު ކުރެވޭތޯ ކައިވެނީގެ ހަފުލާތަކުގައި ހިނގާ މަޖާ ކަންތައްތަކުގެ ވާހަކަތައް މި ދުވަސްވަރު އިވާލެއް މާ ގިނަ އެވެ.
މިހާރު ވައިރަލް ވެގެން އުޅޭ ވީޑިއޯ އަކީ ވެސް އިންޑީޔާގައި ދާދިފަހުން ކުރި ކައިވެންޏެއްގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކެއްގެ ވީޑިއޯ އެކެވެ. މި ވީޑިއޯ ބަލާލުމުން ކައިވެނިކުރާ ދެ މީހުން އެ ކައިވެނިކުރަނީ ކޮންމެވެސް މަޖްބޫރީއެއް ވެގެން ކަމާއި އެއީ ގަދަކަމުން ބަޔަކު ކުރުވާ ކައިވެންޏެއްކަން ޔަގީންވެ އެވެ. ސަބަބަކީ ދެ މީހުން އެކަކު އަނެކަކަށް ހަތަރުކަޅިވެސް ހަމަ ނުކުރާތީ އެވެ. އަދި އިންޑިޔާ ކައިވެނިތައްކުރާއިރު އެކަކު އަނެކަކުގެ ކަރުގައި އަޅުވާ މާފަތި އެޅުވި ވަގުތު ވެސް ދެ މީހުން އެކަކު އަނެކަކުގެ ގަޔަށް އަތްލައި ތަޅާފޮޅާ ހެދީމަ އެވެ.
ވީޑީއޯގައި ފެންނަނީ ކައިވެނިކުރާ ދެ މީހުން ސްޓޭޖެއް މަތީގައި އެކަކު އަނެކަކާ ކުރިމަތިލައިގެން ތިއްބަ އެވެ. އެ ދެ މީހުންގެ ތިމާގެ މީހުންތައް އެމީހުންގެ ވަށައިގެން ތިއްބެވެ. ފިރިހެންމީހާ ވެސް ހުންނަނީ ވަރަށް ރުޅިގަދަ ވެފަ އެވެ. އެހެން ހުއްޓާ އަންހެންމީހާ އެއް ފޮނިއެއްޗެއް ލަވައި ކާންދޭން އޭނާއަށް ޖެހުނެވެ. އެމީހާ އެ ފޮނިއެތި ކާން ދޭން އަންހެންމީހާގެ އަނގަޔާ ދިމާލަށް އަތް ދިއްކުރުމުން އަންހެންމީހާ މޫނު އަނެއް ފަރާތަށް އަނބުރާލަނީ އެވެ. އައި ރުޅިން ފިރިހެންމީހާ އެ ކާއެތިކޮޅުން އަންހެންމީހާގެ މޫނުގައި ޖަހާތަން ވެސް ވީޑިއޯގައި ފެނެ އެވެ. އެއާއެކު އަންހެންމީހާ ރުޅިއައިސްގެން ފޮނި ކާއެއްޗެތި ހުރި ތަށިން އެތިކޮޅެއް ނަގައި ފިރިހެންމީހާގެ ގައިގައި ޖަހަ އެވެ.
ފިރިހެންމީހާ އެއަށްވުރެ ގަދަޔަށް ރުޅިއާދެ އެވެ. އާއިލާގެ މީހުން އައިސް ދެ މީހުން ދުރުކުރިއިރު ފިރިހެންމީހާ އަންހެންމީހާގެ މޫނުގައި ދެ ތިން ހަތަރު ފަހަރު ޖަހައިފި އެވެ. މި މަންޒަރުބަލަން ތިބި ގިނަ އަދަދެއްގެ މެހެމާނުން ތިބީ ޝޮކެއްގަ އެވެ. މިފަދަ މަންޒަރެއް ފެނިދާނެކަމަށް އެމީހުން އުންމީދު ނުކުރާތީ އެވެ. އުފާވެރި ކައިވެންޏެއް ބޮޑު ތަޅާފޮޅުމަކަށް ބަދަލުވީމަ އެވެ.
މި ވީޑިއޯއަށް މިހާތަނަށް 2.4 މިލިއަން ވިއުޒް ލިބިފައި ވެއެވެ.