ލައިފްސްޓައިލް

ކައިވެނިކުރި ދުވަސް އަތުގައި ލިޔަން އުޅެނިކޮށް ލަނޑެއް

އެކި ގައުމުތަކުގައި އުޅޭ މީހުން އެމީހުންނަށް އެންމެ މުހިއްމު ތާރީހުތައް ހަނދާން ބަހައްޓަން ހާއްސަ ކަންކަން ކުރެ އެވެ. އެންމެ ލޯބިވާ މީހާ އާ ގުޅުން ހުރި ކަމެއް ނަމަ ކޮންމެހެން ވެސް އެކަންކަން މުޅި އުމުރަށް ހަނދާނުގައި ހުންނަވަރު ކުރާ މީހުން އުޅެ އެވެ. އެގޮތުން މީހަކު އޭނާގެ ކައިވެންޏަށް އަހަރު ފުރުނު ދުވަހު އަންހެނުންނަށް ހާއްސަ ކަމެއް ކޮށްދިނުމުގެ ނިޔަތުގައި މޮޅު ކަމެއް ކުރަން ގސްތުކުރި އެވެ. ނަމަވެސް އޭނާ ކުރަން އުޅުނު ކަންތައް ގޯހުން ގޯހަށް ގޮސް ވަރަށް ލަދުގަންނަން ޖެހޭ ފަދަ ކަމަކަށް އެކަން ވަނީ ވެފަ އެވެ.

މިއީ ފިރިމީހާ އިންތިހާއަށް ލަދުގަންނާނެކަމެއް ކަން އެނގޭއިރު ވެސް އޭނާގެ އަންހެނުން ވަނީ މިކަން ވީ ގޮތް ޓިކްޓޮކް ވީޑިއޯއެއްގެ ޒަރިއްޔާއިން މުޅި ދުނިޔެއަށް ހާމަކޮށްފަ އެވެ.

އެމީހުންގެ ކައިވެންޏަށް އެއް އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރަން ފިރިމީހާ ކުރި މަސައްކަތުން އޭނާއަށް ދިމާވި ލަދުގަންނަން ޖެހޭ ފަދަ ގޮތް މި ވީޑީއޯގައި އެޝްލޭ ޝާލީ ކިޔައިދީފައި ވެއެވެ.

އެޝްލޭ ބުނި ގޮތުގައި އެމީހުން ކައިވެނިކުރި ތާރީޚުގައި އަތުގައި ނުފިލާ ނިޝާނެއް ޖަހާލަން އެ ދެ މީހުން ރޭވި އެވެ. އެގޮތުން އެޝްލޭ ގަސްތުކުރީ ފިރިމީހާގެ ނަމުގެ ފެށޭ އަކުރު އޭނާގެ ކަށި އިނގިލިގައި ޖަހާށެވެ. ފިރިމީހާ ބޭނުން ވަނީ ކައިވެނިކުރި ތާރީހު ޓެޓޫއެއް ގޮތަށް އަތުގައި ޖަހާށެވެ.

އޭނާ އަކުރުތައް ލިޔަން ބޭނުންވީ ރޯމަން ފިގާއިން ކަމަށް ވުމުން ޓެޓޫ އާޓިސްޓަށް އޮޅިގެން 1.1.19 ޖަހަން އުޅެނިކޮށް ޖެހުނީ 11.919 އެވެ. ފިރިހެންމީހާއަށް އެކަން އެނގުނުއިރު ޓެޓޫ ޖަހާ ނިމިއްޖެ އެވެ. އެހެންވެ އެކަމާ ލަދުން އޭނާ ހުރިއިރު އަންހެނުންގެ މަލާމާތުން ވެސް ސަލާމަތެއް ނުވެވުނެވެ.