ލައިފްސްޓައިލް

ގޭގައި އަނބިންގެ ފޮޓޯ ހަރުކުރާ ފިރިން އުޅޭ ގައުމެއް!

އާންމުކޮށް ފިރިން އެމީހުންގެ އަނބިންގެ ފޮޓޯ ގޭގެ ފާރު ފާރުގައި ހަރުކޮށްފައި ބަހައްޓަނީ އެމީހުންނަށް އޮތް ލޯބި ފާޅު ކުރުމުގެ ގޮތުންނެވެ. ނަމަވެސް ކުރީ ޒަމާނުއްސުރެ ކުރަމުންދާ ސަގާފީ ކަމެއްގެ ގޮތުގައި އެކަން ކުރާ ގައުމެއް ދަންނަން ހެއްޔެވެ؟ އެ ގައުމުގައި ކޮންމެ މީހަކުވެސް ކައިވެނިކުރުމަށް ފަހު އަނބިމީހާގެ ފޮޓޯ އޭނާގެ ގޭގެ ފާރުގައި ހަރު ކުރާނެ އެވެ. މި ވާހަކައަކީ ގިނަ ބަޔަކަށް މަޖާ ވާހަކައަކަށް ވެދާނެ އެވެ. ނަމަވެސް މިއީ ބުރޫނާއީ ދާރުއްސަލާމްގައި ޒަމާނުއްސުރެ އޮންނަ ސަގާފަތެކެވެ. ކޮންމެ ފިރިއަކު ވެސް އޭނާގެ އަނބިމީހާގެ ފޮޓޯ އަމިއްލަ ގޭގެ ފާރުގައި ހަރުކުރާނެ އެވެ. މިއީ ކޮންމެހެން އެ ގައުމުގެ ގާނޫނާއި ގަވާއިދުގައި އެކަން ކުރަން ލާޒިމުކޮށްފައި އޮތީމާ ކުރާ ކަމެއް ނޫނެވެ. އެމީހުންނަށް އާދަވެފައި ހުރި ކަމެއް ވީމަ ކުރާ ކަމެކެވެ.

ރަސްކަމެއް ކުރަމުންދާ ބުރޫނާއީ އަކީ ވެސް ކުރިން އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް އިނގިރޭސި ކޮލޮނީ އެކެވެ. ބުރޫނާއީ އަށް މިނިވަންކަން ލިބުނީ 1984 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ގައުމުގައި މިހާތަނަށް ވެސް އޮތީ ރަސްކަމެކެވެ.

މި ގައުމުގެ މުއްސަނދިކަމާ އެއްވަރަށް މި ގައުމުގެ ސަގާފަތްތަކަކީ ވެސް ގިނަ ބަޔަކު ބަހުސްކުރާ މައުލޫއެކެވެ. މީގެ ތެރެއިން އެއް ސަގާފަތަކީ ފިރިހެންމީހާގެ ގޭގައި އޭނާގެ އަނބިމީހާގެ ފޮޓޯ ބެހެއްޓުމެވެ.

ބުރުނާއީގެ އާބާދީގައި ގިނައީ މުސްލިމުންނެވެ. އެގޮތުން އެމީހުންނަށް އެކަކަށް ވުރެ ގިނަ މީހުންނާ ކައިވެނިކުރުން ހުއްދަ އެވެ. އެކަކަށް ވުރެ ގިނަ އަނބިން ތިބިނަމަ އެ ހުރިހާ އަނބިންގެ ފޮޓޯތައް އޭނާގެ ގޭގައި ހަރުކުރެ އެވެ.

އަނބިންގެ އިތުރުން ބުރޫނާއީގެ ރަސްގެފާނުގެ ފޮޓޮއެއް ވެސް ކޮންމެ ގެއެއްގެ ފާރުގައި ވެސް ހަރުކޮށްފައި ހުރެ އެވެ. ނަމަވެސް މިއީވެސް ކޮންމެވެސް ގާނޫނީގޮތުން ކުރަން ޖެހިގެން ކުރާ ކަމެއް ނޫނެވެ. އެމީހުންގެ ސަގާފަތެވެ.

ބުރޫނާއީގެ ރަސްގެފާނަކީ ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ތެރެއިން އެންމެ މުއްސަނދި އެއް ވެރިޔާ އެވެ. ރަސްގެފާނުގެ އަތްޕުޅުގައި 7،000 ވެހިކަލް އޮންނަ ކަމަށް ވެއެވެ.

ބުރޫނާއީގައި ގެތަކަށް ވުރެ ކާރު ގިނަ އެވެ. ގެއެއް ނެތް މީހުންގެ އަތުގައި ވެސް ކާރެއް އޮވެ އެވެ. މި ގައުމުގެ މީހުން އެހާ ގިނައިން ކާރު ގަންނަނީ ގޭހާއި ޑީސަލްގެ އަގު ހެޔޮވީމަ އެވެ.