ކައިވެނީގެ ރަސްމިއްޔާތުތަކަކީ ވަރަށް އުފާވެރި މަޖާ ވަގުތު ތަކެކެވެ. ދެ ފަރާތުގެ އާއިލާ އާއި އެކުވެރިން އަދި މި ރަސްމިއްޔާތަށް އަންނަ މެހެމާނުންގެ މޫނުމަތިން ވެސް އެ ވަގުތު އުފާވެރިކަމުގެ ހިނިތުންވުން ފެންނަން ހުންނާނެ އެވެ. ނަމަވެސް މީހަކު ހިއްސާ ކޮށްފައިވާ މި ވާހަކައިގައި ދިމާވަނީ ވަރަށް ތަފާތު ކަމެކެވެ. ކައިވެނި ކުރުމުގެ ކަންތައް ކުރިޔަށް ދަނިކޮށް އެތަނަށް ފުލުހުން ގޮސް ކައިވެނި ކުރަމުން ދިޔަ ދެ މީހުން ހައްޔަރު ކުރީ އެވެ. ސަބަބަކަށްވީ ކައިވެނި ކުރަން އަންހެންމީހާ ލައިގެން ހުރި ހެދުމަކީ ވަގަށް ނަގާފައިވާ ހެދުމަކަށް ވުމެވެ.
ހަގީގަތުގައި މި ހެދުމަކީ ކައިވެނި ކުރަން ހުރި ފިރިހެންމީހާގެ ކުރީގެ އަނބިމީހާ އެ ދެ މީހުންގެ ކައިވެނީގެ ދުވަހު އަޅައިގެން ހުރި ހެދުމެވެ. ފިރިހެންމީހާ އޭނާގެ ކުރީގެ އަނބިމީހާގެ ހެދުން ވަގަށް ނަގައިގެން އައިސް އޭނާ ފަހުން ކައިވެނި ކުރަން ބޭނުންވި އަންހެންމީހާ އަށް ދިނީ އެވެ. އެ އަންހެންމީހާ އަށް އެއީ ވަގަށް ނަގައިގެން އުޅޭ ހެދުމެއް ކަމެއް ނޭނގުނެވެ. ފިރިހެންމީހާ ގެނެސްދިނީތީ އުފަލުން އޭނާ އެ ހެދުން އެޅީ އެވެ.
މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރީ 38 އަހަރުގެ އަންހެންމީހާ ބުނީ މޭރީ އާއި އެޑަމް އަކީ އޭނާގެ އޮފީހުގައި ކުރިން މަސައްކަތްކުރި ދެ މުވައްޒަފުންނެވެ. ދުވަސްކޮޅެއް ފަހުން މޭރީ އެ ކުންފުނީގެ ވަޒީފާ ދޫކޮށްލި ނަމަވެސް އަދިވެސް އެޑަމް އާއި އޭނާ މަސައްކަތް ކުރަނީ އެ އޮފީހުގައި ކަމަށެވެ.
އެޑަމް އާ އެއް އޮފީހެއްގައި ފަހުން މޭރީ ނޫޅުނަސް އޮފީހުގެ މީހުންނާ މޭރީ އާ ގުޅުން އޮތެވެ. އަދި އެޑަމް އޭނާއަށް ބޭވަފާތެރިވުމުން އޭނާ ކައިރިން ވަރިވަނީ ކަމަށް މޭރީ އޮތީ އޮފީސް މީހާ ކައިރީ ބުނެފަ އެވެ.
އަދި އެޑަމް ކައިރިން ވަރިވެގެން އެމީހުން ދިރިއުޅުނު އެޕާޓްމަންޓުން މޭރީ ނުކުމެގެން ދިޔައިރު އޭނާގެ ކައިވެނީގެ ހެދުމާއި އެނޫން ވެސް އާއިލާގެ ފަރާތުން ލިބިފައިވާ ބައެއް އަގުހުރި ގަހަނާ ލެވުނުތަނެއް ނޭނގި ގެއްލިގެން އުޅޭކަމަށް މޭރީ އޭނާގެ އެކުވެރިޔާ ކައިރީ ބުނެފައި ވެއެވެ. އަދި ފޮށިތަކަށް އެއްޗެތި އެޅިއިރު ކޮންމެވެސް ފޮށީގަނޑަކަށް ލެވުނީ ކަން ނޭނގެއޭ ވެސް މޭރީ ބުނިކަމަށް ވެއެވެ.
އޭގެ އެތައް އަހަރެން ފަހުން ޗެލްސީ ނަމަކަށް ކިޔާ އަންހެނަކާ އެޑަމް ކައިވެނި ކުރަން ތައްޔާރުވެ އޮފީހުގައި މަސައްކަތްކުރާ މި އެކުވެރިޔާއަށް ދައުވަތު ފޮނުވި އެވެ. މޭރީ އާއި އެޑަމް ވަރިކުރަން ޖެހުނީ ވެސް މި ޗެލްސީ އަކާ ހެދި އެވެ.
އެޑަމް އާއި ޗެލްސީގެ ކައިވެންޏަށް އެކުވެރިޔާ ދިޔަ އެވެ. އަދި ޗެލްސީ އަޅައިގެން ހުރި ހެދުން ފެނިފައި މޭރީގެ ހެދުން ގެއްލުނު ވާހަކަ ބުނި ހަނދާން ވިއެވެ. އަދި މޭރީގެ ކައިވެނީގެ ފޮޓޯތައް ފެނިފައި ހުރީމާ އެ ހެދުމާއި މި ހެދުން ހާދަ އެއްވައްތަރޭ އެކުވެރިޔާ ހިތަށް އެރި އެވެ. އެހެންވެ އޭނާ ވަގުތުން ޗެލްސީ އާއި އެޑަމް ކައިވެނިކުރަން ތިއްބާ ނަގާފައިވާ ފޮޓޮއެއް އޭނާ މޭރީއަށް ފޮނުވީ އެވެ. އަދި ދެ ހެދުން ހާދަ އެއްގޮތް ދޯއޭ އެހީ އެވެ.
އެ މެސެޖުގެ ޖަވާބު އެކުވެރިޔާއަކަށް މޭރީ ނުފޮނުވަ އެވެ. އޭގެ ގަޑިއެއްހާއިރު ފަހުން ފެނުނީ ކުއްލިއަކަށް ފުލުހުން އައިސް ކައިވެނީގެ ރަސްމިއްޔާތު އޮތް ތަނަށް ވަން ތަނެވެ. ޗެލްސީ ކައިރީ ފުލުހުން ބުނީ އެއީ ވަގަށް ނަގާފައިވާ ހެދުމާއި ގަހަނާ ތަކަކީ ވަގަށް ނަގާފައިވާ ތަކެތި ކަމަށް ވާތީ އެ ތަކެތި އަނބުރާ ދިނުމަށެވެ. ނަމަވެސް ޗެލްސީ އެކަމަށް އިންކާރު ކޮށް އެޑަމް އާ ދެ މީހުން ވެގެން ފުލުހުންނާ ޒުވާބުކުރަން ފެށުމުން އެ މީހުން ހައްޔަރުކޮށްގެން ގެންދިޔައީ އެވެ.
ހަގީގަތުގައި ވެސް ޗެލްސީ ލައިގެން ހުރީ މޭރީގެ ހެދުމެވެ. އަދި އަޅައިގެން ހުރި ގަހަނާ ތަކަކީ ވެސް މޭރީގެ އާއިލާއިން އޭނާއަށް ދީފައި ހުރި އަގުހުރި ގަހަނާ ތަކެކެވެ.
މޭރީ ބުނި ގޮތުގައި އޭނާ އެހެން އެޕާޓްމަންޓަކަށް ބަދަލުވުމަށްފަހު ވެސް ހެދުމާއި ގަހަނާތައް ނުފެނިގެން އެޑަމް ކައިރީ ވެސް އެތަކެތި ދުށިންތޯ ސުވާލު ކުރި ކަމަށެވެ. ނަމަވެސް އޭނާ ނުދެކޭ ކަމަށް ބުނެ އެޑަމް ދޮގު ހެދި ކަމަށް މޭރީ ބުންޏެވެ.
ޗެލްސީ އަށް ކަފާލާތު ލިބުނީ އޭނާ އަޅައިގެން ހުރި ހެދުމާއި ގަހަނާތައް ޕޮލިސް ސްޓޭޝަނާ ހަވާލު ކުރުމުންނެވެ.
ކަފާލާތުގެ ދަށުން މިނިވަން ވުމުން އެޑަމް އޮފީހަށް އައިސް އެ ފޮޓޯތައް މޭރީއަށް ފޮނުވި މީހާއަށް ވަރަށް ރުޅިގަނޑު ބޭލިކަމަށް އެމީހާ ބުނެފައި ވެއެވެ.