ލައިފްސްޓައިލް

ކޮންގޯ މީހެއްގެ އާދަޔާހިލާފު ކައިވެނި

ކޮންގޯ ފިރިހެނަކު އެއްމާބަނޑު ތިން އަންހެނުންނާ އެއް ފަހަރާ ކައިވެނިކޮށްފި އެވެ. އެ މީހާ މިިތިން މީހުންނަށް ޕްރޮޕޯޒްކުރީ ވެސް އެއްފަހަރާ އެވެ.

ލުވީޒޯ ކިޔާ މި ފިރިހެންމީހާގެ ލޯބީގެ ވާހަކަ ވަރަށް ޝައުގުވެރި އެވެ. އޭނާ އާ އެންމެ ފުރަތަމަ ބައްދަލުވީ އެއްމާބަނޑު މި ތިން އަންހެނުންގެ ތެރެއިން ނަޓާލީ ކިޔާ މީހާ އާއެވެ. އެ ދެ މީހުން ބައްދަލުވެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނެވެ. ނަމަވެސް އެ ދެ މީހުންގެ ލޯބީގެ ވާޙަކަ މުޅިން އެހެން ގޮތަކަށް އެނބުރުނީ ނަޓާލީގެ ގެއަށް ލުވީޒޯ ކުރި ފުރަތަމަ ޒިޔާރަތުގައި ނަޓާލީގެ އެއްމާބަނޑު އަނެއް ދެ އަންހެނުން ކަމަށްވާ ނަޑެގޭ އާއި ނަތާޝާ އާ ބައްދަލުވުމުންނެވެ.

ލުވީޒޯ އަށް އެ ދެ އަންހެނުން ފެނުމުން އެމީހުން ދެކެ ވެސް ލޯބި ވެވުނީ އެވެ. އަދި މި ދެ އަންހެނުން ވެސް އެމީހުންގެ ދައްތަގެ ލޯބިވެރިޔާ އާ އަޅައިގަތީ އެވެ. ލުވީޒޯ ކައިރިން ކައިވެންޏަށް އެހީ މި ތިން އަންހެނުން އެއްފަހަރާ އެވެ. ލުވީޒޯ ކިޔައިދިން ގޮތުގައި އެވަގުތު އޭނާ އަނބުރައިގަނެގެން ނުވެއްޓުނީ ހަމަ ކިރިޔާ އެވެ.

ލުވީޒޯ ބުނީ އޭނާއަށް ހީވަނީ ހުވަފެނެއްގައި އުޅެވޭހެން ކަމަށެވެ. އޭނާއަށް ތިން އަންހެނުން ދެކެ ވެސް ލޯބި ވެވިފައިވާތީ ތިން އަންހެނުންނާ ވެސް ކައިވެނި ކުރެވޭތީ އެވެ.

ނަމަވެސް މި އެއްމާބަނޑު ތިން ބޭނުންނާ ލުވީޒޯ ކައިވެނި ކުރުމަކީ ދެ ފަރާތުގެ އާއިލާ އާއި ގާތް މީހުން އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވި އެވެ. ޚާއްސަކޮށް ލުވީޒޯގެ މައިންބަފައިން މިކަމާ ވަރަށް ނުގަބޫލެވެ. އެހެންވެ ކައިވެނީގެ ރަސްމިއްޔާތުގައި ވެސް އެމީހުން ބައިވެރިނުވި އެވެ.

"އަހަރެން މިކުރާ ކަންތައް އަހަރެންގެ މައިންބަފައިންނަކަށް ނުވިސްނޭ،" ލުވީޒޯ ބުންޏެވެ.

މައިންބަފައިން ނުގަބޫލަސް ތިން އަންހެނުންނާ ކައިވެނިކުރެވުނީތީ ލުވީޒީ ހުރީ އުފަލުންނެވެ. އޭނާ ބުނީ ބައެއް ފަހަރު ބައެއް ކަންކަން ހާސިލުކުރުމަށް ވާން ޖެހޭ ގުރުބާނީ ވެސް ހުންނާނެ ކަމަށާއި މިފަހަރު އޭނާއަށް މައިންބަފައިންގެ ގުރުބާނީ ދޭން ޖެހުނީ ކަމަށެވެ. އެ ވަރުން ވެސް ތިން އަނބިން ގޮވައިގެން އާ ދިރިއުޅުމެއް ފަށަން ލުވީޒޯ ހުރީ މުޅީން ތައްޔާރުވެގެންނެވެ.

އެއް ފިރިހެނަކާ ކައިވެނިކުރުމަކީ އެއްމާބަނޑު މި ތިން ބޭންނަށް ވެސް މާ ބޮޑު މައްސަލައަކަށް ނުވެ އެވެ. އެމީހުން ކުޑައިރުއްސުރެ އުޅެ ބޮޑުވީ އެކަކު އަނެކަކުގެ އެއްޗެތި ޝެއާ ކޮށްގެންނެވެ. ވީމާ މިހާރުއްސުރެ އެމީހުން ގެންދަނީ ފިރިމީހާ ޝެއާ ކުރާނެ ގޮތްތައް ރާވަމުންނެވެ.