ހަބަރު

އަންނަ އަހަރުގެ ނިޔަލަށް މިނިމަމް ވޭޖު ތަންފީޒު ކުރަން ފާސްކޮށްފި

Sep 6, 2020

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި، އަންނަ އަހަރުގެ ނިޔަލަށް މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިނިމަމް ވޭޖް ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނަށް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހު، މަޖިލީހުގެ އިޖުތިމާއީ އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތަށް މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 55 މެމްބަރުންގެ ވޯޓުންނެވެ.

އެންމެ ފުރަތަމަ ހަތް ސިނާއަތަކަށް ވަކިވަކިން އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅަން ހިމަނާފައިވީ ނަމަވެސް، މިހާރު ވަނީ ނުވަ ސިނާއަތަކަށް އިތުރުކޮށްފަ އެވެ.

އެގޮތުން، އެ ސިނާއަތްތަކުގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، ކޮންސްޓްރަކްޝަން، ދަތުރުފަތުރު، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ކުދި އަދި މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތާއި މެރިޓައިމްގެ ސިނާއަތް ހިމެނެ އެވެ.

އެ ބިލުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން އަމުރު ނެރެން ޖެހެނީ ވޭޖް ބޯޑުގެ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. އެ ބިލުގެ ދަށުން ނެރޭ ފުރަތަމަ އަމުރަށް އަންނަ އަހަރު ނިމުމުގެ ކުރިން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރަން ވާނެ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން، 11 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑުގެ ޗެއާޕާސަންއަކަށް ވާނީ އިކޮނޮމިކް މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ. އޭގެ އިތުރުން ފިނޭންސް މިނިސްޓަރު ހުށަހަޅާ ފަރާތަކާއި ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ މެމްބަރަކާއި މަސައްކަތްތެރީން ތަމްސީލުކުރާ ފަސް މެމްބަރެއް އެ ބޯޑުގައި ހިމެނޭނެކަމަށް ބަޔާންކޮށްފައިވެ އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ލަފާދޭނީ ވޭޖް ބޯޑުން ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ލަފާދޭތާ 30 ދުވަހުގެ ތެރޭގައި އެންމެ ކުޑަކޮށް ދެވޭ އުޖޫރަ ކަނޑައަޅާ މިނިސްޓަރު އަމުރެއް ނެރެން ވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެގޮތުން ދެވޭ އުޖޫރަ ކަނޑައެޅުމުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާގެ ޒަރޫރީ ބޭނުންތަކަށް ހިނގާނެ ހަރަދުތަކާއި އިގްތިސާދީ ކަންކަމަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތް ކުރަން ވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅާ މިނިސްޓަރު ނެރޭ އަމުރަކީ ފުރިހަމަ ގާނޫނީ ބާރު ލިބިގެންވާ އެ އަމުރު ރައްދުވާ އެންމެހާ ފަރާތްތަކުން އެ އަމުރަކަށް އަމަލުކުރުން ލާޒިމް އެއްޗެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މިނިމަމް ވޭޖް ކަނޑައަޅައި ނެރޭ އަމުރުގައި މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ ވަރާއި މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި އިތުރުގަޑީގައި ލިބޭ މިންވަރު ކަނޑައަޅަން ވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމަށްޓަކައި ވަޒީފާ ދޭ ފަރާތުން އެ ފަރާތެއްގެ މުވައްޒަފުންނަށް ދެ އުޖޫރައިގެ މައުލޫމާތު ވޭޖް ބޯޑުން ނުވަތަ މިނިސްޓްރީއިން އެދިއްޖެނަމަ ދޭން އެންގުމުގެ ބާރު ބިލުން ބޯޑަށާއި މިނިސްޓްރީއަށް ވަނީ ދީފަ އެވެ.

އެ މައުލޫމާތު ނުދީފި ނަމަ 50،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ބިލު ފޮނުވުމުގެ ކުރިން ވެސް މިނިމަމް ވޭޖް ކަނޑައެޅުމަށް ޓަކައި އިކޮނޮމިކް މިނިސްޓްރީގައި ވޭޖް އެޑްވައިޒަރީ ބޯޑެއް އެކުވާލި އެވެ. ދިރާސާތަކެއް ހެދުމަށް ފަހު، ބޯޑުން ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އެއީ ހުރިހާ ވިޔަފާރިތަކާއި ސިނާއަތްތަކަށެވެ. ފުރަތަމަ ކަނޑައަޅާއިރު ބިދޭސީން ނުހިމަނަން ލަފާ ދިނެވެ.