މިނިމަމް ވޭޖް

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރަން ހުށަހަޅައިފި

Sep 7, 2022

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

މިނިމަމް ވޭޖު ދޭން މަޖުރޫބުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު 2020 ވަނަ އަހަރު އިސްލާހުކޮށް މިނިމަމް ވޭޖު އިއުލާންކުރީ މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރާ ގޮތަށެވެ. މިނިމަމް ވޭޖުގެ އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.

މިނިމަމް ވޭޖު ދިނުމަށް ސަރުކާރުން ގާނޫނު އިސްލާހު ކުރިއިރު އޮތީ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި މިނިމަމް ވޭޖު ބިދޭސީންނަށް ވެސް ދޭން ޖެހޭ ގޮތަށެވެ. އެހެންކަމުން އިސްލާހު މިވަގުތު އޮތް ގޮތުން މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ބިދޭސީންނަށް މިނިމަމް ވޭޖު ދޭން ޖެހެ އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ބިދޭސީއެއް ނަމަ މިނިމަމް ވޭޖް ދޭން ޖެހޭނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކުރުމަށްފަހު އެޑްވައިޒަރީ ބޯޑުން ދޭ ލަފާގެ މަތިން ސަރުކާރުން ކަނޑައަޅާ ތާރީހެއްގައި ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިއިސްލާހު ހުށަހަޅައި ބިލްގެ ފުރަތަމަ ކިޔުން އިއްވާފައިވެ އެވެ.

މިނިމަމް ވޭޖު ތައާރަފް ކުރި އިރު ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކޮށްފައިވާތީ ބައެއް މަދަނީ ޖަމިއްޔާތަކުން މީގެކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެކަމުގެ ސަބަބުން ރާއްޖޭގައި މިހާރުވެސް ބޮއްސުންލާފައިވާ ބިދޭސީންގެ މައްސަލަތައް އިތުރަށް ގޯސްވެދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެ އެވެ.

މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ކުދި ފަންތީގެ ވިޔަފާރިތަކަށް މަހަކު 4،500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް 7،000 ރުފިޔާ އަދި ބޮޑެތި ވިޔަފާރިތަކަށް 8،000 ރުފިޔާ އެވެ.