މިނިމަމް ވޭޖް

ބިދޭސީންގެ މިނިމަމް ވޭޖް ފަސްކުރާ އިސްލާހުގެ ސަބަބުން ވަޒީފާ ނެތް ދިވެހިން އިތުރުވާނެ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ވަޒީފާ ނެތް ދިވެހިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އެމްޓީޔޫސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރައިގެ ގާނޫނު ނުހިނގާނަމަ ވަޒީފާގެ ބާޒާރުގައި ކުޑަ އުޖޫރައެއް ދީގެން ބިދޭސީ މަސައްކަތްތެރީން ލައްވާ މަސައްކަތްކުރުވާ ނާޖާއިޒު ފައިދާ ނެގުމަށް އިތުރަށް މަގުފަހިވާނެ ކަމަށެވެ. އެ އިސްލާހުގެ ސަބަބުން ދިވެހިންނަށް ވަޒީފާ ނުލިބުމުގެ ޝަކުވާ އިތުރުވާނެ ކަމަށާއި މިއީ ދިވެހި މަސައްކަތްތެރީންގެ އަގު ވަޒަން ނުކުރާކަމަށް ފެންނަ ދަލީލެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"މިއިސްލާހުގެ ސަބަބުން ވަޒީފާ ލިބޭ ދިވެހިންގެ އަދަދު އިތުރަށް ދަށްވެ، ރާއްޖޭގެ އަންއެންޕްލޯއިމަންޓްގެ ރޭޓް އިތުރުވެގެންދާނެ." ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އެމްޓީޔޫސީ އިން ފާހަގަކުރި ގޮތުގައި މި އިސްލާހަކީ ބައިނަލްއަގްވާމީ މުއާހަދާތަކާއި ހިލާފުވެ، ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ފަހަތަށް އަޅާ ފިޔަވަޅެކެވެ. މި އިސްލާހަކީ ރާއްޖެއިން ޖެނުއަރީ ހަތަރެއް، 2013 ގައި ސޮއިކޮށްފައިވާ އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަންގެ އީކުއަލް ރެމިއުނެރޭޝަން ކޮންވެންޝަންއާ ހިލާފު އިސްލާހެއް ކަމަށްވެސް ބުނެފައިވެ އެވެ.

ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިންގެ މެދުގައި އޮތް ފަރަގުތައް ނައްތާލައި، މިހާރު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށްވެސް މި ދެ ޖަމިއްޔާ އިން ގޮވާލާފައިވެ އެވެ.

މިނިމަމް ވޭޖު ދޭން މަޖުރޫބުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު 2020 ވަނަ އަހަރު އިސްލާހުކޮށް މިނިމަމް ވޭޖު އިއުލާންކުރީ މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރާ ގޮތަށެވެ. މިނިމަމް ވޭޖުގެ އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.

މިނިމަމް ވޭޖު ދިނުމަށް ސަރުކާރުން ގާނޫނު އިސްލާހު ކުރިއިރު އޮތީ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި މިނިމަމް ވޭޖު ބިދޭސީންނަށް ވެސް ދޭން ޖެހޭ ގޮތަށެވެ. އެހެންކަމުން އިސްލާހު މިވަގުތު އޮތް ގޮތުން މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ބިދޭސީންނަށް މިނިމަމް ވޭޖު ދޭން ޖެހެ އެވެ.

މިނިމަމް ވޭޖު ތައާރަފް ކުރި އިރު ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކޮށްފައިވާތީ ބައެއް މަދަނީ ޖަމިއްޔާތަކުން މީގެކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެކަމުގެ ސަބަބުން ރާއްޖޭގައި މިހާރުވެސް ބޮއްސުންލާފައިވާ ބިދޭސީންގެ މައްސަލަތައް އިތުރަށް ގޯސްވެދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެ އެވެ.

މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ކުދި ފަންތީގެ ވިޔަފާރިތަކަށް މަހަކު 4،500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް 7،000 ރުފިޔާ އަދި ބޮޑެތި ވިޔަފާރިތަކަށް 8،000 ރުފިޔާ އެވެ.