ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައަޅާއިރު، ވިޔަފާރިތަކާއި ކުންފުނިތައް ތިން ފަންތިއަކަށް ބަހާލުމަށް ފަހު ކޮންމެ ފަންތިއަކަށް މިނިމަމް ވޭޖްގެ އަދަދެއް ކަނޑައަޅަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރައްވަމުން އަލީ ނިޔާޒު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ބަހުސަކީ އެތައް އަހަރެއް ވަން ދެން ކުރެވިފައިވާ ބަހުސެއް ކަމަށާއި އެ ކަން ކުރަން ދެން މާ ގިނަ ވަގުތެއް ނަގައިގެން ނުވާނެ ކަމަށެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށް ޓަކައި އިކޮނޮމިކް މިނިސްޓްރީގައި އެކުލަވާލާފައިވާ އެޑްވައިޒަރީ ބޯޑުގެ ރިޕޯޓަށް ރިއާޔަތްކޮށް އަދި މަޖިލީހުގެ ގިނަ މެންބަރުންގެ ވިސްނުމަށް ރިއާޔަތްކޮށް ތިން ފަންތިއަކަށް ވިޔަފާރިތައް ބެހުމަށް ފަހު އެއިން ކޮންމެ ފަންތިއަކަށް ވަކި މިނިމަމް ވޭޖެއް ކަނޑައެޅުމުގެ ވިސްނުމަކަށް ތާއީދު ކުރެވޭ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
އެ ތިން ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާނެ މިނިމަމް ވޭޖްގެ އަދަދުތަކެއް ވެސް ނިޔާޒު ވިދާޅުވެ ދެއްވި އެވެ. އެއީ އެންމެ މަތީ ފަންތީގެ ވިޔަފާރިތަކުން ދޭނެ މިނިމަމް ވޭޖްގެ އަދަދަކަށް 8،000 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް 6،000 ރުފިޔާ އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް 4،000 ރުފިޔާ އެވެ.
ވިޔަފާރިތަކުގެ ފަންތިތައް ކަނޑައެޅުމަށް އޮންނަ އާންމު މިންގަނޑަކީ އެ ވިޔަފާރިއެއްގެ ނުވަތަ ކުންފުންޏެއްގެ ސޭލް ޓާންއޯވާ ނުވަތަ ލިބޭ އާމްދަނީ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އޭގެ ބަދަލުގައި ވިޔަފާރިތަކުގެ ނެޓް ޕްރޮފިޓަށް ރިއާޔަތް ކުރަން ތާއީދު ކުރައްވާ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.
މިނިމަމް ވޭޖް ކަނޑައެޅުން ދިރާސާ ކުރި އިކޮނޮމިކް މިނިސްޓްރީގައިވާ ބޯޑުން ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އެއީ ހުރިހާ ސިނާއަތެއް އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިތަކުގެ މުވައްޒަފުންނަށެވެ. އެކަމަކު އެންމެ ފުރަތަމަ މިނިމަމް ވޭޖް ލާޒިމު ކުރާއިރު ބިދޭސީން ނުހިމަނަން ސަރުކާރުން ނިންމާފައިވެ އެވެ.
ނަމަވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ބޭނުންފުޅުވީ ރައްޔިތުންގެ މަޖިލީހުގެ ލަފައަކާއެކު މިނިމަމް ވޭޖް ކަނޑައެޅުމަށެވެ. އެހެންކަމުން މިނިމަމް ވޭޖްގެ ރިޕޯޓް މަޖިލީހަށް ފޮނުވި އެވެ. މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދަނީ އެ ރިޕޯޓް ދިރާސާ ކުރަމުންނެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، މަޖިލީހުގެ ކޮމިޓީން ރިޕޯޓް ދިރާސާކޮށް މަޖިލީހުގެ ތަޅުމުން އެ ރިޕޯޓް ފާސްކުރާނީ ސަރުކާރަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާނެ އަދަދުތަކަކާ އެކު ލަފާ ދޭ ގޮތަށެވެ. ނަމަވެސް މިހާތަނަށް އެ މަސައްކަތް ލަސްވެފައިވެ އެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވެސް މިނިމަމް ވޭޖް ކަނޑައެޅުން ހިމަނާފައިވެ އެވެ. ބިލުގައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު އޮންނާނީ އެއިރެއްގެ އިކޮނޮމިކް މިނިސްޓަރެވެ. އެކަން ކުރަން މިނިސްޓްރީގައި ބޯޑެއް އެކުލަވާލަން ވެސް ބިލުގައިވެ އެވެ.