ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރާއިރު އެ ގާނޫނުގައި ވަޒީފާ ނެތް ފަރާތްތަކަށް އިނާޔަތެއް ދިނުމުގެ ބާބެއް ހިމަނަން އެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހުމޫދު ހުށަހަޅުއްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޖީހާން ވިދާޅުވީ، މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އެފަދަ ފަރާތްތަކަށް ދައުލަތުގެ ފަރާތުން އެހީތެރިކަން ލިބެން ޖެހޭ ކަމަށެވެ.
ޖީހާން ވިދާޅުވީ، ދިމާވާ ހާލަތަކާ ގުޅިގެން ވަޒީފާ އަދާ ކުރާ މީހެއްގެ އެއްވެސް ކުށެއް ނެތި ވަޒީފާ ގެއްލިގެން ދިއުމުން އެ ފަރާތްތަކުގެ މާލީ ހާލަތު ފަގީރުވެ ނުދިއުމަށް އަދި ވަކި ފަންތިއެއްގައި ހިފެހެއްޓުމަށް ދައުލަތުން އެހީތެރިކަން ދޭން ޖެހޭ ކަމަށެވެ. އަދި ވަޒީފާ ހޯދަން މަސައްކަތްކޮށް ނުލިބިވާ މީހުނަށް ވެސް އެހީތެރިކަން ދޭން ޖެހޭ ކަމަށެވެ.
ޖީހާން ހުށަހެޅުއްވީ މެންބަރު އީސަ ހުށަހަޅުއްވާފައިވާ ބިލު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ދިރާސާ ކުރަމުންދާއިރު އެ ބިލުގައި ވަޒީފާ ނެތް މީހުންގެ އިނާޔަތް ދިނުމުގެ ބާބެއް ހިމެނުމަށެވެ. އެ ބާބުގައި ވަޒީފާ ނެތް މީހުންގެ ދަފުތަރެއް އެކުލަވާލައި ވަޒީފާއެއް ހަމަޖެހެން ދެން އެ ފަރާތްތަކަށް ދައުލަތުން އިނާޔަތެއް ދެމުން ގެންދިއުމަށް ބަޔާން ކުރުމަށެވެ.
"އަންއެމްޕްލޮއިމެންޓް ބެނެފިޓްގެ ބާބެއް އޮންނަން ޖެހޭ. ވަޒީފާ ނެތް މީހުންގެ ދިރިއުޅުން ވަކި ފަންތިއެއްގައި ހިފެހެއްޓުމަށްޓަކައި އަންއެމްޕްލޮއިމަންޓް ބެނެފިޓެއް ދޭން ޖެހޭ. އެ ކަމަށް ހާއްސަ ބާބެއް ހިމަނަން ޖެހޭ. ކޮމިޓީ މަރުހަލާގައި އެ ކަން ކުރުމަށް އަޅުގަނޑު ހުށަހަޅަން." ޖީހާން ވިދާޅުވި އެވެ.
ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމާއި ވަޒީފާ ނެތް ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި ވަޒީފާ ލިބެންދެން އެ މީހުނަށް އިނާޔަތެއް ދިނުމަކީ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހުށަހެޅި "އެޖެންޑާ 19" ގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތަކެކެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާއިރު އެ ބިލު ފާސް ވެގެން ދާން ވާނީ މަސައްކަތްތެރިންނަށް އެމްޑީޕީން ވެފައިވާ ވައުދުތައް ފުދިގެން ދާނެ ގޮތަކަށް ކަމަށެވެ.
މި ގޮތުން މިހާރު ވެސް އެ ބިލުގައި މިނިމަމް ވޭޖެއް ކަނޑައަޅަން ހިމަނާފައިވާއިރު، ކޮމިޓީ މަރުހަލާގައި އެ ބިލު ދިރާސާ ކުރާއިރު ވަޒީފާ ނެތް މީހުންގެ އިނާޔަތުގެ ކަންކަން ވެސް ބިލުގައި ހިމަނަން ޖީހާން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"މި ބިލުގެ ތެރެއިން އެމްޑީޕީން ވެފައިވާ ދެ ވައުދެއް ފުއްދުމުގެ ފުރުސަތު އެެބަ އޮތް. މިނިމަމް ވޭޖް މިހާރު ވެސް ބިލުގައި އެބަ އޮތް. ކޮމިޓީ ސްޓޭޖްގައި އެބަ ޖެހޭ ވަޒީފާ އަދާ ކުރާ ފަރާތްތަކަށް އިނާޔަތެއް ދިނުމުގެ ބައެއް މި ބިލުގައި ހިމަނަން އެކަން ވެސް އަވަސް ކުރަން ޖެހޭ." އާޒިމް ވިދާޅުވި އެވެ.
ޖީހާން ހުށަހެޅުއްވުމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިޖުތިމާއީ ރައްކާތެރި ކަމަކީ "ވަޒީރު ބޭފުޅާ ބޭނުންވާ މީހަކަށް، އެވެނި މިވެނި މީހަކަށް ސިޓީފުޅެއް ފޮނުވައިގެން ކުރާ ކަމަށް ވާނަމަ" ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. އަދި އިންސާފުވެރި ގޮތަކަށް ވެސް ނުވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ގާނޫނަކުން ލާޒިމު ކޮށްގެން މިހާރު ދޮށީ އުމުރުގެ މީހުނަށް ޕެންޝަނެއް ދެވޭ ކަމަށާއި އެކަނިވެރި މައިންނަށާއި ޔަތީމު ކުދިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިނާޔަތާއި އިޖުތިމާއީ ރައްކާތެރިކަން ދެވޭ ކަމަށެވެ. މި ހާލަތުގެ ސަބަބުން ނިކަމެތިވާ މީހުނަށް އެހީވާނެ ގޮތެއް މެންބަރު ޖީހާން ހުށަހެޅުއްވީ ކަމަށެވެ.
ކޮވިޑް-19 އިގެ ބަލިކަމުކަމުގެ ހާލަތު ކުރިމަތިވެފައި ވަނިކޮށް، ގިނަ ބައެއްގެ މުސާރައަށާއި ވަޒީފާއަށް އަސަރު ކޮށްފައި ވާތީ ސަރުކާރުން ތައާރަފު ކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތެރެއިން އިނާޔަތެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. އިނާޔަތް ދޭން ނިންމާފައި ވަނީ އޭޕްރީލް މަހާއި މެއި މަހާއި ޖޫން މަހަށް ކޮންމެ މަހަކު 5،000 ރުފިޔާގެ އިނާޔަތެކެވެ. އޭގެ ފަހުން ވެސް އިނާޔަތް ދޭން ޖެހޭނަމަ އެ ކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.