ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

މިއީ މިނިމަމް ވޭޖާއި ވަޒީފާ ނެތް މީހުނަށް އިނާޔަތެއް ދޭންވީ ވަގުތު: ނަޝީދު

މިއީ މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް އާއި ވަޒީފާ ނެތް ފަރާތްތަކަށް އެލަވަންސްއެއް ހަމަޖައްސަން އެންމެ މުހިއްމު ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާލުވީ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް އާއި ވަޒީފާ ނެތް މީހުނަށް އިނާޔަތެއް ހަމަޖެއްސުމަށް އެންމެ މުހިއްމު ވަގުތަކީ މި ވަގުތު ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ވަޒީފާ ނެތް ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި ވަޒީފާ ލިބެންދެން އެ މީހުނަށް އިނާޔަތެއް ދޭން ޖެހޭ ގޮތަށް ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގައި ވެފައިވާ ވައުދުތަކެކެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގައި ލަފައެއް ދިނުމަށް ޓަކައި އިކޮނޮމިކް މިނިސްޓްރީގައި އެކުލަވާލި ބޯޑުން ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އެއީ ހުރިހާ ސިނާއަތެއްގެ މުވައްޒަފުންނަށެވެ. އެކަމަކު އެންމެ ފުރަތަމަ މިނިމަމް ވޭޖް ލާޒިމު ކުރާއިރު ބިދޭސީން ނުހިމަނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދީފައި ވަނީ ރާއްޖޭގައި މިނިމަމް ވޭޖްގެ ގޮތުގައި 6،000 ރުފިޔާ އާއި 6،500 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގައި މަޖިލީހުގެ ލަފައަކަށް އެދި މިނިސްޓަރު ފައްޔާޒު ވަނީ އެ ދެ ރިޕޯޓް މަޖިލީހަށް ވެސް ފޮނުވާފަ އެވެ. މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި އެ ދެ ރިޕޯޓް ދިރާސާ ވެސް ކުރި އެވެ. އެ ކަމުގައި އާންމުގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި ބައްދަލުވުމެއް ވެސް ބޭއްވި އެވެ.

މިއީ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ މުހިއްމު ވަގުތު ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއިރު، މަޖިލީހުގައި ބޭއްވި އާންމު ބައްދަލުވުމުގައި މިނިމަމް ވޭޖްގެ ލަފާ ދޭ ބޯޑުގެ ރައީސް މަރިޔަމް ހާލިދާ ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި މިނިމަމް ވޭޖް ކަނޑައެޅުން ރަނގަޅު ނުވާނެ ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ރާއްޖެއަށް ވެސް އައުމަށް ފަހުގައި މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ހުއްޓިގެން ދިޔަ އެވެ.