ރައްޔިތުންގެ މަޖިލިސް

ވަޒީފާގެ ގާނޫނުގެ އިސްލާހުތައް ދިރާސާކުރަން ޖޮއިންޓް ކޮމިޓީއަކަށް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަޅުމަށް ބަލައިގަނެ، ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާއި އިޖްތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި އެ ބިލު ތަޅުމަށް ބަލައިގަންނަން ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެހެންކަމުން ބިލު ދިރާސާ ކުރުމަށް ފޮނުވީ އިޖުތިމާއީ ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެން މަސައްކަތް ކުރުމަށެވެ.

އީސަ ހުށަހެޅުއްވި ބިލުގައި ހިމެނޭ ބައެއް ކަންކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް އިތުރުވެގެން ދިޔަ އެވެ. އެއީ ބިލުގައި ބަލީގެ ސަލާން ބުނާ ކޮންމެ ދުވަހަކަށް ޑޮކްޓަރުގެ ލިޔެކިއުން ހުށަހަޅަން ޖެހޭ ގޮތަށް ބިލުގައި އޮތުމުންނާއި
ހަ މަސް ދުވަހަށް ވަޒީފާގެ ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމަށް ބިލުގައި އޮތުމުންނެވެ.

މެންބަރު އީސަ ވިދާޅުވެފައިވާ ގޮތުގައި ޑޮކްޓަރުންގެ ލިޔެކިއުން ހުށަނާޅާ ގޮތަށް 15 ދުވަހަށް ބަލީގެ ސަލާން ނެގޭ ގޮތަށް ކޮމިޓީ މަރުހަލާގައި ބިލަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ޕްރޮބޭޝަން މުއްދަތު ކުރިން ވެސް އޮތް ގޮތަށް ތިން މަސް ދުވަހަށް ބޭއްވުމަށް މަޝްވަރާ ކުރެއްވި އެވެ.

މިނިމަމް ވޭޖާއި ވަޒީފާ ނެތް މީހުންގެ އިނާޔަތުގެ ބާބެއް

ރާއްޖޭގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުން ލާޒިމު ކުރުމަށް ބިލުގައި ހިމަނާފައިވެ އެވެ. ބިލުގައި ބުނާ ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު އޮންނަނީ އިކޮނޮމިކް މިނިސްޓަރަށެވެ. ވަކި އަދަދެއް ކަނޑައެޅުމަށް ބިލުގައި ނެތަސް އެ ކަމަށް ލަފާ ދޭނެ ބޯޑެއް މިނިސްޓްރީގައި އެކުލަވާލުމަށް އޮތެވެ.

ބިލު ފޮނުވުމުގެ ކުރިން ވެސް މިނިމަމް ވޭޖް ކަނޑައެޅުމަށް ޓަކައި އިކޮނޮމިކް މިނިސްޓްރީގައި ވޭޖް އެޑްވައިޒަރީ ބޯޑެއް އެކުވާލި އެވެ. ދިރާސާތަކެއް ހެދުމަށް ފަހު، ބޯޑުން ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އެއީ ހުރިހާ ވިޔަފާރިތަކާއި ސިނާއަތްތަކަށެވެ. ފުރަތަމަ ކަނޑައަޅާއިރު ބިދޭސީން ނުހިމަނަން ލަފާ ދިނެވެ.

މިނިމަމް ވޭޖް ބޯޑުގެ ރިޕޯޓް ދިރާސާކުރަން ވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ފޮނުއްވި އެވެ. އެ ދިރާސާ ކުރުމުގެ ތެރެއިން، ތިން ފަންތީގެ ވިޔަފާރިތަކަށް ވަކި އަދަދުތަކެއް ކަނޑައެޅުމަށް އެމްޑީޕީގެ މެންބަރުން މަޝްވަރާ ކުރި އެވެ. އެއީ މަތީ ފަންތީގެ ވިޔަފާރިތަކަށް 8000 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް 6000 ރުފިޔާ، އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް 4000 ރުފިޔާ ކަނޑައެޅުމަށެވެ.

ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހްމޫދު ވަނީ ބިލުގައި ވަޒީފާ ނެތް މީހުނަށް އިނާޔަތް ދިނުމާ ގުޅޭ ބާބެއް ހިމަނަން ހުށަހަޅުއްވައިފަ އެވެ. އެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވެސް ތާއީދު ކުރެއްވި އެވެ.

ބެލެވޭ ގޮތުގައި ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރާއިރު ވަޒީފާ ނެތް މީހުންގެ އިނާޔަތް ދިނުމުގެ ބިލެއް އެކުލަވާލާނެ އެވެ. އެ ބާބުގައި ވަޒީފާ ނެތް މީހުންގެ ދަފުތަރެއް އެކުލަވާލަން ބަޔާން ކުރާނެ އެވެ. އިނާޔަތެއް ދޭނީ އެ ދަފުތަރުގައިވާ ފަރާތްތަކަށް ވަޒީފާއެއް ހަމަޖެހެން ދެނެވެ. އެއީ އެމްޑީޕީގެ "އެޖެންޑާ 19" ގެ ވައުދު ކަރުދާހުގައިވާ ގޮތެވެ.

މަސައްކަތްތެރިންނަށް މިނިމަމް ވޭޖްއެއް ކަނޑައެޅުމާއި ވަޒީފާ ނެތް މީހުނަށް އިނާޔަތެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހުށަހެޅި "އެޖެންޑާ 19" ގެ މެނިފެސްޓޯގައިވާ ކަރުދާސްތަކުގައިވާ ވައުދުތަކެއް ވެސް މެ އެވެ.