ހަބަރު

ވަޒީފާގެ ގާނޫނުތަކުގެ އިސްލާހުތަކަށް ހިޔާލު ހޯދަން ހުޅުވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފި އެވެ.

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި އެ ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ހިޔާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. އެ ކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ހިޔާލުތައް ހުށަހަޅަން މަޖިލީހުގެ އިދާރާއިން އެދިފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު ދިރާސާ ކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކުންނެވެ.

ބިލުގައި ހިމެނޭ ބައެއް ކަންކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް އިތުރުވެގެން ދިޔަ އެވެ. އެއީ ބަލީގެ ސަލާން ބުނާ ކޮންމެ ދުވަހަކަށް ޑޮކްޓަރުގެ ލިޔެކިއުން ހުށަހަޅަން ޖެހޭ ގޮތަށް ބިލުގައި އޮތުމުންނާއި މިހާރު ތިން މަސް ދުވަހަށް އޮންނަ ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަސް ދުވަހަށް އިތުރު ކުރުމަށް ބިލުގައި އޮތުމުންނެވެ.

ބިލަށް ފާޑުކިއުންތައް އަމާޒުވުމާއެކު، ޑޮކްޓަރުންގެ ލިޔެކިއުން ހުށަނާޅާ ގޮތަށް 15 ދުވަހަށް ބަލީގެ ސަލާން ނެގޭ ގޮތަށް ކޮމިޓީ މަރުހަލާގައި ބިލަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރި އެވެ. އަދި ޕްރޮބޭޝަން މުއްދަތު ކުރިން ވެސް އޮތް ގޮތަށް ތިން މަސް ދުވަހަށް ބޭއްވުމަށް ވެސް މަޝްވަރާ ކުރި އެވެ.

މިނިމަމް ވޭޖާއި ވަޒީފާ ނެތް މީހުންގެ އިނާޔަތުގެ ބާބެއް

ރާއްޖޭގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުން ލާޒިމު ކުރުމަށް ބިލުގައި ހިމަނާފައިވެ އެވެ. ބިލުގައި ބުނާ ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު އޮންނަނީ އިކޮނޮމިކް މިނިސްޓަރަށެވެ. ވަކި އަދަދެއް ކަނޑައެޅުމަށް ބިލުގައި ނެތަސް އެ ކަމަށް ލަފާ ދޭނެ ބޯޑެއް މިނިސްޓްރީގައި އެކުލަވާލުމަށް އޮތެވެ.

ބިލު ފޮނުވުމުގެ ކުރިން ވެސް މިނިމަމް ވޭޖް ކަނޑައެޅުމަށް ޓަކައި އިކޮނޮމިކް މިނިސްޓްރީގައި ވޭޖް އެޑްވައިޒަރީ ބޯޑެއް އެކުވާލި އެވެ. ދިރާސާތަކެއް ހެދުމަށް ފަހު، ބޯޑުން ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އެއީ ހުރިހާ ވިޔަފާރިތަކާއި ސިނާއަތްތަކަށެވެ. ފުރަތަމަ ކަނޑައަޅާއިރު ބިދޭސީން ނުހިމަނަން ލަފާ ދިނެވެ.

މިނިމަމް ވޭޖް ބޯޑުގެ ރިޕޯޓް ވެސް މަޖިލީހުން ދަނީ ދިރާސާ ކުރަމުންނެވެ. އެ ގޮތުން ތިން ފަންތީގެ ވިޔަފާރިތަކަށް ވަކި އަދަދުތަކެއް ކަނޑައެޅުމަށް އެމްޑީޕީގެ މެންބަރުން މަޝްވަރާ ކުރި އެވެ. އެއީ މަތީ ފަންތީގެ ވިޔަފާރިތަކަށް 8000 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް 6000 ރުފިޔާ، އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް 4000 ރުފިޔާ ކަނޑައެޅުމަށެވެ.

ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހްމޫދު ވަނީ ބިލުގައި ވަޒީފާ ނެތް މީހުނަށް އިނާޔަތް ދިނުމާ ގުޅޭ ބާބެއް ހިމަނަން ހުށަހަޅުއްވައިފަ އެވެ. އެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވެސް ތާއީދު ކުރެއްވި އެވެ.

ބެލެވޭ ގޮތުގައި ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރާއިރު ވަޒީފާ ނެތް މީހުންގެ އިނާޔަތް ދިނުމުގެ ބިލެއް އެކުލަވާލާނެ އެވެ. އެ ބާބުގައި ވަޒީފާ ނެތް މީހުންގެ ދަފުތަރެއް އެކުލަވާލަން ބަޔާން ކުރާނެ އެވެ. އިނާޔަތެއް ދޭނީ އެ ދަފުތަރުގައިވާ ފަރާތްތަކަށް ވަޒީފާއެއް ހަމަޖެހެން ދެނެވެ. އެއީ އެމްޑީޕީގެ "އެޖެންޑާ 19" ގެ ވައުދު ކަރުދާހުގައިވާ ގޮތެވެ.