މިނިމަމް ވޭޖް

މިނިމަމް ވޭޖުގައި އެލަވަންސް ހިމަނަން އުޅޭތީ ކަންބޮޑުވެއްޖެ

Jun 13, 2021
3

މުވައްޒަފުންނަށް ލިބޭ އެލަވަންސްތައް ހިމަނައިގެން މިނިމަމް ވޭޖު ކަނޑައެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޓީޔޫގެ ފަރާތުން މިކަން ހާމަކުރީ މިނިމަމް ވޭޖުގެ މައްސަލާގައި އެ ޔޫނިއަނުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެތަނުގެ ޖެނަރަލް ސެކްރެޓަރީ އަދި މިނިމަމް ވޭޖު ބޯޑުގައި އެމްޓީޔޫ ތަމްސީލް ކުރައްވާ މެމްބަރު ފާތިމަތު ޒިމްނާ އެވެ.

ޒިމްނާ ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމަށް ކުރެވޭ މަޝްވަރާތަކުގައި މިހާތަނަށް ވާހަކަ ދެކެވިފައިވަނީ މިނިމަމް ވޭޖު ކަނޑައަޅާއިރު މުވައްޒަފުންނަށް ލިބޭ އެލަވަންސްތައް ހިމަނައިގެން އެކަން ކުރަން ކަމަށެވެ. ސަރުކާރުން އެގޮތަށް ވާހަކަދައްކަނީ މިނިމަމް ވޭޖާ އެކު ސަރުކާރުގެ ބަޖެޓުން ސަރުކާރުގެ މުވައްޒަފުންނަށް ކުރަންޖެހޭ ހަރަދުތައް އިތުރުވާނެތީ އެކަމުގައި ސަރުކާރަށް ލުއި ގޮތްތަކެއް ހޯދުމަށް ބެލެވޭ ކަމަށެވެ.

"ނަމަވެސް އެގޮތަށް އެކަންކުރުމުން މުވައްޒަފުންނަށް ވަރަށް ބޮޑެތި ނިކަމެތި ކަމެއް ލިބިގެން ދާނެ" ޒިމްނާ ވިދާޅުވި އެވެ.

އެލަވަންސްތައް ހިމަނައިގެން މިނިމަމް ވޭޖު ކަނޑައެޅުމުން އެކަން ކުރުމުގެ މަގުސަދު ގެއްލޭ ކަމަށް ބުނެ މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް އަމިއްލަ ޖަމިއްޔާތަކުން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ސަރުކާރުގެ ވާހަކަތަކާއި ކަންކަން ކުރަމުންދާ ގޮތުން މިނިމަމް ވޭޖު ކަނޑައަޅައި ތަންފީޒު ކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށްވެސް ބައެއް މީހުން ދެކެ އެވެ.

މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ އިކޮނޮމިކް މިނިސްޓްރީންނެވެ. ނަމަވެސް މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ކުރާ ތުހުމަތާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށް މަޖިލީހުން ފާސްކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ. އެންމެ ކުޑަ އުޖޫރަ ދެވޭނެ ސިނާއަތްތަކުގެ ގޮތުގައި މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ވަނީ ވަކި ސިނާއަތްތަކެއް ކަނޑައަޅާފަ އެވެ. މީގެތެރޭގައި ހިމެނެނީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، ކޮންސްޓްރަކްޝަން، ދަތުރުފަތުރު، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ކުދި އަދި މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތާއި މެރިޓައިމްގެ ސިނާއަތެވެ.

މިނިމަމް ވޭޖު ބޯޑުގައި އިކޮނޮމިކް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރު ކަނޑައަޅާ ދެ ބޭފުޅަކު ހިމެނޭ ގޮތަށް ޖުމްލަ 11 މެންބަރުން ތިއްބަވަ އެވެ. ދެން ތިއްބަވަނީ ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ މެމްބަރުންނާއި، މަސައްކަތްތެރިން ތަމްސީލުކުރާ ފަސް މެމްބަރެކެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާ ދޭން ޖެހެނީ ވޭޖް ބޯޑުންނެވެ. ލަފާ ދޭތާ 30 ދުވަހުގެ ތެރޭގައި އެންމެ ކުޑަކޮށް ދެވޭ އުޖޫރަ ކަނޑައަޅާ މިނިސްޓަރު އަމުރެއް ނެރެންޖެހެ އެވެ. އެ އަމުރަކީ ފުރިހަމަ ގާނޫނީ ބާރު ލިބިގެންވާ އަދި އެ އަމުރު ރައްދުވާ އެންމެހާ ފަރާތްތަކުން އެ އަމުރަކަށް އަމަލުކުރުން ލާޒިމް އަމުރެކެވެ. އަމުރުު ނެރޭއިރު މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ ވަރާއި މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި އިތުރުގަޑީގައި ލިބޭ މިންވަރު ކަނޑައަޅަން ޖެހެ އެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ތިން ކެޓަގަރީ އަކަށް ބަހާލައިގެން 4،000 ރުފިޔާ އާއި 8،500 ރުފިޔާއާ ދެމެދުގެ އަދަދުތަކެއް ހަމަޖައްސަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ކަމާ ގުޅޭ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި ވަޒީފާ ދޭ ފަރާތުން އެ ފަރާތެއްގެ މުވައްޒަފުންނަށް ދެ އުޖޫރައިގެ މައުލޫމާތު ވޭޖް ބޯޑުން ނުވަތަ މިނިސްޓްރީން އެދިއްޖެނަމަ ދޭން އެންގުމުގެ ބާރު ބޯޑަށާއި މިނިސްޓްރީއަށް ލިބިފައިވެ އެވެ. އެ މައުލޫމާތު ނުދީފި ނަމަ 50،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.