ބޮލީވުޑް

ޓައިގާގެ ފުރަތަމަ ލަވަ ވަރަށް އަވަހަށް ނުކުންނާނެ

ލަވަކިޔުންތެރިއެއްގެ ގޮތުގައި އެކްޝަން ސްޓާ އެކްޓަރު ޓައިގާ ޝްރޮފް ތައާރަފުވާން ތައްޔާރު ވެއްޖެ އެވެ. ޓައިގާގެ އަޑުން ފުރަތަމަ ރެކޯޑް ކުރަނީ "އަންބިލީވަބަލް" ކިޔާ ލަވަ އެކެވެ. މި ލަވައިގެ ޕޯސްޓަރެއް ހޯމަ ދުވަހު ޓައިގާ ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. މި ޕޯސްޓަރާއެކު އޭނާ ލިޔެފައިވާ މެސެޖުގައި ބުނެފައި ވަނީ އޭނާ ކުޅޭ ފިލްމުތަކަށް އަމިއްލައަށް ލަވަ ކިޔާ ނަށަން އަބަދުވެސް ބޭނުންވާ ކަމަށާއި ނަމަވެސް މިހާތަނަށް އެގޮތަށް ކުރިޔަށްދާނެ ހިތްވަރު ނުލިބިފައި ހުރީ ކަމަށެވެ.

ލޮކްޑައުންގެ ތެރޭގައި ވަރަށް ބޮޑަށް އެ މަސައްކަތްތައް ކުރާނެ ގޮތް ހޯދާ އެކަމަށް މަސައްކަތް ކުރި ކަމަށް ވެސް ޓައިގާ ބުންޏެވެ.

ޓައިގާގެ އިންސްޓަގްރާމް މެސެޖުގައި ބުނެފައި ވަނީ މިއީ ގަބޫލު ކުރަން ވެސް ދަތި ތަޖުރިބާއެއް ކަމަށެވެ. އަދި ވަރަށް އަވަހަށް މި ލަވައިގެ ޓީޒާ ބެލުންތެރިންނާ ހަމަޔަށް އަންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓައިގާ ޝެއާ ކުރި ޕޯސްޓަރުގައި އޭނާ ހުންނަނީ މައިކެއް ހިފައިގެން އޯޑިއަންސްގެ ކުރިމަތީގަ އެވެ. ޓައިގާގެ މި ޕޯސްޓަށް އެންމެ ފުރަތަމަ ކޮންމެޓް ކުރީ އޭނާގެ ލޯބިވެރިޔާ އަދި ބަތަލާ ދިޝާ ޕަޓްނީ އެވެ. އޭނާގެ ޕޯސްޓްގައި ވަނީ އަތްތިލަބަޑިޖަހާ ގޮތަށް ދައްކާ އީމޯޖީ ތަކެކެވެ.

މި ލަވައިގެ ޝާއިރުންނަކީ ޑީޖޭ މޭން އާއި އަވިޓޭޝް އެވެ. މި ލަވަ ޑައިރެކްޓް ކޮށްފައި ވަނީ ޕުނީތު މަލްހޯތުރާ އެވެ. ޕަރޭޝްގެ ކޯރިއޮގްރަފީ އަށް ލަވަ ޝޫޓްކުރީ ސަންތާ އެވެ.

ބިގް ބޭންގް މިއުޒިކް އިން ޕްރޮޑިއުސްކުރާ މި ލަވައިގެ ޓީޒާ ވަރަށް އަވަހަށް ރިލީޒްކުރާނެ އެވެ. ޓައިގާ އެންމެ ފަހުން ފެނިފައިވަނީ "ބާގީ 3" އިންނެވެ. އިންޑިޔާ ލޮކްޑައުން އަށް ދިޔައިރު އެ ފިލްމު ވަރަށް ކާމިޔާބު ކަމާއެކު ސިނަމަތަކުގައި ދިޔައީ ދައްކަމުންނެވެ.

ލޮކްޑައުންގައި ގޭގައި ހުރި ދުވަސްތަކުގައި ޓައިގާ ވަރަށް ގިނަ ކަންތައްތައް ކުރާތަނަށް ސޯޝަލް މީޑިއާގައި އޭނާ ވަނީ ޝެއާ ކޮށްފަ އެވެ. އޭގެ ތެރޭގައި ގޭގައި ހުރެގެން ކުރި ވަރަށް ވަރުގަދަ ކަސްރަތުތައް ހިމެނުނެވެ.