ބޮލީވުޑް

"ގަންޕަތު" ގައި ނޯރާ އާއި ނޫޕޫރް ސެނޯން

ސްޕޯޓްސް ޑްރާމާއެއް ކަމަށްވާ "ގަންޕަތު" ކުޅެން ޓައިގާ ޝްރޮފް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ސޮއިކޮށްފަ އެވެ. ވިކާސް ބާލް ޑައިރެކްޓްކުރާ މި ފިލްމުގައި ޓައިގާ ކުޅެނީ މުމްބައިގައި އުޅޭ މާ މޮޅު ބޮކްސިން ތަޅާ މީހެއްގެ ރޯލެވެ.

މިއީ ބައްޕައަކާއި ފިރިހެން ދަރިއެއްގެ އޮތް ވަރުގަދަ ގުޅުމާއި އަދި ވަރަށް ފަގީރު ހާލުގައި އުޅުނު މީހަކު މުއްސަންޖަކަށް ވާ ގޮތް ދައްކުވައިދޭ ފިލްމެއް ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެެ.

އަންނަ ޑިސެމްބަރު މަހު މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވާއިރު ޓައިގާ އާއެކު ބަތަލާގެ ރޯލަށް ނޯރާ ފަތޭހީ އާއި ނޫޕޫރް ސެނޯން ހަމަޖެހިފައިވާ ކަމަށް އިންޑިޔާގެ މީޑިއާ އިން ވަނީ ބުނެފަ އެވެ. ނޫޕޫރް އަކީ މަޝްހޫރު ބަތަލާ ކްރީތީ ސެނޯންގެ ކޮއްކޮ އެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ފިލްމުގައި ލީޑް ބަތަލާގެ ބައި ކުޅޭނީ ނޫޕޫރް އެވެ. ނޯރާ ކުޅޭނީ ދެ ވަނަ ބަތަލާގެ ރޯލެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ޕޫޖާ އެންޓަޓައިންމަންޓުންނެވެ. އެހެންވެ ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނޯރާ މާގިނައިން ޕޫޖާ އެންޓަޓައިންމަންޓުން އޮފީހަށް ދާތީ ނޫސްވެރިން ހީކުރީ "ބެލްބޮޓަމް"ގެ އައިޓަމް ލަވައެއް ނޯރާ އަށް ލިބުނީ ކަމަށެވެ. އަދި އެ ވާހަކަ ނޫސްތަކުގައި ވެސް އެގޮތަށް ޖަހާފައި ވެއެވެ. ނަމަވެސް ނޯރާ އަށް ލިބުނީ "ގަންޕަތު"ގެ މުހިއްމު ރޯލެއް ކަން މިހާރު ވަނީ ޔަގީން ވެފަ އެވެ.

މިހާރު ޓައިގާ ދަނީ މި ރޯލަށް ފިޓްވުމަށްޓަކައި ބޮކްސިން ތެޅުމުގެ ތަމްރީނުތަކެއް ހަދަމުންނެވެ.