ފިނިޕޭޖް

ބޭރުގައި އުޅެގެން ދިޝާއާ ޓައިގާ ކުށްވެރި ވެއްޖެ

ކޮވިޑް-19 އިން ރައްކާތެރި ވާން މަހަރަޝްތުރާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ހިލާފުވެގެން ޓައިގާ ޝްރޮފް އާއި ލޯބިވެރިޔާ ދިޝާ ޕަޓްނީގެ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް މުމްބާއީގެ ފުލުހުން ބުނެފި އެވެ.

މި ދެ ތަރިން ކުށްވެރިވީ ގަބޫލު ކުރެވޭ ކަހަލަ އެއްވެސް އުޒުރެއް ނެތި މަނާ ގަޑީގައި ކާރު ދުއްވާލަން ނުކުމެ އުޅެގެނެވެ.

މުމްބައިގެ ބޭންޑްސްޓޭންޑް އޭރިއާގައި ކާރުގައި ދެވަނަ ބުރަށް މި މީހުން ދަނިކޮށް ފުލުހުން ވަނީ އެމީހުން ހުއްޓުވާފަ އެވެ. އިންޑިއާގެ ނޫހަކަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ ޖިމްގައި ކަސްރަތުކޮށް ނިންމާފައި ނުކުމެ އެމީހުން މަގުމަތީގައި ކާރު ބުރެއް ޖަހާލީ ކަމަށެވެ.

މި ދެ ތަރިންނާ ދެކޮޅަށް ފުލުހުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މި މީހުން ކުށްވެރިވަނީ ޕީނަލް ކޯޑު 188 ގެ ދަށުން ނެރެފައިވާ ގަވާއިދުތަކަށް އަމަލު ނުކޮށްގެން ކަމަށެވެ. މިއީ ބެއިލް ލިބޭ ކުށަކަށް ވާތީ މި ދެ އެކްޓަރުން ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މަހަރަޝްތުރާ ސްޓޭޓް އޮތީ ޖޫން 15 އާ ހަމައަށް ލޮކްޑައުން ކޮށްފަ އެވެ. ލޮކްޑައުން ގަވާއިދު ބުނާ ގޮތުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރަތައް ހެނދުނު 7.00 އިން މެންދުރު ފަހު 2.00 އަށް ހުޅުވާފައި ބެހެއްޓެ އެވެ. ޓައިގާ އާއި ދިޝާ ކުށްވެރިވީ މެންދުފަހު 2.00ގެ ފަހުން ބޭރުގައި އުޅުމުންނެވެ.