ބޮލީވުޑް

ޓައިގާ އާއި ދިޝާ ރުޅިވެއްޖެ ކަމުގެ ޚަބަރުތަކެއް ފެތުރެނީ!

ހަ އަހަރަށް ވުރެ ގިނަ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑް ދެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓްނީ ރުޅިވެއްޖެކަމަށް ބުނާ ޚަބަރުތަކެއް ފެތުރެން ފަށައިފި އެވެ. މިހާ ދިގު މުއްދަތެއްގައި ލޯބި ވެގެން އުޅެފައި ވިޔަސް ޓައިގާ އާއި ދިޝާ އެމީހުންގެ ގުޅުމުގެ ވާހަކަތައް މީޑީއާގައި ކިޔައިދީފައެއް ނުވެ އެވެ. ނަމަވެސް އެމީހުން އެކުގައި ބޭރު ގައުމުތަކަށް ޗުއްޓީ ހޭދަކޮށްލަން ކުރާ ދަތުރު ތަކުންނާއި ރެސްޓޯރަންޓްތަކަށް އާދަވެ ގޮސް އުޅޭތަން ފެނެ އެވެ. އަދި މިއީ ދެ ލޯބިވެރިން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

"ބާގީ 2"ގައި އެކުގައި މަސައްކަތްކޮށްފައިވާ ޓައިގާ އާއި ދިޝާ ވަރަށް ގިނަ ލަވަތައް ވެސް އެކުގައި ކުޅެފައި ވެއެވެ. އަދި ޓައިގާގެ "ބާގީ 3"ގައި ވެސް ދިޝާގެ އައިޓަމް ނަންބަރެއް ހިމެނެ އެވެ.

މީޑީއާ ރިޕޯޓުތައް ބުނަނީ ޓައިގާ އާއި ދިޝާގެ ލޯބީގެ ގުޅުން ކެނޑުނު ނަމަވެސް އެމީހުންގެ މެދުގައި ނަފްރަތާއި ދެކޮޅުވެރިކަމެއް ނެތް ކަމަށެވެ. އަދި ކޯސްޓާރުންގެ ހައިސިއްޔަތުންނާއި ޒަމާންވީ އެކުވެރިންގެ ހައިސިއްޔަތުން ދެ މީހުންގެ ގުޅުން ދެމި އޮންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސެލެބްރިޓީ ލޯބިވެރިން ރުޅިވެއްޖެކަން މި ޒަމާނުގައި އެންމެ އަވަހަށް ޔަގީން ކުރެވޭނީ ސޯޝަލް މީޑިއާގައި އެކަކު އަނެކަކު އަންފޮލޯ ކުރީމަ އެވެ. ނަމަވެސް ދިޝާ އާއި ޓައިގާ އެކަކު އަނެކަކު އަންފޮލޯއެއް ނުކުރެ އެވެ.

ދިޝާ އާއި ޓައިގާ އެމީހުންގެ ލޯބިގެ ގުޅުން ކަނޑާލީ މި އަހަރުގެ ކުރީކޮޅު ކަމަށް ވެއެވެ. އޭގެ ފަހުން ފާއިތުވީ ދުވަސްތަކުގައި ދެ މީހުން ސުލްހަ ވާން ވަރަށް ގިނަ ގުނަ މަސައްކަތްކޮށް އަދި ކާމިޔާބު ވާގޮތެއް ނުވާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.
ދެ ތަރިންގެ ގާތް އެކުވެރިއަކު ހިންދުސްތާން ޓައިމްސް އަށް ބުނެފައިވާ ގޮތުގައި ޓައިގާ އާއި ދިޝާގެ ލޯބީގެ ގުޅުމަށް ވަނީ ނިމުން އައިސްފަ އެވެ. ނަމަވެސް ސަބަބެއް އޭނާއަކަށް ވެސް ނޭނގެ އެވެ. ޔަގީންވާ ކަމަކީ އެ ދެ މީހުން ވެސް މިހާރު ސިންގަލް ކަން ކަމަށް އެމީހާ ބުންޏެވެ.

ޓައިގާގެ ރައްޓެއްސަކު ވެސް މި ވާޙަކަ މީޑީއާ ތަކަށް ޔަގީން ކޮށްދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ވެސް މިކަން އެނގުނީ މީގެ ހަފުތާ ތަކެއް ކުރިންނެވެ. މިކަމާ ގުޅޭ ގޮތުން ޓައިގާ އެއްވެސް ވާހަކައެއް އޭނާ އާ ނުދައްކާ ކަމަށް އެމީހާ ވެސް ބުނެފައި ވެއެވެ.

ފިލްމީ ރޮނގުން ބަލާއިރު ދިޝާގެ "އޭކް ވިލަން ރިޓާންސް" ވަރަށް އަވަހަށް ރިލީޒްކުރާނެ އެވެ. މި ފިލްމުގައި ޖޯން އަބްރަހަމް އާއި އަރްޖުން ކަޕޫރު އަދި ތާރާ ސުތާރިއާ ވެސް ބައިވެރި ވެއެވެ. މީގެ އިތުރުން "ޔޯދާ"، "ކޭޓީނާ" އަދި "ޕްރޮޖެކްޓް ކޭ" ކިޔާ ފިލްމެއް ދިޝާ ކުޅެން ލިބިފައި ވެއެވެ.

ޓައިގާ މިހާރު ކުޅެމުންދަނީ ކްރީތީ ސެނޯން އާއެކު ކުޅޭ "ހީރޯޕަންތީ 3" އެވެ. އަދި "ގަންޕަތު" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް އޭނާ ކުރަމުން އެބަ ދެއެވެ. އަދި ޓައިގާ ބަތަލުގެ ބައި ކުޅޭ "ސްކްރޫ ދީލާ" ކިޔާ ފިލްމެއް ވެސް މީގެ ދެ ދުވަހެއް ކުރިން ކަރަން ޖޯހަރް އިއުލާން ކޮށްފައި ވެއެވެ.