ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓްނީގެ ލޯބީގެ ވާހަކައަކީ އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ. މި ދެ އެކްޓަރުން މިހާ ސިއްރު ކޮށްގެން އުޅޭ މި ވާހަކަ ޓައިގާގެ ބައްޕަ އަދި އެކްޓަރު ޖެކީ ޝްރޮފް މިހާރު ވަނީ ފަޅާ އަރުވާލާފަ އެވެ.
ޖެކީ ދާދި ފަހުން ދިން އިންޓަވިއު އެއްގައި ޓައިގާ އާއި ދިޝާގެ ގުޅުމާ މެދު ކީކޭތޯ ބުނަނީ ނޫސްވެރިއަކު ސުވާލު ކުރި އެވެ. ޖެކީ ބުނީ އުމުރުން 25 އަހަރުގައި ޓައިގާ ލޯބީގެ ގުޅުން ފަށައިފި ކަމަށެވެ. އަދި ލޯބިވެރިއަކު ހުއްޓަސް ކެރިއަރަށް ޓައިގާ ވަރަށް ރަނގަޅަށް ފޯކަސް ކޮށްގެން ހުރިކަމަށް ޖެކީ ބުންޏެވެ.
ޖެކީ ބުނީ ޓައިގާގެ ލޯބީގެ ވާހަކައަށް ވުރެ އޭނާގެ ކެރިއަރުގެ ވާހަކަތައް މާ ގިނައިން އިވޭ ކަމަށެވެ.
ޓައިގާ އާއި ދިޝާގެ މުސްތަގްބަލާ މެދު ބުނާނީ ކީކޭތޯ ސުވާލުކުރުމުން ޖެކީ ބުނީ 25 އަހަރު ފުރުނީއްސުރެ ލޯބިވެގެން އުޅުނަސް އެދެ މީހުންގެ މެދުގައި ވަރަށް ގާތް އެކުވެރިކަމެއް ވެސް މިއަދާ ޖެހެންދެން ވެސް އޮތް ކަމަށެވެ. އެކަމަކު ކުރިމަގުގައި އެމީހުންގެ ގުޅުން ދާނީ ކޮން މިސްރާބަކަށް ކަމެއް ބުނަން އޭނާއަށް ނޭނގޭ ކަމަށް ޖެކީ ބުންޏެވެ.
"ޓައިގާގެ ކެރިއަރާއި އޭނާ އާ ދެމެދަށް އޭނާގެ ބައްޕައަކަށް ވެސް މަންމައަކަށް ވެސް ކޮއްކޮއަކަށް ވެސް އަދި ލޯބިވެރިޔާ އަކަށް ވެސް ނުވަދެވޭނެ. އެއަށް ވުރެ އޭނާ މާ އެކަމަށް ފޯކަސް ކޮށްގެން ހުރީ،" ޖެކީ ބުންޏެވެ.