ދިޝާ ޕަޓްނީ އާއި ޓައިގާ ޝްރޮފްގެ ޒަމާންވީ ލޯތްބަށް ނިމުން އައިތާ ދުވަސްކޮޅެއް ފަހުން ދިޝާ އާ ލޯބިވެރިޔަކާ އެކު ބޭރު ތެރޭގައި އުޅެނިކޮށް ފެންނަން ފަށައިފި އެވެ.
ދިޝާގެ މިފަހަރުގެ ލޯބިވެރިޔަކީ ސާބިއާގެ މޮޑެލް އެކެވެ. އަދި އޭނާގެ ޖިމް ޓްރެއިނަރެވެ.
އެލެކްސެންޑާ އެލެކް ލިލިކް ނަމަކަށް ކިޔާ މި މީހާއާ އެކު ދިޝާ ރޮމެންޓިކް ކެއުންތަކަށް ރޭގަނޑު ގަޑީގައި ދާތަން މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ. އެގޮތުން ދާދިފަހުން ވައިރަލް ވެފައިވާ ވީޑިއޯ އެއްގައި ވެސް ދިޝާ އާއި އެލެކްސެންޑާ އެކުގައި މުމްބައިގެ ނަން މަޝްހޫރު ރެސްޓޯރަންޓަކަށް ވަންނަނިކޮށް ފެނެ އެވެ.
މި ވީޑިއޯ އިން ފެންނަ ސާބިއާގެ މޮޑެލް އަކީ ވަރަށް ރީތި ފިރިހެނެއް ކަމަށް ދިޝާ އާއި ޓައިގާގެ ފޭނުން އެއްބަސްވެފައި ވެއެވެ. ނަމަވެސް އެމީހުންނަށް ދިޝާއާ ދިމާނުކޮށެއް ވެސް ހިތްހަމައެއް ނުޖެހުނެވެ.
"ޓައިގާ ބާއީ ދެކެ ބިރެއް ނުގަނޭތަ؟" ވީޑިއޯއަށް ކޮމެންޓުކުރި މީހަކު ސުވާލު ކޮށްފައިވެ އެވެ.
"އާ ލޯބިވެރިޔާތަ؟" ދެވަނަ މީހަކު ސުވާލު ކުރި އެވެ.
ޓައިގާ އާއި ދިޝާ ރުޅިވި ވާހަކަ މީގެ މަސް ތަކެއް ކުރިން އިންޑިއާގެ ނޫސްތަކުގައި ލިޔުމުން އެމީހުންގެ ފޭނުން އުންމީދުކޮށްގެން ތިބީ މިއީ ދުވަސްކޮޅެއްގެ ވަކިވުމެއް ކަމަށާއި އެ ދެ އެކްޓަރުން އަލުން ރައްޓެހިވާނެ ކަމަށެވެ. ނަމަވެސް ފަހުގެ ބަހަރުތައް ބުނާ ގޮތުގައި ޓައިގާ އާއި ދިޝާގެ މެދުގައި ޖެހުނީ ހައްލު ނުކުރެވޭ ކަހަލަ ބޮޑެތި މައްސަލަ ތަކެކެވެ. އެހެންވެ ދެ މީހުންވެސް ސުލްހައިގައި ވަކިވީ އެވެ. އަދި މިއީ ވަގުތީ ވަކިވުމެއް ނޫންކަމާއި އެމީހުން ދެން ސުލްހަވާން މަސައްކަތް ނުކުރާނެ ކަމަށްވެ އެވެ.