ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓްނީގެ ހަ އަހަރުވީ ލޯބީގެ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިއްޖެ ކަމަށް އިންޑީއާގެ ނޫސްތަކުން ފާއިތުވީ ދެ ތިން ދުވަހު ޚަބަރު ފަތުރަމުން އެބަ ދެއެވެ. ނަމަވެސް މި ދެ އެކްޓަރުން ކުރެ އެކަކު ވެސް މިކަމާ ގުޅޭ ގޮތުން އެއްޗެކޭ ނުބުނެ އެވެ.
ފަހުގެ ޚަބަރެއް ބުނާ ގޮތުގައި ޓައިގާ އާ ވަކިވާން ނިންމީ ދިޝާ އެވެ. ޓައިގާ އާއި އޭނާ މިއަހަރު ކައިވެނިކުރަން ދިޝާ ބޭނުންވި ކަމަށާއި ނަމަވެސް އަދި ކައިވެންޏަކަށް ޓައިގާ ތައްޔާރު ނޫން ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.
"އާ ގެއެއް ގަނެ، މައިންބަފައިންނާ މުޅިން ވަކިން ޓައިގާ ދިރިއުޅޭތާ އެތައް އަހަރެއް ވެފައިވާއިރު އާ ގެއަށް ބަދަލު ވީއްސުރެ ދިޝާ ދިރިއުޅެމުން ދިޔައީ ޓައިގާ އާ އެއް ގެއެއްގައި. އެގޮތަށް އެތައް އަހަރެއް އެކުގައި އުޅުމަށްފަހު ދިޝާ މިހާރު ބޭނުންވަނީ ކައިވެނިކުރަން،" ދިޝާ އާއި ޓައިގާގެ ގާތް މީހަކު އިންޑިޔާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ދިޝާ ކައިވެނިކުރަން ބޭނުންވާ ވާހަކަ އެކި ފަހަރު މަތިން ޓައިގާ ކައިރީގައި ބުނެފައިވާ ކަމަށާއި ކޮންމެ ފަހަރަކުވެސް ޓައިގާ އެ ވާހަކަ އޮއްބާލަނީ ކަމަށް ވެއެވެ.
ދިޝާ އާއި ޓައިގާ ރުޅިވި ޚަބަރުތައް ފެތުރެން ފެށުމުން ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް ވެސް މި ކަމާ ގުޅޭ ގޮތުން ކޮމެންޓު ކޮށްފައި ވެއެވެ. ޖެކީ ބުނި ގޮތުގައި ޓައިގާ އާއި ދިޝާ އަކީ އަބަދުވެސް ގާތް ދެ އެކުވެރިން ކަމަށާއި އަދިވެސް އެމީހުންގެ މެދުގައި އެ އެކުވެރިކަން އެބައޮތް ކަމަށެވެ.
"އެމީޙުން އެކުގައި ބޭރަށް ގޮސް އުޅޭތަން އަހަންނަށް ވަރަށް ގިނައިން ފެނޭ. އަހަރެންގެ ދަރިފުޅުގެ ލޯބީގެ ހަޔާތުގައިވާ ކަންކަން އަހަރެންނެއް ނުބަލަން. އެއީ އަދި އަހަރެން ކުރަން ބޭނުންވާ ކަމެއް ވެސް ނޫން. އަހަރެމެންނާއި ދިޝާ އާ ވަރަށް ގާތް ގުޅުމެއް އޮވޭ. އަހަންނަށް ހީވަނީ އެމީހުންގެ މެދުގައި އޮންނަނީ ވަރަށް ގާތް އެކުވެރިކަން ހެން،" ޖެކީ ބުންޏެވެ.