ބޮލީވުޑް

ކޯރިއޮގްރާފަރު ރާހޫލް ޝެޓީގެ ދުނިޔޭގެ ރެކޯޑެއް

"ރޭސް 3"، އޭބީސީޑީ ފްރެންޗައިސް، ބާޣީ 2، ހައުސްފުލް 4 އަދި ސްޓްރީޓް ޑާންސާ 3ޑީގެ ލަވަތަކުގެ ނެށުންތައް ތައްޔާރުކުރި ޒުވާން ކޯރިއޮގްރާފަރު ރާހޫލް ޝެޓީ ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ.

ރިތިކް ރޯޝަން، ޓައިގާ ޝްރޮފް، ވަރުން ދަވަން ފަދަ އެކްޓަރުން ލައްވާ އޭނާގެ ސްޓެޕް ތަކަށް ނަށުވާފައިވާ ރާހޫލްގެ ނަން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އަށް އެރީ 270 ބައިވެރިންނާއެކު ރޯލާ ސްކޭޓިން ޑާންސް ރޫޓިން އެއް ފުރިހަމަ ކޮށްގެންނެވެ. މި ރެކޯޑް އޭނާ ހެދީ ބެންގަލޫރުގެ ޝިވް ގަންނާ ރޯލާ ސްކޭޓިން ކްލަބްގަ އެވެ.

މި ކާމިޔާބީން އުފަލުން ހުރި ރާހޫލް އިންޑިޔާ ނޫހަކަށް ބުނި ގޮތުގައި "ގިނިސް ވޯލްޑް ރެކޯޑް" އަކީ އޭނާއަށް ވަރަށް މުހިއްމު އެވޯޑެއް ކަމަށާއި އެކަމާ ވަރަށް ފަހުރުވެރިވާ ކަމަށެވެ.

މިފަދަ ރެކޯޑަކަށް މަސައްކަތް ކުރުމަށް ހިތްވަރު ލިބުނު ގޮތް ވެސް ރާހޫލް ކިޔައިދިނެވެ.

"އަހަރެން ވަރަށް ކުޑައިރު މަންމަ އާއި ބައްޕަ ގަނެދިން 'ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް' ގެ ވަރަށް ބޯ، ބޮޑު ފޮތެއް. އޭގައި ވަރަށް ރީތި ކުލަ ފޮޓޯތައް ވެސް ޖަހާފައި ހުރި. އެހެންވެ އެ ފޮޓޯތަކަށް ބަލައިގެން އެ އެއްޗެތި ކިޔައި ހެދީމަ އެހާ ކުޑައިރުއްސުރެ އަހަރެންގެ ހިތުގައި މި ރެކޯޑްތަކުގެ ކަންކަން ހުރީ ބިންވަޅު ނެގިފައި. އަދި ކުޑައިރުއްސުރެ ހިތަށް އަރާ އަހަރެންގެ ނަން ވެސް އެ ފޮތުގައި އޮންނާނެ ނަމައޭ، އެހެންވީމާ އޭރުއްސުރެ އަހަރެންގެ ސިކުނޑި އެކަމަށް ތައްޔާރުވަމުން ދިޔައީ އަހަންނަށް ވެސް އެނގުމަކާ ނުލައި،" ރާހޫލް ބުންޏެވެ.

ކަން ދިމާކުރި ގޮތުން ރާހޫލް ނެށުމުގެ ރޮނގުން ކުރިޔަށް ގޮސް ކޯރިއޮގްރާފަރު ރޭމޯ ޑިސޫޒާ އާއެކު މަސައްކަތް ކުރަން ފެށުމުން އިތުރަށް ދުނިޔޭގެ ރެކޯޑްގެ ޝައުގުވެރިކަން އާލާވި އެވެ. ސަބަބަކީ ރޭމޯ އަކީ ވެސް ނެށުމުގެ ދުނިޔޭގެ ރެކޯޑް އޮތް މީހަކަށް ވާތީ އެވެ.

އެ ރެކޯޑް ވަރަށް ރީތިކޮށް ފްރޭމްކޮށްފައި ރޭމޯގެ އޮފީހުގެ ފާރުގައި ހަރުކޮށްފައި ހުރި ތަން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރާހޫލް އަށް ފެނެ އެވެ. އަދި އޭނާގެ ނަމުގައި އެ ފަދަ ރެކޯޑެއް ހެދޭނެ ދުވަހަކަށް ރާހޫލް އުންމީދުކުރެ އެވެ. އެފަދަ ބުރަ މަސައްކަތެއް އޭނާއަށް ކޮށް ކާމިޔާބު ލިބުނީ ރޭމޯގެ ހިތްވަރާ އެކު ކަން ރާހޫލް ފާހަގަ ކުރި އެވެ.