ބޮލީވުޑް

"އޭބީސީޑީ 3"ގެ ބަތަލަކަށް ހޮވާނީ މޮޅު ނެށުންތެރިއެއް: ރޭމޯ

ކޯރިއޯގްރާފަރު-ޑައިރެކްޓަރު ރޭމޯ ޑިސޫޒާ 2013ގައި އުފެއްދި ފިލްމު "އޭބީސީޑީ" (އެނީ ބޮޑީ ކޭން ޑާންސް) ވެގެން ދިޔައީ ބޮލީވުޑްގައި މިހާތަނަށް އުފެއްދި އެންމެ މޮޅު ޑާންސް ފިލްމަށެވެ. އޭގެ ފަހުން 2015 ގައި މި ފިލްމުގެ ސީކުއަލް "އޭބީސީޑީ 2" ރޭމޯ ވަނީ އުފައްދާފަ އެވެ. އަދި އެ ފިލްމަށް ވެސް ކުރީ ފިލްމަށް ލިބުނު ވަރުގެ ބޮޑު ތަރުހީބެއް ވެސް ލިބިފައި ވެއެވެ.

"އޭބީސީޑީ"ގައި ރޭމޯ ބައިވެރިކުރީ ނަން މަޝްހޫރު އެކްޓަރުންގެ ބަދަލުގައި މޮޅު ނެށުންތެރިންނެވެ. ނަމަވެސް "އޭބީސީޑީ 2"ގައި ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރު ލީޑު ރޯލު ކުޅެފައި ވެއެވެ.

މީގެ ތިން ވަނަ ބައެއް "އޭބީސީޑީ 3"ގެ ނަމުގައި އުފައްދަން ތައްޔާރުވާން ފަށައިފިކަމުގެ ޔަގީންކަން ދާދިފަހުން ރޭމޯ ދީފައި ވެއެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހަކީ "އޭބީސީޑީ" ފްރެންޗައިސްގެ ފުރަތަމަ ފިލްމު ރިލީޒްކުރިތާ އަށް އަހަރު ފުރުނު ދުވަހެވެ. މި މުނާސަބަތާ ގުޅުވައިގެން އިންޑިޔާގެ ނޫހަކަށް ރޭމޯ ދީފައިވާ އިންޓަވިއު އެއްގައި ބުނީ "އޭބީސީޑީ 3" އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ނިންމާފައިވާ ކަމަށެވެ.

މިހާރު ސްކްރިޕްޓްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި "އޭބީސީޑީ"ގެ ޓައިޓްލްގެ ރައިޓްސް އޮތީ ޑިޒްނީ އަތުގައި ކަމުން އެ ފަރާތުން އެ ޓައިޓްލްގެ ރައިޓްސް ހޯދަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރޭމޯ ބުންޏެވެ. އަދި "އޭބީސީޑީ 3" އިއުލާން ކުރާނީ ރައިޓްސް ހޯދުމަށް ފަހުގައި ކަމަށް ރޭމޯ ބުންޏެވެ.

ފިލްމުގައި ބައިވެރިކުރާނެ އެއްވެސް އެކްޓަރެއްގެ ނަމެއް ރޭމޯ ހާމައެއް ނުކުރެ އެވެ. އޭނާ ބުނީ ފިލްމުގައި ލީޑް ރޯލު ކުޅޭނީ ވަރަށް މޮޅު ނެށުންތެރިއެއް ކަމަށެވެ.

"އޭބީސީޑީ" ފްރެންޗައިސްގެ ފުރަތަމަ ފިލްމުގައި ޕްރަބޫ ދޭވާ، ދަރްމޭޝް ޔަލަންޑޭ، ސަލްމާން ޔޫސުފް ޚާން، ލޯރެން ގޮޓިލެބް ފަދަ ކުޅަދާނަ ނެށުންތެރިން ބައިވެރިވި އެވެ.

ރޭމޯ އެންމެ ފަހުން ޑައިރެކްޓްކޮށްފައިވަނީ ވެސް ޑާންސް ފިލްމެކެވެ. "ސްޓްރީޓް ޑާންސާ 3ޑީ" އެވެ. މި ފިލްމުގެ ތަރިންނަކީ ވެސް "އޭބީސީޑީ 2"ގައި ހަރަކާތްތެރިވި ވަރުން އާއި ޝްރައްދާ އެވެ.