ބޮލީވުޑް

"ކޮއި ޖާނޭ ނާ"ގައި އާމިރު ޚާންގެ ވަރަށް ތަފާތު ރޯލެއް

އާމިރު ހާންގެ ގާތް އެކުވެރިޔާ އަމިން ހާޖީ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމު "ކޮއި ޖާނޭ ނާ" ގައި އާމިރު މެހެމާނެއްގެ ރޯލު ކުޅެން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އާމިރު މި ފިލްމުގައި ބަތަލާ އެލީ އާވްރާމް އާއެކު ނަށާ މަންޒަރުތަކެއް ފާއިތުވީ ދެ ދުވަހުއްސުރެ ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ.

ފިލްމުގެ ސެޓުން ލީކު ވެގެން އުޅޭ މި ވީޑިއޯ އިން ފެންނަ ގޮތުގައި މި ފިލްމުގައި އާމިރު ކުޅެނީ އޭނާ މީގެ ކުރިން ދުވަހަކު ވެސް ކުޅެފައި ނުވާ ކަހަލަ ރޯލެކެވެ. އެލީ އާއެކު ވަރަށް ގަދަޔަށް އާމިރު ނަށާތަން މި ވީޑީއޯގައި ފެނެ އެވެ.

މި ވީޑިއޯ ކޯރިއޮގްރާފްކުރީ ބޮސްކޯ-ސީޒާގެ ސީޒާ ގޮންޒަލްވެސް އެވެ. ސީޒާ ބުނި ގޮތުގައި އޭނާ އާއި ބޮސްކޯ އަދި ޑައިރެކްޓަރު އަމީން އާއި ފިލްމުގެ ޕްރޮޑިއުސަރު ބޫޝަން ކުމާރު މި ލަވަ ޕްލޭން ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

"މިއީ ކްލެސިކް ޖެޒް ނެށުން ހިމެނޭ ލަވައެއް. އާމިރު މީގެ ކުރިން މިފަދަ ނެށުމަކުން ފެނިފައެއް ނުވާނެ. އަހަރެމެންގެ މި މަސައްކަތާ މެދު އަހަންނާއި ބޮސްކޯ ވަރަށް ހިތްހަމަޖެހޭ،" ސީޒާ ބުންޏެވެ.

އާމިރު އާއި އެލީގެ ލީކުވި ވީޑިއޯ

ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމަޔަށް ހުރުމަކީ އާމިރު ބޭނުންވާ ގޮތް ކަމުން މި ނެށުން ވެސް އޭނާ ފަސް ދުވަހު ޕްރެކްޓިސް ކުރި އެވެ. އަދި ކެމެރާއަށް ކުރިމަތިލީ ފުރަތަމަ ފަހަރު އެއްވެސް ކަހަލަ މައްސަލައެއް ނެތި ނެށުން ފުރިހަމަކޮށްލި ކަމަށް ސީޒާ ބުންޏެވެ.

"އަހަރެން މީގެ ކުރިން ވެސް އާމިރު އާއެކު މަސައްކަތް ކޮށްފިން. އޭނާގެ އަމިއްލަ އިންޕުޓް ވެސް އާމިރު ދޭނެ. އެހެންވީމާ އަހަރެމެންނަށް އޭނާއާއެކު މަސައްކަތް ކުރަން ފަސޭހަ. އާމިރަކީ ނެށުމުގެ ރޮނގުން އެހާ މަޝްހޫރު މީހަކަށް ނުވިޔަސް މި ލަވައިގައި އޭނާގެ ނެށުން ވަރަށް ފުރިހަމަ. އަހަރެމެން ބޭނުންވީ ހުރިހާ ގޮތަކަށް އޭނާ ވަނީ ނަށާފަ،" ސީޒާ ބުންޏެވެ.

އަދި ރިލީޒް ނުކުރާ މި ލަވަ ކޮމްޕޯސްކުރީ ޓާނިޝްކް ބާގްޗީ އެވެ. ސީޒާ ބުނި ގޮތުގައި މި ލަވައިގައި އާމިރުއާއެކު ބައިވެރިވާ ނެށުންތެރިޔާ އެލީއަކީ ގްރީކް ބަތަލާ އެކެވެ. އާމިރު އާއެކު އެލީ ވަރަށް ފުރިހަމަ ޕާފޯމަންސެއް މި ލަވައިގައި ދީފައިވާ ކަމަށް ސީޒާ ބުންޏެވެ.