ބޮލީވުޑް

ފިރިމީހާ އުމުރުން ހަގު ވުމަކީ މައްސަލައެއް ނޫން: ގޯހަރް

ނެށުންތެރިޔާ އަދި އެކްޓަރު ގޯހަރް ޚާނާއި ޒައިދު ދަރްބާރް މިމަހުގެ 25 ވަނަ ދުވަހު ވަނީ ކައިވެނިކޮށްފަ އެވެ. ޒައިދު އަކީ ކޯރިއޮގްރާފަރެކެވެ. އަދި މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އިސްމާއިލް ދަރްބާރްގެ ދޮށީ ދަރިފުޅެވެ.

ގޯހަރް އާއި ޒައިދުގެ ކައިވެންޏަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު މަލާމާތްކޮށް ފާޑު ކިޔަމުންދެ އެވެ. ގޯހަރް އަށް ވުރެ ޒައިދު 12 އަހަރު ހަގު ކަމަށް ބުނެ އެވެ. މި ފާޑުކިޔުންތަކަށް ވަރަށް ކެރިހުރެ ގޯހަރް ވަނީ ޖަވާބު ދީފަ އެވެ. އޭނާ ބުނީ ފިރިމީހާ އުމުރުން ހަގު ވުމަކީ މައްސަލައެއް ނޫން ކަމަށާއި އެ ދެ މީހުންގެ އުމުރުގައި 12 އަހަރުގެ ފަރަގު ނެތް ކަމަށެވެ.

"އޭނާ އަހަންނަށް ވުރެ ހަގު. އެކަމަކު ތި ބުނާހާ ހަގެއް ނޫން،" ގޯހަރް އިންޑިޔާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.
ނަމަވެސް އޮންލައިންގައި ހުރި މައުލޫމާތު ތަކަށް ބަލާއިރު ޒައިދު އަށް އަދި 25 އަހަރެވެ. ގޯހަރް އަށް 37 އަހަރެވެ.

ގޯހަރް ބުނެފައިވާ ގޮތުގައި އޭނާއަށް ވުރެ ޒައިދު ހަގަސް ވިސްނުމާއި ފިކުރުގެ ގޮތުން އޭނާއަށް ވުރެ މާ ދޮއްޓެވެ. އަދި އޭނާގެ ދިރިއުޅުމަށް ބެލެންސެއް ގެނެވުނީ ޒައިދުގެ ސަބަބުންނެވެ. އެހެން ކަމުން އެމީހުންގެ ގުޅުމަށް އުމުރުގެ ތަފާތާ ހެދި އެއްވެސް ތަފާތެއް ނާންނާނެ ކަމަށް ގޯހަރް ބުންޏެވެ.

ގޯހަރް އަށް އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނީ "ބިގް ބޮސް 7" ގައި ބައިވެރިވި އެ ޝޯ ކާމިޔާބު ކުރުމާ ގުޅިގެންނެވެ. އެ ފަހަރުގެ ސީޒަންގައި ގޯހަރް އާއެކު ބައިވެރިވި ޓީވީ އެކްޓަރު ކުޝަލް ޓަންޑަން އާއި ގޯހަރް އާ އެ ދުވަސްވަރު ވަރަށް ގަދަޔަށް އަޅުވާ ކިޔުނެވެ. ނަމަވެސް ޝޯ ނިމުނުތާ މާ ގިނަ ދުވަސް ތަކެއް ނުވެ މި ދެ މީހުންގެ ލޯބީގެ ގުޅުމަށް ނިމުމެއް އައި ކަމުގެ ޚަބަރުތައް ވަނީ ފެތުރިފަ އެވެ.

ޒައިދު އާއި ގޯހަރް ފުރަތަމަ ފަހަރަށް ބައްދަލުވެފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ފުރަތަމަ ބައްދަލުވުމުން ވެސް ދެ މީހުންގެ މެދުގައި ޚާއްސަ ގުޅުމެއް އުފެދުނުކަމަށް ގޯހަރް ބުނެފައި ވެއެވެ. އަދި މާ ގިނަ ދުވަސް ތަކެއް ނުވެ ދެ މީހުން ކައިވެނި ކުރީ އެވެ.
ގޯހަރް އާއި ޒައިދު ކައިވެނި ކޮށްފައި ވަނީ ނިކާހް ސެރެމަނީއެއްގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށެވެ.