ވަރުން ދަވަން އާއި ނަތާޝާ ދަލާލްގެ ކައިވެންޏާއެކު ބޮލީވުޑްގައި އަނެއްކާވެސް ކައިވެނީގެ ރަނގަބީލުގެ އަޑު ގަދަ ވާން ފަށައިފިކަމަށް ބެލެވެ އެވެ. އެގޮތުން ދެން އެންމެ އަވަހަށް ކައިވެނި ކުރަން ހަމަޖެހިފައި ވަނީ ރީތީގެ ރާނީ އަދި ބަތަލާ ދިއާ މިރުޒާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
ދިއާ ކައިވެނި ކުރަން ހަމަޖެހިފައި ވަނީ ވިޔަފާރިވެރިއެއް ކަމަށްވާ ވައިބަވް ރެކީ އާ ކަމަށާއި މި ފެބްރުއަރީ 15 ވަނަ ދުވަހު ކައިވެނިކުރަން ހަމަޖެހިފައިވާ ކަމަށް ވެއެވެ.
ދިއާގެ އާއިލާގެ މީހަކު އިންޑިއަން އެކްސްޕްރެސް ނޫހަށް ދިން އިންޓަވިއު އެއްގައި ބުނީ ދިއާ އާއި ވައިބަވްގެ ކައިވެނި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ކުރަން ހަމަޖެހިފައިވާ ކަމަށެވެ. މިއީ ވަރަށް ޕްރައިވެޓްކޮށް ގޭގައި ބާއްވާ ރަސްމިއްޔާތެއް ކަމަށާއި ކައިވެނިކުރާ ތަނުގައި ތިބޭނީ ދެ ފަރާތުގެ އާއިލާގެ މީހުންނަށް ގާތް އެކުވެރިންކޮޅެއް ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
ދިއާ އާއި ވައިބަވްގެ ލޯބި ސިއްރުކުރަން އެމީހުންކުރި މަސައްކަތް ވަރަށް ކާމިޔާބެވެ. މިހާތަނަށް އެމީހުންގެ ލޯބީގެ ވާޙަކަތައް ނޫސްތަކުގައި ލިޔެފައި ނުވަނީ އެހެންވެ އެވެ.
ދިއާ ކައިވެނިކުރިކަން އިއުލާން ކުރަން ގަސްތުކޮށްފައި ވަނީ ކައިވެނި ކުރާ ދުވަހުގެ އަނެއް ދުވަހު ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
މިއީ ދިއާގެ ދެ ވަނަ ކައިވެންޏެވެ. ކުރިން އޭނާ ވަނީ ސާހިލް ސަންގާ އާ ކައިވެނިކޮށްގެން ފަސް ވަރަކަށް އަހަރު އުޅެފަ އެވެ. ދިއާ އާއި ސާހިލް ވަރިވީ 2019 ގައެވެ.
ދިއާ އަކީ 2000 ވަނަ އަހަރު ބޭއްވި މިސް.އިންޑީއާ މުބާޜާތުގެ ރަނަރަޕްކަން ލިބިގެން މިސް. އޭޝިއާ-ޕެސިފިކް މުބާޜާތަށް ގޮސް އެ މުބާރާތް ކާމިޔާބުކޮށްފައިވާ ރީތީގެ ރާނީ އެކެވެ. އެ ފަހަރު މިސް.އިންޑިއާ މުބާރާތުގައި ދިއާ އާ ވާދަކޮށް އެއްވަނަ ހޯދީ ބަތަލާ ލާރާ ދައްތާ އެވެ. ފަސްޓް ރަނަރަޕް އަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ. އިއްތިފާގުން އެ ފަހަރު ލާރާ އާއި ޕްރިޔަންކާ އަދި ދިއާ ވެސް އެމީހުން ބައިވެރިވި އިންޓަނޭޝަނަލް މުބާރާތުގެ ތާޖު ވެސް ވަނީ ހޯދާފަ އެވެ. ލާރާއަށް މިސް. ޔުނިވާސްގެ ތާޖު ލިބުނުއިރު މިސް.ވޯލްޑްގެ ތާޖު ޕްރިޔަންކާ އަށް އަދި މިސް.އޭޝިއާ ޕެސިފިކްގެ ތާޖު ދިއާ އަށް ވަނީ ލިބިފަ އެވެ.
ފިލްމު ކުޅުމުގެ އިތުރުން ދިއާ އަކީ ފިލްމު ޕްރޮޑިއުސަރެއް ވެސް މެއެވެ.