ބަތަލާ ދިއާ މިރްޒާ މީގެ ދެ ދުވަހެއް ކުރިން ވަނީ ބަނޑުބޮޑުކަން އިއުލާންކޮށްފަ އެވެ. ފިރިމީހާ އާއި ދޮންދަރިފުޅާއެކު ރާއްޖޭގައި ހަނީމޫން ހޭދަ ކުރަމުން ދިޔަ ދިއާ ބަނޑުބޮޑުކަން އިއުލާންކުރީ ވެސް ރާއްޖޭގައި ހުރެގެންނެވެ.
ދިއާ ބަލިވެ އިންކަން އިއުލާން ކުރުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާއަށް މަލާމާތް ކޮށްފަ އެވެ. ސަބަބަކީ ދިއާގެ ދެވަނަ ކައިވެންޏަށް އަދި ވީ ދޮޅުމަހެއްހާ ދުވަސް ކަމަށް ވާތީ އެވެ.
ފާޑުކިޔާ މަލާމާތްކުރާ މީހުންނަށް ޖަވާބު ދެމުން ދިޔާ ބުނީ ބަލިވެ އިނުމަކީ ހިތްގައިމު ދަތުރެއް ކަމަށާއި މިފަދަ ދަތުރެއްގައި އެއްވެސް ލަދުގަންނަން ޖެހޭ ކަހަލަ ކަމެއް ނެތް ކަމަށެވެ.
ސޯޝަލް އެކްޓިވިސްޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ދިއާ ބުނީ އަންހެނަކަށް އެމީހަކު ބޭނުން ގޮތެއް ހިޔާރު ކުރުމުގެ ހައްގު އޮންނާނެ ކަމަށް ދެކޭ ކަމަށެވެ.
ދިއާ ކައިވެނިކުރީ ފެބްރުއަރީ މަހު ކަމަށް ވެފައި މިހާ އަވަހަށް ބަނޑުބޮޑުކަން އިއުލާން ކުރުމުން އޭނާއަށް ވަރަށް ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަތައް ކުރިމަތިވަމުން ދާއިރު ދިއާ ބުނަނީ ކައިވެނި ކުރީ ކޮންމެހެން އޭނާ އާއި ފިރިމީހާ ވައިބަވް އަށް ދަރިއަކު ލިބެން އުޅޭތީ ނޫން ކަމަށެވެ. އެމީހުން ކައިވެނިކުރީ އެކަކު އަނެކަކާއެކު މުޅި އުމުރު އުޅެން ބޭނުންވާތީ ކަމަށެވެ.
"އަހަރެމެންނަށް ދަރިއަކު ލިބޭކަން އެނގުނީ ކައިވެނީގެ އިންތިޒާމުތައް ކުރަމުން ދަނިކޮށް. ވީމާ ކައިވެނިކުރީ ބަލިވެ އިންކަން އެނގިގެންނޭ ބުނާނެ ޖާގައެއް ނެތް،" މަލާމާތްކުރާ މީހުންނަށް ޖަވާބުދެމުން ދިއާ ބުންޏެވެ.
ދިއާ އިތުރަށް ބުނީ ބަނޑުބޮޑުކަން ކުރިން އިއުލާން ނުކުރީ ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ނެތްކަމާއި ރައްކާތެރި ޕްރެގްނަންސީއެއް ކަން ޔަގީން ވަންދެން ކަމަށެވެ.
"މިއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް. މި ދުވަހަށް އަހަރެން އިންތިޒާރު ކުރާތާ އެތައް އަހަރެއް ވެއްޖެ. އެހެންވެ ސިއްހީ އުޒުރެއް ނެތްނަމަ މިކަން ސިއްރެއް ނުކުރީމުސް،" ދިއާ ބުންޏެވެ.
ދިއާ، 39، މިދިޔަ ފެބްރުއަރީމަހު ކައިވެނިކުރި ވައިބަވް އަކީ ވިޔަފާރިވެރިއެކެވެ. ވައިބަވްގެ ފުރަތަމަ ކައިވެންޏަށް އަންހެންދަރިއަކު ލިބިފައި ވެއެވެ. ނަމަވެސް ދިއާގެ ފުރަތަމަ ކައިވެނިން އޭނާއަށް ކުއްޖަކު ލިބިފައެއް ނުވެ އެވެ.