ދިއާ މިރްޒާ

ދިއާ މިރްޒާ އާއި ވައިބަވް ރެކީ ކައިވެނި ކޮށްފި

ބަތަލާ ދިއާ މިރްޒާ އާއި ވައިބަވް ރެކީ ކައިވެނިކޮށްފި އެވެ. ދިއާގެ ގޭގައި އޮންނަ ބޮޑު ބަގީޗާއެއްގައި އިއްޔެ ބޭއްވި މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާ އާއި ގާތް އެކުވެރިންނެވެ. ކައިވެންޏަށްފަހު ދިއާ އާއި ވައިބަވް ވަނީ މި ރަސްމިއްޔާތު ކަވަރު ކުރަން ދިއާގެ ގޭދޮށަށް އެއްވެ ތިބި ނޫސްވެރިންނާ ބައްދަލުކުރަން ބޭރަށް ނުކުމެފަ އެވެ. އަދި ހުރިހާ އެންމެންނަށް ފޮނި ކާއެއްޗެތި ވެސް ބަހާފައިވެއެވެ.

މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ ބޮލީވުޑް ފަންނާނުންގެ ތެރޭގައި ބަތަލާ އަދިތީ ރާއޯ ހައިދަރީ އާއި ޑައިރެކްޓަރު ކުނާލް ދޭޝްމުކް ހިމެނެ އެވެ.

"ރެހެނާ ހެ ތޭރެ ދިލް މޭ" ބަތަލާ ދިއާ މީގެ ކުރިން ވެސް ކައިވެންޏެއް ކޮށްފައި ވެއެވެ. ސާހިލް ސާންގާ އާއި ދިއާ 2014ގައި ކުރި ކައިވެނި ފަސް އަހަރު ފަހުން 2019ގައި ވަނީ ރޫޅިފަ އެވެ. މި ކައިވެންޏަށް ދިއާ އަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.

ދިއާ، 39، އާއި ވައިބަވް ލޯބީގެ ގޮތުން ގުޅުނީ ސާހިލް ކައިރިން ވަރިވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. ދިއާ ބުނާ ގޮތުގައި ވައިބަވް އަކީ އޭނާގެ ސޯލްމޭޓެވެ. އެހާވެސް އެ ދެ މީހުން ގުޅޭ ކަމަށް ދިއާ ބުނެފައި ވެއެވެ.

ވައިބަވް އަކީ ވިޔަފާރިއެކެވެ. އިންޑަސްޓްރިއަލިސްޓެކެވެ. ދިއާ އާ ކުރި ކައިވެންޏަކީ ވައިބަވްގެ ވެސް ދެ ވަނަ ކައިވެންޏެވެ. ވައިބަވްގެ ފުރަތަމަ އަނބިމީހާ ސުނައިނާ ރެކީ އަކީ ވަރަށް މަޝްހޫރު ޔޯގާ އިންސްޓްރަކްޓަރެކެވެ. މި ދެ މީހުންގެ އަންހެން ދަރިއެއް ވެސް ހުރެ އެވެ.

ވައިބަވް އާއި ދިއާގެ ކައިވެނީގައި ވައިބަވްގެ ދަރިފުޅު ވެސް ބައިވެރިވެފައި ވެއެވެ. ކައިވެނި ކުރި ތަނުގައި ވައިބަވްގެ ދަރިފުޅު ސުނައިނާ ހުރީ "ޕާޕާސް ގާލްސް" ޖަހާފައިވާ ބޯޑެއް ހިފައިގެންނެވެ. މިއީ ދިއާ އާއި ސުނައިނާގެ ގުޅުން ވަރަށް ރަނގަޅުކަމުގެ ހެއްކެއް ކަމަށް ނޫސްވެރިން ބުނެފައި ވެއެވެ.