ބޮލީވުޑް

ދިއާ މިރުޒާ ވިހައިފި، ދަރިފުޅު ކުޑަކަމުން އައިސީޔޫގައި

ދިއާ މިރުޒާ އާއި ފިރިމީހާ ވައިބަވް ރެކީ އަށް ފިރިހެން ދަރިއެއް ލިބިއްޖެ އެވެ. މިހާރު އެދެމަފިރިން ވަނީ ދަރިފުޅަށް ނަން ވެސް ކިޔާ ފައެވެ. އަވްޔާން އާޒާދު ރެކީ އެވެ.

ދިއާ ސޯޝަލް މީޑިއާގައި ޝެއާކުރި ޕޯސްޓެއްގައި ބުނިގޮތުގައި އޭނާ ވިހެއީ 14 މޭ 2021 ގައެވެ. އަދި ޕްރިމެޗުއާ ކޮށް ވިހެއުމުގެ ސަބަބުން ދަރިފުޅު ވަރަށް ކުޑަ ކަމަށާއި އަދިވެސް އޮތީ ކުޑަކުދިންގެ އައިސީޔޫގައިކަމަށް ދިއާ ބުންޏެވެ. ދިއާ ބުނި އޭނާގެ ތުއްތު ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވޭތޯ ޑޮކްޓަރުންނާއި ނަރުހުން ރެޔާ ދުވާލު ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ދެމަފިރިން ވެސް ދަރިފުޅު ރަނގަޅުވޭތޯ ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުންދާ ކަމަށެވެ.

އުމުރުން ވަރަށް ދުވަސްވެފައި ހުއްޓާ ބަލިވެ އިނުމުން ވެސް ދިއާ އަށް ފުރަތަމައިނުން ވެސް މައްސަލަތަކާ ކުރިމަތިވި އެވެ. އޭނާ ބުނި ގޮތުގައި މައްސަލަ އިތުރަށް ގޯސްވީ ބަލިވެ ކުއްލިއަކަށް އެޕެންޑިކްސް ދުޅަވެ އެ މައްސަލަ ގޯސް ވެގެންނެވެ. އަދި ވަރުބަދަ ބެކްޓީރިއަލް އިންފެކްޝަނެއްގެ ސަބަބުން ހަށިގަނޑަށް ވިހަ ފެތުރި ދަރިފުޅުގެ ފުރާނައަށް ގެއްލުންވާ ހިސާބަށް ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

އިމަޖެންސީކޮށް ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގީ އޭނާގެ ފުރާނަ ސަލާމަތް ކުރެވޭނެ އިތުރު ގޮތެއް ޑޮކްޓަރުންނަށް ނެތިގެން ކަމަށް ވެސް ދިއާ ބުނެފައި ވެއެވެ.

އަދި އަވްޔާން މުޅިން ރަނގަޅުވެގެން ގެއަށް އަންނާނެ ދުވަހަކަށް އޭނާގެ ދައްތަ އާއި ކާފަ އަދި މާމަ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ ކަމަށް ވެސް ދިއާގެ މި ޖަޒުބާތުން ފުރިގެންވާ ޕޯސްޓުގައި ބުނެފައި ވެއެވެ.