ބޮލީވުޑް

އަމްރިތާ އާ ރައްޓެހިވެގެން އުޅެފައި ސަނީ ދިނީ ބޮޑު ލަނޑެއް

ބޮލީވުޑްގައި މަސައްކަތްކުރާ އެކްޓަރުންގެ ލޯބީގެ ވާހަކަ ތަކަކީ ޒަމާނުއްސުރެ ދެކެވެމުން އަންނަ ވާހަކަ ތަކެކެވެ. ރާޖްކަޕޫރާއި ނަރްގިސް، މަދޫބާލާ އާއި ދިލިޕް ކުމާރުގެ ލޯބީގެ ވާހަކަތައް 1950 އަދި 1960ގެ އަހަރުތަކުގައި މަޝްހޫރުވީ ގޮތަށް އޭގެ ފަހުން ފިލްމު ކުޅުނު އަދި މިހާރު ވެސް ކުޅެމުންދާ ވަރަށް ގިނަ އެކްޓަރުންގެ ލޯބީގެ ވާހަކަތައް މަޝްހޫރުވެފައި ވެއެވެ. މި ވާހަކަ ތަކުގެ ތެރޭގައި އެކަކު އަނެކަކަށް ބޭވަފާތެރިވުމާއި ލަނޑު ދިނުމުގެ ވަރަށް ގިނަ ވާހަކަތައް ހިމެނެ އެވެ.

"ބޭތާބު" އިން ބޮލީވުޑަށް ނުކުތް ސަނީ ޑެއޯލް އާއި އަމްރިތާ ސިންގްގެ ލޯބީގެ ވާހަކަ އަކީ ވެސް އޮޅުވާލުމާއި މަކަރުން ފުރިގެންވީ ވާހަކަ އެކެވެ.

ސަނީ އާއި އަމްރިތާ ތައާރަފްވީ 1983ގައި ރިލީޒްކުރި "ބޭތާބު" އިންނެވެ. އެފިލްމުގެ ޝޫޓިންގް ފެށުމައެކު މި ދެ އެކްޓަރުންގެ ލޯބީގެ ވާހަކަތައް ދެކެވެން ފެށި އެވެ. ޔަގީންވާ ކަމަކީ ދެ މީހުންގެ ގުޅުން އޭރު ވަރަށް ގާތް ކަމެވެ. އަދި އަމްރިތާ ހުރީ ސަނީ އާ ހެދި ދީވާނާ ވާ ދަރަޖައިގަ އެވެ. އަދި ސަނީ ވެސް ހުރީ ހަމަ އެވަރަށް އަމްރިތާ ދެކެ ލޯބިވެފަ އެވެ. ނަމަވެސް ސަނީ އޮތީ އޭނާގެ ހަޔާތުގެ ވަރަށް ބޮޑު ސިއްރެއް އަމްރިތާ އަށް ފޮރުވާފަ އެވެ. މި ސިއްރު ފަޅާ އަރުވާލީ އިންޑިޔާގައި އޭރު ނެރުނު މަޖައްލާ އަކުންނެވެ. އެއާއެކު މި ދެ ތަރިންގެ ލޯބީގައި ނިމުމުގެ ސިއްކަ ޖެހުނީ އެވެ.

ސަނީ އޭނާއަށް ދޮގު ހަދައި އޮޅުވާލިކަން އަމްރިތާ އަށް ފަޅާ އެރީ ސަނީ އާއި އޭނާގެ އަންހެނުން ޕޫޖާގެ ކައިވެނީގެ ދުވަހު ނަގާފައިވާ ފޮޓޮއެއް މަޖައްލާއެއްގައި ޖެހުމާ ގުޅިގެންނެވެ. ޕޫޖާ އަކީ އިންގްލެންޑްގައި ދިރިއުޅޭ އިންޑިޔާގެ ވިޔަފާރިވެރިއެއްގެ ދަރިއެކެވެ.

"ބޭތާބު" ކުޅުނު ދުވަސްވަރު ސަނީ އިރުއިރުކޮޅާ އިންގްލެންޑަށް ދެއެވެ. ނަމަވެސް އޭނާ ދަނީ ކޮން ބޭނުމެއްގައި ކަމެއް އަމްރިތާ އަކަށް ނޭނގެ އެވެ. އިންގްލެންޑްގައި ހުރި ލޯބިވެރިޔާ އާ ސިއްރުން ކައިވެނި ކުރުމަށްފަހު ވެސް ސަނީ ގެންދިޔައީ އަމްރިތާ އާއެކު ވެސް ލޯބީގެ ގުޅުން ބާއްވަމުންނެވެ. ކައިވެނީގެ ފޮޓޯތައް ލީކުވުމުން ވެސް ސަނީ އެންމެ ކުރިން އެއީ ދޮގެއް ކަމަށް ބުނެ އަމްރިތާ ހައްދާލަން މަސައްކަތް ކުރި އެވެ. ނަމަވެސް އަމްރިތާގެ ރުޅިގަނޑު އޭރު ހުރީ އިންތިހާއަށް ގޮއްސަ އެވެ. އޭނާ ސަނީގެ ބަޔަކަށް ނުހެއްލުނެވެ. އަދި "ބޭތާބު" ރިލީޒްކުރުމުގެ ގޮތުން މީޑިއާ ތަކަށް ދިން އިންޓަވިއުތަކުގައި އަމްރިތާ ވެސް އޭނާ އާ ސަނީގެ ލޯބީގެ ގުޅުމެއް އޮތް ކަމަށް ދެކެވޭ ވާހަކަތައް އިންކާރު ކުރި އެވެ. އަމްރިތާ ބުނީ އޭނާ އާއި ސަނީގެ ލޯބީގެ ވާހަކަ އަކީ "ބޭތާބު" ޕްރޮމޯޓްކުރުމުގެ ގޮތުން ޖެއްސި ސްޓަންޓެއް ކަމަށެވެ. އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

ސަނީ އާއި ޕޫޖާގެ ކައިވެނީގެ ޚަބަރުތައް ލީކުވާން ސަނީގެ އާއިލާ ވެސް އެ ދުވަސްވަރު ބޭނުމެއް ނޫނެވެ. ސަބަބަކީ ސަނީގެ ކެރިއަރަށް ނޭދެވޭ އަސަރުތައް ކުރާނެކަން ޔަގީންވާތީ އެވެ.

ސަނީގެ ފަހުން އަމްރިތާ އާއި ކްރިކެޓްކުޅުންތެރިޔާ ރަވީ ޝާސްތުރީގެ ލޯބީގެ ވާހަކަ ތަކެއް ދެކެވުނެވެ. އަދި އެކްޓަރު ވިނޯދް ކަންނާ އާ ވެސް އޭނާ އާ އަޅުވާ ކިޔުނެވެ. ނަމަވެސް އަމްރިތާ ކައިވެނިކުރީ އޭނާ އަށް ވުރެ 11 އަހަރު ހަގު އެކްޓަރު ސައިފް އަލީ ޚާނާ އެވެ. ފިލްމީ ބަތަލާ ސާރާ އަލީ ޚާން އާއި އަލަށް ފިލްމީ ކެރިއަރެއް ފަށަން ތައްޔާރުވަމުންދާ އިބްރާހިމް އަލީ ޚާން އަކީ އަމްރިތާ އާއި ސައިފްގެ ދެ ދަރިންނެވެ. ފަހުން އަމްރިތާ ވަރިކޮށް ސައިފް ވަނީ ކަރީނާ ކަޕޫރާ ކައިވެނިކޮށްފަ އެވެ.