ތަމަންނާ ބާޓިއާއި ވިޖޭ ވަރުމާ އަކީ ބޮލީވުޑުގެ އާ ޖޯޑެވެ. ތަމަންނާ ވަނީ އޭނާ އާއި ވިޖޭ އަކީ ހަގީގީ ދެ ލޯބިވެރިން ކަމަށް އެއްބަސްވެފަ އެވެ.
ނެޓްފްލިކްސް އިން ދައްކަން ހަމަޖެހިފައިވާ "ލަސްޓް ސްޓޯރީޒް 2"ގައި ލީޑް ރޯލު ކުޅެފައިވާ މި ދެ ތަރިން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ. ނަމަވެސް ތަމަންނާ ބުނީ އަވަސް އަރުވާލައިގެން ކައިވެނި ކުރަން ނޫޅޭ ކަމަށެވެ.
"ކައިވެންޏަކީ ޕާޓީއެއް ނޫން. ވަރަށް ގިނަ ގިނަ ޒިންމާ ތަކަކާއި މަސައްކަތްތަކެއް ކޮށްގެން ކައިވެންޏެއް ކުރެވޭނީ. މީގެ އަހަރު ތަކެއް ކުރިން އަހަރެން ފިލްމީ މަސައްކަތް ފެށިއިރު ބަތަލާއެއްގެ ކެރިއަރު ދެމިގެންދަނީ އެންމެ 8-10 އަހަރަށް. އެހެންވެ އަހަރެން ހިސާބު ޖެހިއިރު އަހަރެންގެ އުމުރުން 30 އަހަރުގައި އެކްޓިން މަސައްކަތް ނިންމާލައި ކައިވެނި ކުރަން ޖެހޭނެ. ނަމަވެސް މިހާރު މަންޒަރު ވަނީ މުޅިން ބަދަލުވެފަ. މިހާރު އުމުރުން މާ ދޮށީ ބަތަލާ އިންނަށް ވެސް ލީޑް ރޯލުތައް ލިބޭ،" ތަމަންނާ ބުންޏެވެ.
ތަމަންނާ ބުނި ގޮތުގައި ފިލްމީ ރޮނގުން އިތުރަށް ކުރިއަރަން ބޭނުންވެ އެވެ. އެހެންވެ ކައިވެނި ކުރާނެ ދުވަހެއް ޚުދް އޭނާއަކަށް ވެސް އަދި ނޭނގެ އެވެ.
ތަމަންނާގެ އެންމެ ފަހުގެ ފިލްމު "ޖީ ކަރްދާ" ބުރާސްފަތި ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ. އަދި ލޯބިވެރިޔާ ވިޖޭ އާއެކު ކުޅޭ "ލަސްޓް ސްޓޯރީޒް 2" ވެސް މާ ލަހެއް ނުވެ ރިލީޒްކުރާނެ އެވެ.
ވިޖޭ އަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބުނީ ރަންވީރު ސިންގް އާއެކު "ގަލީ ބޯއީ"ގައި މުހިއްމު ރޯލެއް ކުޅެގެންނެވެ. އޭގެ ފަހުން "ޑާލިންގް" ގައި ވިޖޭ ވަނީ އާލިއާ ބަޓްގެ އަނިޔާވެރި ފިރިމީހާގެ ރޯލު އަދާކޮށްފަ އެވެ.