ބޮލީވުޑް

ކައިވެނި ނުކުރަނީސް މާދުރީ ފެނުނުނަމަ ރައްޓެހިވެވޭތޯ އުޅޭނަން: ގޯވިންދާ

ބޮލީވުޑްގައި ގޯވިންދާގެ ރަން ދައުރު އެތައް އަހަރަކަށް ދެމިގެން ގޮސްފައި ވެއެވެ. ކަރިޝްމާ ކަޕޫރާއި ރަވީނާ ޓަންޑަން އާއެކު ގޯވިންދާ ކުޅެފައިވާ ކޮމެޑީ ފިލްމުތަކަކީ އެ ދުވަސްވަރުގެ އެންމެ ހިޓް ފިލްމުތަކެވެ.

މިހާރު ގޯވިންދާގެ ތަރި އޮއްސިފައި ވީނަމަވެސް ބައެއް ޓީވީ ޝޯތަކުގައި އަދިވެސް އަންހެނުން ސުނީތާ އާއެކު އޭނާ ބައިވެރި ވެއެވެ. އެގޮތުން ދާދި ފަހުން އޭނާ ބައިވެރިވި ޝޯއެއްގައި ކުޅުނު ގޭމެއްގައި ގޯވިންދާ ބުނި ގޮތުގައި އޭނާއަކީ ބަތަލާ މާދުރީ ޑިކްޝިޓްގެ ވަރަށް ބޮޑު ފޭނެކެވެ.

މާދުރީ ވަރަށް ކަމުދާ ކަމަށާއި ސުނީތާ އާ ކައިވެނިކުރުމުގެ ކުރިން މާދުރީ އާ ބައްދަލުވިނަމަ އޭނާ އާ ރައްޓެހިވާން ވަރަށް މަސައްކަތް ކުރީސް ކަމަށް ވެސް ގޯވިންދާ ބުންޏެވެ.

ގޯވިންދާ އާއި ސުނިތާ ކައިވެނިކުރީ 1987 ވަނަ އަހަރު އެވެ. މި ކައިވެންޏަށް ދެ ދަރިން ލިބިފައިވާ އެ ދެ ދަރިން ވެސް ބޮޑެތި މިހާރު ވަނީ އަމިއްލައަށް ދިރިއުޅެން ފަށާފަ އެވެ.

ސުނީތާ އާއި ގޯވިންދާ ކައިވެނި ކުރިތާ ދެ އަހަރު ފަހުން 1989 ވަނަ އަހަރު "ޕާޕް ކީ އަންތު" ކިޔާ ފިލްމެއްގައި މާދުރީ އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ގޯވިންދާ އަށް ލިބުނެވެ.

"ސުނީތާ އާ ގުޅުމުގެ ކުރިން މާދުރީ އަށް ބައްދަލުވިނަމަ ޔަގީނުން ވެސް އޭނާގެ ހިތް އަތުލެވޭތޯ މަސައްކަތް ކުރީމުސް،" ގޯވިންދާ ބުންޏެވެ.