ބޮލީވުޑް

ޒީނަތު އަމާން: ލޯބީގެ ރޮނގުން ވަރަށް ނާކާމިޔާބު ބަތަލާއެއް!

ޒީނަތު އަމާން އަކީ ބޮލީވުޑްގައި ބަތަލާއިންގެ ދައުރަށް ބޮޑު އިންގިލާބެއް ގެނައި އެކްޓަރެކެވެ. އޭނާގެ ހެދުން އެޅުމުގެ ސްޓައިލާއި ފެޝަން އަކީ އޭނާ ފިލްމު ކުޅެން ފެށި ދުވަސްވަރަށް ބަލާއިރު ބޮޑު އިންގިލާބެއް ފަދަ ކަމެކެވެ.

"ހަރޭ ރާމާ ހަރޭ ކްރިޝްނާ"ގައި އޭނާ ކުޅުނު ފަދަ ކެރެކްޓާ ތަކަކީ އެ ދުވަސްވަރު އެއްވެސް ބަތަލާއަކަށް ކުޅެން ކެރޭ ވަރަށް ވުރެ މާ "ޒަމާނީ" ކެރެކްޓާ ތަކެކެވެ.

ޒީނަތު އުފަންވީ އިންޑިއާގައި ނަމަވެސް އޭނާ އުޅެ ބޮޑުވީ ޖަރުމަނުގަ އެވެ. ކިޔެވީ އެމެރިކާގެ ލޮސް އެންޖަލިސް އިންނެވެ. އޭނާ އަކީ މިސް އޭޝިއާ-ޕެސިފިކްގެ ފަޚުރު ވެރި ތާޖުގެ ވެރިއެކެވެ. ރީތީގެ ރާނީންގެ ތެރެއިން ވެސް އަރާހުރި ރީތީގެ ރާނީ އެކެވެ.

ޒީނީ ބޭބީ (މީޑީއާ އިން އޭނާއަށް ދިން ލަގަބެއް) އަކީ އިންޑިއާ މީހުން ޒަމާނުއްސުރެ އަޅާ އުޅުނު ސާޅީތައް ދޫކޮށްލައި ބެލް ބޮޓޮމްސް އާއި ކަކުލާހަމައަށް ފަޅާފައި ހުރި ގައުންތައް ލާން ހިތްވަރު ދިން ބަތަލާ އެވެ.

އޭނާގެ ކުރުކުރު ބްލައުޒް ތަކަކީ ވެސް އެ ޒަމާނަށް ބަލާއިރު އެއްވެސް އަންހެނަކު އަޅާ އުޅުނު ހެދުމެއް ނޫނެވެ.

"ގުރުބާނީ"، "ޝަލީމާރް"، "ޑޮން"، "ދޯސްތާނާ"، "އަޖްނަބީ" އަދި "ދަ ގްރޭޓް ގޭމްބްލާ"ގައި ޒީނަތު ކުޅެފައިވާ ރޯލުތަކާއި އަޅައިގެން އުޅުނު ހެދުންތައް މިކަމަށް ހެކިދޭނެ އެވެ.

ޒީނަތުގެ ރަން ޒަމާނުގައި އޭނާގެ ފޭނުން މިލިއަނުން ގުނާލެވުނެވެ. ނަމަވެސް ޒާތީ ދިރިއުޅުމުގައި ޒީނަތު އަށް އަބަދުވެސް އެޅިފައި ހުރީ ޅައެއްޗިއްސެވެ. އޭނާގެ ހަޔާތަށް އައިސްފައިވާ ކޮންމެ ލޯބިވެރިޔަކީ އޭނާއާ އެކަށީގެންވާ މީހުންނެއް ނޫނެވެ. އަމިއްލަ ދިރިއުޅުމުގައި އޭނާގެ ޗޮއިސް ހަމަ ސުމެކެވެ. އޭނާއަށް ރަނގަޅު މީހުންނެއް ގޯސް މީހުންނެއް ވަކިކުރާކަށް ނޭނގުނެވެ. އޭނާގެ ޖަޖްކުރުން މުޅިން ގޯހެވެ.

"ހަރޭ ރާމާ ހަރޭ ކްރިޝްނާ" ރިލީޒްކުރުމާއެކު އިންޑިއާގެ ނޫސްތަކުން ޒީނަތު އާއި ދޭވް އާނަންދްއާ އަޅުވާ ކިޔަން ފެށި އެވެ. ދެ މީހުންގެ އުމުރުގެ ބޮޑު ފަރަގެއް ހުރި ނަމަވެސް ދޭވް އާނަންދްގެ ހިތުގައި ޒީނަތަށް ވަރަށް ޚާއްސަ ކަނެއް ދެވިފައިވާ ކަމަށް ޚުދް އޭނާވެސް އެއްބަސްވި އެވެ.

ދޭވް އާނަންދްގެ ބައޮގްރަފީ "ރޮމެންސިން ވިތު ލައިފް" (2007)ގައި ޒީނަތު ދެކެ އޭނާވީ ލޯބި ދޭވް ހާމަކޮށްފައި ވެއެވެ.

ޒީނަތަށް އޭނާ ލޯބި ހުށަހަޅަން ނިންމައި ތާޖް ހޮޓަލުގައި ރޭގަނޑުގެ ކެއުމެއް ތައްޔާރުކުރި އެވެ. އަދި އެކެއުމަށް ދިއުމުގެ ކުރިން ފިލްމު ޕާޓީއަކަށް ވަދެލައި ކުޑަ ވަގުތުކޮޅަކު އެތާ މަޑުކޮށްލަން ދޭވް ނިންމި އެވެ. ނަމަވެސް އެ ޕާޓީން ފިލްމު އެކްޓަރު-ޑައިރެކްޓަރު ރާޖް ކަޕޫރާއި ޒީނަތު ބައްދަލުވެ ދެ މީހުން ސަލާންގަލާން ކުރި ގޮތް ފެނިފައި ދޭވްގެ ހިތް ކުދިކުދިވި އެވެ.

އޭރު ރާޖް ކަޕޫރުގެ "ސަތިޔަމް ޝިވަމް ސުންދަރަމް"ގައި ޒީނަތު ބައިވެރިކުރަން އުޅޭކަމުގެ ޚަބަރުތަކެއް ވެސް ދޭވް އަށް އޮތީ ލިބިފަ އެވެ. އެކަން އެހެން އޮއްވާ ޒީނަތު އާއި ރާޖް މާގައިގޯޅިކޮށް އުޅޭތަން ފެނުމުން ޒީނަތު ދެކެ ލޯބިވާ ވާހަކަ ނުބުނަން ދޭވް ނިންމި އެވެ. ނަމަވެސް ވަރަށް ފަހުން މީޑިއާއަށް ދިން އިންޓަވިއު އެއްގައި ޒީނަތު ބުނި ގޮތުގައި ރާޖް ކަޕޫރާއެކު އޭނާ އެއްވެސް ދުވަސްވަރެއްގައި ލޯބީގެ ގުޅުމެއް ނުބާއްވަ އެވެ.

ޒީނަތު ބުނި ގޮތުގައި އޭނާ އާއި ރާޖްގެ މެދުގައި އޮތީ ޑައިރެކްޓަރަކާއި ބަތަލާއެއްގެ މެދުގައި އޮންނަ ކަހަލަ ގުޅުމެކެވެ.

ދެން ޒީނަތުގެ ހަޔާތަށް އައީ އެ ދުވަސްވަރުގެ އެންމެ ރީތި ބަތަލު ސަންޖޭ ޚާން އެވެ. ސަންޖޭ އަކީ ޒީނަތުގެ ފުރަތަމަ ލޯބިވެރިޔާ އެވެ. ނަމަވެސް ސަންޖޭ ޑައިރެކްޓްކޮށް ލީޑް ރޯލު ކުޅުނު "އަބްދުﷲ"ގެ ޝޫޓިން ޑިސެމްބަރު 1978ގައި އިންޑިއާގެ ރަށެއް ކަމަށްވާ ޖެއިސަލްމާރްގައި ފަށައި ސަންޖޭ އާއި ޒީނަތު ފުރަތަމަ ފަހަރަށް ބައްދަލުވީއިރު ވެސް ސަންޖޭ އަކީ މީހެއްގެ ފިރިއެކެވެ. ތިން ދަރިންގެ ބައްޕަ އެކެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ދުވަސްވަރު ދެ މީހުންގެ ގުޅުން ސީރިއަސްވެ ސަންޖޭ ވަރަށް ސިއްރުން ޒީނަތުއާ ކައިވެނިކުރި އެވެ.

ދެ މީހުންނަކީ ވެސް މުސްލިމުންނަށް ވާތީ ސަންޖޭއަށް ދެ އަންބަށް ކައިވެނިކުރާކަށް އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް މި ކައިވެނި ކުރެވުނުކަމުގެ ރަސްމީ ލިޔުމެއް ނެތެވެ. ޔަގީންވާ ކަމަކީ ކައިވެނީގެ މާތައް ވަރަށް އަވަހަށް މޯޅިވެގެން ގޮސް ދެމީހުންގެ ގުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހީނަރުވެގެން ދިޔަ ކަމެވެ.

ތާޖްގައި އޮތް ޕާޓީއަކަށް ސަންޖޭ އޭނާގެ ފުރަތަމަ އަނބި ޒަރީން ޚާން ގޮވައިގެން ގޮސް ހުއްޓާ ޒީނަތު އެތަނަށް ދިޔަ އެވެ. އަދި ސަންޖޭއާ ދެ މީހުން ޒުވާބުކުރަމުން ގޮސް ޒުވާބު ހޫނުވެ ޒީނަތުގެ ލޯ މަތީގައި ސަންޖޭ ވަރަށް ބާރަށް ޖަހައި އޭނާއަށް ވަރަށް އަނިޔާކުރި އެވެ.

ޒީނަތު ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ނަމަވެސް އޭނާގެ މޫނުގައި ދުވަހަކުވެސް ނުފިލާވަރުގެ ޒަޚަމެއް ލިއެވެ. އަދި އެއް ލޮލުގެ ފެނުން ގެއްލުނެވެ.

މި ހާދިސާ އަށް ފަހު ސަންޖޭ ޚާން ޒީނަތު ވަރި ކުރީ ކަމަށް ވެއެވެ.

ދެން ޒީނަތުގެ ހަޔާތަށް އައީ މަޒްހަރް ޚާނެވެ. "ޝާން" ފަދަ ފިލްމުތަކުން ފެނިފައިވާ މަޒްހަރް ފުރަތަމަ ކައިވެނިކުރީ ދިލިޕް ކުމާރަށް ބޮޑުބޭބެ ކިޔާ ރުބީނާއާ އެވެ. ޒީނަތަށް ވުރެ މަޒްހަރު 10 އަހަރު ހަގެވެ. ނަމަވެސް ޒީނަތުގެ އަވައިގައި ޖެހިގެން ރުބީނާ ވަރިކޮށް 1985 ވަނަ އަހަރު އެ ދެ މީހުން ކައިވެނި ކުރީ އެވެ.

އޭގެ އެތައް އަހަރެއް ފަހުން "ސިމީ ގަރެވާލް ޓޯކް ޝޯ"ގައި ބައިވެރިވެ ޒީނަތު ކިޔައިދިން ގޮތުގައި މަޒްހަރްއާ އަވަސް އަރުވާލައިގެން ކައިވެނިކުރީ ދަރިން ނުލިބޭ އުމުރަށް އަޅާތީ ވީހާވެސް އަވަހަކަށް ދަރިއަކު ހޯދަން ބޭނުންވާތީ ކަމަށެވެ.

މަޒްހަރް އަކީ އިންތިހާއަށް އަންހެނުން ކަންތައް ބޮޑު މީހެކެވެ. އަނިޔާ ކުރުމުގައި ވެސް ހަމަ އެ ވަރެވެ. ޒީނަތު ކިޔައިދީފައިވާ ގޮތުގައި މަޒްހަރާ އެކު ހޭދަކުރި 12 ވަރަކަށް އަހަރު ތެރޭގައި އޭނާއަށް އެންމެ ދުވަހަކުވެސް އުފަލެއް ނުލިބެ އެވެ. ހުރިހާ ދުވަހެއްވެސް ހޭދަކުރީ ރުއިމާއި ހިތާމައިގަ އެވެ.

މަޒްހަރަށް ފުރަމޭ އަދި ޕެންކްރިއަސްގެ މައްސަލަތަކެއް ދިމާވެ 1993ގައި ވަރަށް ބޮޑަށް ބަލިވި އެވެ. އަދި ޒީނަތު އޭނާ ގޮވައިގެން ދުނިޔޭގެ އެކި ގައުމުތަކުގެ އަގުބޮޑު ހޮސްޕިޓަލްތަކަށް ގޮސް ފަރުވާ ހޯދައިދިނެވެ. މި ބަލީގައި 1993 އިން ފެށީގެން 1997 އަށް މަޒްހަރް އުޅުނުއިރު އެންމެ ބޮޑު ތަކުލީފަކާއި ބުރައެއް އުފުލީ ޒީނަތެވެ. އޭރު އެ ދެ މީހުންގެ ކުޑަ ދެ ކުދިން ތިއްބެވެ. އެ ކުދިންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ބަލިހާލުގައި އޮތް މަޒްހަރު ވެސް ބެލެހެއްޓީ ޒީނަތެވެ. ނަމަވެސް މަޒްހަރްގެ އަނިޔާ އާއި ރުޅިގަދަކަން އަދި ކުރިޔަށް ވުރެ ވެސް ބޮޑުވެފައިވާތީ ކެތްނުވެގެން 1997ގައި ޒީނަތު އޭނާ ކައިރިން ވަރިވާން ކޯޓަށް ދިޔަ އެވެ.

އެހިސާބުން ދަރިންގެ ކަސްޓަޑީ ވެސް ޒީނަތަށް ގެއްލި މަޒްހަރުގެ އާއިލާގެ މީހުން އައިސް ޒީނަތަށް ހަމަލަދީ އޭނާގެ ގެއަށް ބޮޑެތި ގެއްލުންތައް ދިނެވެ.

ދެ ކިޑްނީ ފެއިލްވެ މަޒްހަރު މަރުވީ 1998ގެ ސެޕްޓެމްބަރުގަ އެވެ. މަޒްހަރުގެ މަރުން ޒީނަތަށް އިންތިހާއަށް ހިތާމަ ލިބުނެވެ. ކިތަންމެ އަނިޔާވެރިޔަސް ކިތަންމެ ރުޅިގަދަޔަސް މަޒްހަރު މަރުވާކަށް ޒީނަތު ބޭނުމެއް ނޫނެވެ.

މަޒްހަރުގެ ހަޔާތުގެ ފަހު ދުވަސްތަކުގައި އޭނާއަށް ޒީނަތު އަޅާ ނުލިކަމަށް ބުނެ އޭނާގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ވެސް މަޒްހަރުގެ އާއިލާއިން ޒީނަތަކަށް ނުދެ އެވެ.

މިހާރު 70 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޒީނަތު ދިރިއުޅެނީ ދެ ދަރިން ކަމަށްވާ އަޒާން އާއި ޒަހާންއާ އެކުގަ އެވެ. އަޒާން އަކީ ފިލްމު ޑައިރެކްޓަރެކެވެ. "ބޭންކްސްޓާ" ކިޔާ ފިލްމެއް އޭނާ ޑައިރެކްޓްކޮށްފައި ވެއެވެ.

އަނެއްކޮޅުން ޒަހާން އަކީ މިއުޒީޝަނެކެވެ. ކަލިނަރީ އާޓް ގްރެޖުއޭޓް އެކެވެ. ފިރިއަކު ނެތަސް ޒީނަތުގެ ހަޔާތް މިހާރު މާއުފާވެރިވެފައި ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.