ބޮލީވުޑް ބަތަލާ ދިއާ މިރްޒާ މިހާރު ގެންދަނީ ރާއްޖޭގައި ހަނީމޫން ހޭދަ ކުރަމުންނެވެ. ދިއާ ދާދި ފަހުން ދެ ވަނަ ކައިވެންޏެއް ކޮށްފައިވާއިރު މިފަހަރުގެ ހަނީމޫންގައި ފިރިމީހާ ވައިބަވް ރެކީ އާއެކު ދިއާގެ ދޮންދަރިފުޅު ސަމައިރާ ވެސް ބައިވެރިވެ އެވެ. ސަމައިރާ އަކީ ވައިބަވްގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ކުއްޖެކެވެ.
ދޮންދަރިފުޅު ސަމައިރާ އާއެކު މޫދުގައި ފަތަނިކޮށާއި ކޯމަސް ބަލަން ތިއްބާ ނަގާފައިވާ ބައެއް ވީޑިއޯތަކާއި ފޮޓޯތައް ދިއާ ދަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކޮށްފައި ވެއެވެ. އަދި ސަމައިރާ އާއެކު ގޮނޑުދޮށުގައި ހިނގާތަން ފެންނަ ފޮޓޯތަކެއް ވެސް ދިއާ ޝެއާ ކުރި އެވެ.
ދިއާގެ އިންސްޓަގްރާމް އެކައުންޓްގައިވާ ގޮތުން އޭނާ ހަނީމޫނަށް އައިސް އުޅެނީ ޖޭއޭ މަނަފަރަށެވެ.
ދިއާ ބުނެފައިވާ ގޮތުގައި ކޯމަސްތަކާއެކު ހޭދަ ކުރެވުނު ވަގުތު ތަކަކީ މި ދަތުރުގައި އެމީހުންނަށް ކުރެވުނު އެންމެ ހިތްގައިމު އެއް ތަޖުރިބާ އެވެ.
ދިއާ އާއި ވައިބަވް ކައިވެނި ކުރީ މިދިޔަ މަހު އެވެ. މި ކައިވެނީގެ ރަސްމިއްޔާތުތަކުގައި ވެސް ސަމައިރާ ވަރަށް އުފަލުން ބައިވެރި ވަމުންދިޔަ ތަން ފޮޓޯތަކުން ވަނީ ފެނިފަ އެވެ. އެހެންކަމުން މިއީ ދިއާއަކީ ސަމައިރާ ވަރަށް ލޯބިވާ ދޮންމަންމައެއް ކަން ސާބިތުވާ ކަމަށް އެ ފޮޓޯތަކަށް ކޮމެންޓުކުރި ބައެއް މީހުން އޭރު ބުނެފައި ވެއެވެ.
ވައިބަވްގެ ކުރީގެ އަނބިމީހާ އަދި ސަމައިރާގެ މަންމަ އަކީ މަޝްހޫރު ޔޯގާ އިންސްޓްރަކްޓަރެއް ކަމަށްވާ ސުނައިނާ އެވެ.
ދިއާ އާއި ވައިބަވްގެ ކައިވެންޏަށް އޭނާ އާއި ސަމައިރާ ރުހެންތޯ ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގައި ސުނައިނާ އާ ސުވާލު ކުރަން ފެށުމުން އޭނާ ވަނީ އިންސްޓަގްރާމް ސްޓޯރީޒްގައި މިކަމާ މެދު އޭނާ ދެކޭ ގޮތް ހިއްސާ ކޮށްފަ އެވެ.
ސުނައިނާ ބުނީ ދިއާ އާއި ވައިބަވްގެ ކައިވެންޏާ މެދު އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. އަދި ދަރިފުޅު ސަމައިރާ ވަރަށް އުފަލުން ހުރިކަމަށް ވެސް ސުނައިނާ ބުނެފައި ވެއެވެ.
"ކައިވެނީގެ ރަސްމިއްޔާތުގެ ބައެއް ވީޑިއޯތަކުން އަހަރެން ދުށިން ސަމައިރާ އޭނާގެ ބައްޕަ އާއި ދޮންމަންމައަށް މާ އުކަން ހުއްޓާ. އެހެންވެ ދިއާއަކީ އަހަރެމެންގެ އާއިލާއަށް އިތުރުވީ ވަރަށް ރަނގަޅު މީހެއްގެ ގޮތުގައި ދެކެނީ. ބޮމްބޭގައި އަހަރެމެންގެ އާއިލާގެ މީހުންނެއް ނޫޅޭ. އެހެންވެ އޭނަ ވެސް މިހާރު އާއިލާގެ މީހަކަށް ވީމަ ވަރަށް އުފާވޭ،" ސަމައިރާގެ މަންމަ ލިޔެފައި ވެއެވެ.