ފިނިޕޭޖް

ޓްރެފިކްގައި ތާށިވެ އަމީތާބު ފޭނެއްގެ ސައިކަލު ފަހަތަށް އަރައިފި

May 15, 2023
1

އަމީތާބު ބައްޗަން ޝޫޓިންގް އަކަށް ދާން ކާރުގައި ގެއިން ނުކުމެ ޓްރެފިކްގައި ޖެހި އެތައް އިރެއް ވީއިރުވެސް ސަލާމަތް ނުވުމުން ފޭނެއްގެ ސައިކަލު ފަހަތަށް އަރައިގެން ލޮކޭޝަނަށް ހިނގައްޖެ އެވެ.

އަމީތާބު ސޯޝަލް މީޑީއާގައި ޝެއާ ކުރި ޕޯސްޓެއްގައި މި ވާހަކަ ކިޔައިދީފައި ވެއެވެ. އަދި އޭނާއަށް ސައިކަލުގައި ލިފްޓެއް ދިން ފޭން އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި ވެއެވެ.

އިންސްޓަގްރާމްގައި އަމީތާބު ޖެހި ޕޯސްޓްގައި ފޭންގެ ސައިކަލުގެ ފަހަތުގައި އޭނާ އިންދާ ނަގާފައިވާ ފޮޓޮއެއް ވެސް ޝެއާ ކޮށްފައި ވެއެވެ.

"ސައިކަލުގައި ރައިޑެއް ދިން ކަމަށްޓަކައި އެކުވެރިޔާއަށް ޝުކުރިއްޔާ. އަހަރެންނަކަށް ތީ ކާކުކަމެއް ވެސް ނޭނގޭ. ނަމަވެސް އަހަރެން އެދުނު ގޮތަށް އަހަރެން ބޭނުންވާ ލޮކޭޝަނަށް ވަރަށް ބާރު ސްޕީޑުގައި ޓްރެފިކުން ސަލާމަތްވަމުން ގެންގޮސްދިނީތީ ތޮފި އަޅައިގެން، ޝޯޓްސް އާއި ރީނދޫ ޓީޝާޓުގެ ވެރިޔާ އަށް ވަރަށް ޝުކުރުވެރިވަން،" އަމީތާބު ލިޔެފައި ވެއެވެ.

އަމީތާބުގެ މި ޕޯސްޓަށް އެންމެ ފުރަތަމައިނުން ވެސް ކޮމެންޓުކުރީ އޭނާގެ ކާފަދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ އެވެ. ނަވްޔާ ޖަހާފައިވަނީ ރަތް ހިތަކާއި ހެވިފައި އިން އީމޯޖީ އެކެވެ.

އެކްޓަރު ރޯހިތު ބޯސް ކުރި ކޮމެންޓުގައި ބުނެފައިވަނީ "ތިއީ ދުނިޔޭގައި ވެސް ހުރި އެންމެ ކޫލް ޑޫޑް،" ކަމަށެވެ.

ބަތަލާ ސަޔާނީ ގުޕްތާގެ މެސެޖުގައި ލިޔެފައިވާ ގޮތުގައި އަމީތާބަކީ ވަރަށް ގަޑިއަށް ފަރުވާ ބަހައްޓާ މީހެއް ކަމަށް އޭނާއަށް އަޑު އިވިފައި ވެއެވެ. އަދި މިއީ ތެދު ވާހަކައެއްކަން މި ޕޯސްޓުން ޔަގީން ކުރެވިއްޖެކަމަށް ސަޔާނީ ލިޔެފައި ވެއެވެ.

އަމީތާބުގެ ފޭނަކު ފާހަގަކުރި ގޮތުގައި ދެ މީހުން ވެސް ތިބީ ހެލްމެޓް ނާޅަ އެވެ. ރައްކާތެރިކަމަށް އެއްވެސް ފިޔަވަޅެއް ނާޅާ ދުއްވުމަކީ އެހާ ރަނގަޅު ކަމެއްތޯ އޭނާ އަމީތާބާ ސުވާލުކޮށްފައި ވެއެވެ.

އަމީތާބު މިހާރު މަސައްކަތް ކުރަމުންދާ ފިލްމުތަކުގެ ތެރޭގައި ދީޕިކާ ޕަދުކޯން އާއި ޕްރަބާސް އާއެކު ކުޅޭ "ކޭ ޕްރޮޖެކްޓް" ހިމެނެ އެވެ. އަޝްވިން ނާގް ޑައިރެކްޓްކުރާ މި ފިލްމަކީ ހިންދީ އަދި ތެލުގޫ ބަހުން އެއްފަހަރާ ޝޫޓްކުރަމުންދާ ބައިލިންގުއަލް ފިލްމެކެވެ. އަދި ރިބޫ ދާސްގުޕްތާގެ ކޯޓްރޫމް ޑްރާމާ ފިލްމު "ސެކްޝަން 84"ގެ މަސައްކަތް ވެސް އަމީތާބު ވަނީ ފަށާފަ އެވެ.