ބޮލީވުޑް

މިހާރު ގިނަ މީހުން ލަފާ ދެނީ އަނގަ ބަންދުކުރަން: އަމީތާބު

އަނގައިގައި ތަޅެއް އަޅުވައިގެން ހުންނަން މިހާރު ވަރަށް ގިނަ މީހުން އޭނާ ކައިރީ ބުނާ ކަމަށް އަމީތާބު ބައްޗަން ބުނެފި އެވެ. އަމީތާބު މިހެން ބުނީ ޓުވިޓާގައި މިދިޔަ ހުކުރު ދުވަހު ފޭނުންނާ އަމީތާބާއެކު ބޭއްވި ސުވާލު ޖަވާބު ސެޝަނެއްގައި ފޭނަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

"ދުނިޔެ ހިނގަނީ އީމާން ކަމުގެ މަތީގައި ނަމަ އެއްވެސް މީހަކު ގެ ތަޅުލައިގެން ނޫޅޭނެ،" އަމީތާބުގެ ފޭނެއްގެ ޓުވީޓެއްގައި ލިޔެފައި ވެއެވެ. މި ޓުވީޓަށް ޖަވާބު ދެމުން އަމީތާބު ބުނީ އޭނާ އެ ދުވަސް ދެކެފައިވާ ކަމަށެވެ.

"އަހަރެން އަލާހުއާބާދުގައި އުޅުނުއިރު ތިފަދަ ދުވަސްތައް ދުށިން. އޭރު އަހަރެމެން އެއްގޮތަކަށް ވެސް އަހަރެމެންގެ ގޭގެ ތަޅެއް ނުލަން. އަދި އަހަރެމެން ގެޔަށް ވަންނަން ހުންނަ ބޮޑު ގޭޓު ވެސް ހުންނާނީ އަބަދު ހުޅުވާފައި. އެ ލައްޕާފަ ހުއްޓާ ދުވަހަކު ވެސް ނުދެކެން. ނަމަވެސް މި ޒަމާނުގައި އެއީ ކުރެވޭނެ ކަމަކަށް ނުވޭ. މިހާރު އަހަރެންގެ އަނގަޔަށް ދަންދެން ތަޅުލައިގެން އުޅެން މީހުން އަހަންނަށް އިރުޝާދު ދޭ،" އަމީތާބުގެ ޓުވީޓްގައި ލިޔެފައި ވެއެވެ.

ފިލްމީ ރޮނގުން ބަލާއިރު އަމީތާބު މިހާރު ވަނީ ސޮނީ ޓީވީން ދައްކާ އޭނާ ހޯސްޓް ކުރާ ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ"ގެ 12 ވަނަ ސީޒަންގެ ޝޫޓިންގް ފުރިހަމަ ކޮށްފަ އެވެ.

މި ޝޯގެ ޝޫޓިން ނިމުނަސް މި ފެށުނު އާ އަހަރަކީ އަމީތާބު 78، ވަރަށް ބިޒީވާނެ އަހަރެކެވެ. މި ވަގުތު އޭނާ އުޅެނީ އަޖޭ ދޭވްގަން ޑައިރެކްޓްކޮށް އެކްޓްކުރާ "މޭޑޭ" ގެ ޝޫޓިންގަ އެވެ. އޭގެ ފަހުން އިމްރާން ހާޝިމީ އާއެކު ކުޅޭ "ޗެހެރޭ" ގެ މަސައްކަތް ފަށާނެ އެވެ. އަދި ނާގްރާޖް މުންޖުލޭގެ "ޖުންޑް" އާއި އަޔާން މުކަރުޖީގެ "ބްރަހްމަޝްތުރަ"،ގެ ޝޫޓިން ވެސް މިއަހަރު ކުރިޔަށް ގެންދާނެ އެވެ.

މީގެ އިތުރުން ޕްރަބާސް އާއި ދީޕިކާ ޕަދުކޯން ލީޑް ރޯލު ކުޅޭ ވަކި ނަމެއް ހަމަނުޖެހޭ ފިލްމެއްގެ މަސައްކަތް ވެސް ހަމަ މިއަހަރު އަމީތާބު ކުރަން ވަނީ ހަމަޖެހިފަ އެވެ.