ބޮލީވުޑް

ފޭނުންނާ ބައްދަލުކުރަން އަމީތާބު ހުސްފަޔާ ނުކުންނަނީ ކީއްވެ؟

ކޮންމެ އާދިއްތަ ދުވަހަކީ އަމީތާބް ބައްޗަންއަށް ވަރަށް ޚާއްސަ ދުވަހެކެވެ. އޭނާ ދެކިލަން ބޭނުންވާ އެތައް ހާސް ފޭނުންނެއް މުމްބައިގައި ހުންނަ އޭނާގެ ޖަލްސާ ބަންގްލޯ ކައިރިއަށް އެ ދުވަހު ޖަމާވާތީ އެވެ. އަމީތާބު މުމްބައިގައި ގަދަވެ ސަލާމަތުން ހުރިކަން އެނގޭނަމަ އާދިއްތަ ދުވަހު އެގެއާ އެހެން މީހަކަށް ކައިރިވެސް ނުވެވޭހާ ގިނަ ފޭނުން އެގޭ ދޮށަށް ޖަމާވާނެ އެވެ. އެގޭ ދޮށަށް ޖަމާވާ ބައެއް ފޭނުންނަކީ އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުން ދަތުރު ހަދައިގެން އަމީތާބު ދެކިލަން އަންނަ މީހުންނެވެ.

އަމީތާބުގެ ބްލޮގްގައި އޭނާ ލިޔެފައިވާ ގޮތުގައި ކޮންމެ އާދިއްތަ ދުވަހަކު އޭނާ ފޭނުންނާ ބައްދަލުކުރަން ނުކުންނައިރު ވަކި ގޮތަކަށް ހެދުން އެޅުމަށްވެސް ސަމާލުކަން ދެ އެވެ. ޒަމާނާއި އޭނާގެ އެއިރެއްގެ ހާލަތާ ގުޅޭ ގޮތަށް ހެދުމަށް ބަދަލު ގެނައި ނަމަވެސް އެއް ކަމެއް އަބަދުވެސް އެއްގޮތަކަށް ކުރާ ކަމަށެވެ. އެއީ ފައިވާނަށް ނާރާ ނުކުތުމެވެ. އަދި ބައެއް މީހުންނަށް އެކަން ފާހަގަކުރެވިގެން އޭނާއަށް މަލާމާތުގެ ބަސް ބަސް ޖަހާ ކަމަށް އަމީތާބު ލިޔެފައި ވެއެވެ.

"ބައެއް މީހުން ކޮމެންޓް ކޮށްފައި ހުރޭ އިސްޓާކީނަށް އަރައިގެން ބޫޓަށް ނާރާ ހުސްފަޔާ ބޭރަށް ނުކުންނާނީ ކާކު ހެއްޔެވެ؟ އަހަރެން ބުނާނީ އެމީހަކީ އަހަރެންނޭ. އަޅުކަންކުރާ ތަންތަނަށް ވެސް މީހުން ވަންނާނީ ފައިވާން ބަހައްޓާފައި. އަހަރެން ފައިވާނަށް ނާރާ ހުންނަނީ އަހަރެންގެ ފަޔަށް އެގޮތް ފަސޭހަވީމަ. ސްނީކާސް އާއި ޕޮލިޝް ކޮށްފައި ހުންނަ ބޫޓުތަކަށް ވެސް އެރިދާނެ. ނަމަވެސް ފަޔަށް އެންމެ އަރާމު ގޮތަކަށް ހުރުމަކީ އަހަރެން ބޭނުންވާ ގޮތް،" އަމީތާބު ލިޔެފައި ވެއެވެ.

އަމީތާބުގެ ބްލޮގްގައި އޭނާ މީގެ ކުރިން އެއްފަހަރު ލިޔެފައިވާ ގޮތުގައި އޭނާގެ ގޭދޮށަށް އަންނަ މީހުން ކުރިއާ އަޅާބަލާއިރު މިހާރު ވަރަށް މަދުވެއްޖެ އެވެ. އަދި އެމީހުންގެ މެދުގައި އޮންނަ ފޯރިއާއި ޖޯޝްވެސް ވަރަށް ކުޑަވެއްޖެ އެވެ. މިހާރު އެންމެން ވެސް ބަލަނީ މޯބައިލް ކެމެރާއިން އެ މަންޒަރުތައް ރެކޯޑް ކުރެވޭތޯ އެވެ. ކޮންމެހެން އެ ވަގުތުކޮޅުގެ ބޭނުންހިފައި ހިތްހަމަޖައްސާލައި މަޖާކޮށްލާކަށް ބޭނުމެއް ނުވެ އެވެ.