އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާ ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ ޝޫޓިންގް މިހާރު ވަނީ ނިމިފަ އެވެ. މިއީ 1980ގެ އަހަރުތަކުގައި ވަރަށް މަޝްހޫރުވި 'އާޗީޒް ކޮމިކް' ސީރީޒް އަސްލަކަށް ބަލައިގެން ޒޯޔާ އަޚްތަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުން އަގަސްތިޔާ އާއެކު ތައާރަފްވާ ބަތަލާއިންގެ ތެރޭގައި ޝާހް ރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން އާއި ބޯނީ ކަޕޫރާއި ޝްރީދޭވީގެ ހަގު އަންހެންދަރިފުޅު ޚުޝީ ކަޕޫރު ހިމެނެ އެވެ.
ނެޓްފްލިކްސް އިން ދައްކަން ހަމަޖެހިފައިވާ މި ފިލްމު މިއަހަރުގެ ނޮވެމްބަރު ހިސާބުގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ ފިލްމު ރިލީޒް ނުކުރަނީސް އަގަސްތިޔާ އަށް ދެވަނަ ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިފައި ވެއެވެ. ނަމަވެސް ދެވަނަ ފިލްމުގެ ޝޫޓިންގް އަގަސްތިޔާ ފަށާނީ "ދި އާޗީޒް" ރިލީޒްވުމަށް ފަހުގަ އެވެ.
އަގަސްތިޔާގެ ދެވަނަ ފިލްމު "އިއްކީސް"ގައި އޭނާ ކުޅޭނީ އަރުން ކަޓެރްޕާލް ކިޔާ ހަނގުރާމަވެރި ސިފައިންގެ މީހެއްގެ ރޯލެވެ. އަރުން ކަޓެރްޕާލް އަކީ އިންޑިޔާގެ އާމީންގެ ތެރެއިން ހަނގުރާމައިގައި މަރުވާ ބަތަލުންނަށް ދޭ 'ޕަރަމް ވީރް ޗަކްރަ' އައްޑަނަ ލިބިފައިވާ މީހެކެވެ.
ޑައިރެކްޓަރު ޝްރީރާމް ރާގްވަން އުފައްދާ މި ފިލްމަށް އަގަސްތިޔާ ވަރަށް ބޮޑަށް ތައްޔާރުވާން ޖެހެ އެވެ. އެގޮތުން ފިލްމު ފެށުމުގެ ކުރިން މި ރޯލަށް ތައްޔާރުވުމުގެ ގޮތުން ތިން މަސް ދުވަހުގެ ތަމްރީނު އޭނާ ހަދާނެ އެވެ.
ކާފަ އަމީތާބާއި މާމާ ޖާޔާ ބައްޗަން ހިނގި މަގުން ހިނގައި މަޝްހޫރު އެކްޓަރަކަށް ވުމުގެ ހުވަފެން އަގަސްތިޔާ ދެކޭތީ މާމަ އާއި ކާފަ ވަރަށް އުފާވެ އެވެ. އަދި އަގަސްތިޔާގެ ފުރަތަމަ ފިލްމަށް އެމީހުން ކެތްތެރިކަމެއް ނެތި ދަނީ އިންތިޒާރު ކުރަމުންނެވެ.
އަގަސްތިޔާގެ މަންމަ އަދި އަމީތާބުގެ އަންހެން ދަރިފުޅު ޝްވޭތާ ނަންދާ އަކީ އެއްގޮތަކަށް ވެސް ފިލްމު ކުޅުމުގެ ޝައުގުވެރިކަން ހުރި މީހެއް ނޫނެވެ. އެހެންކަމުން ބައްޗަން އާއިލާގެ ތިން ވަނަ ޖެނެރޭޝަނުން ފިލްމީ މަސައްކަތް ފެށުމަކީ އަމީތާބާއި ޖާޔާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.