"ސޫރިޔަވަންޝަމް" މި ހަފުތާގައި ބެލިން ހެއްޔެވެ؟ އާއްމުކޮށް ޓީވީ ބަލާ މީހަކަށް ވިއްޔާ ވަރަށް ފަސޭހައިން މި ފިލްމު ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރުމުން މާ ބޮޑު ތަރުހީބެއް ނުލިބުނަސް ސޮނީން ވަރަށް ގިނައިން މި ފިލްމު ދައްކަ އެވެ. އަދި މިކަމާ ރުޅިގަދަވެގެން މީހަކު ވަނީ ސޮނީ ޓީވީއަށް ޝަކުވާގެ ސިޓީއެއް ފޮނުވާފަ އެވެ.
މިހާރު އިންޓަނެޓުގައި ވައިރަލްވެގެން އުޅޭ މި ސިޓީ އެމީހާ ލިޔެފައި އޮތީ ހިންދީ ބަހުންނެވެ.
"މި ފިލްމު ދެއްކުމުގެ ރައިޓްސް އޮތީ ތި ޗެނަލަށް. އަހަންނާއި އަހަރެންގެ އާއިލާއަށް މިހާރު ހީރާ ޓާކޫރާއި އޭނާގެ އާއިލާގެ ކަންކަން ވަރަށް ރަނގަޅަށް ދަސްވެއްޖެ. އަހަރެން މިހާރު އެނގެން ބޭނުންވަނީ މި ފިލްމު ތި ޗެނަލުން ކިތައް ފަހަރަށް ދައްކައިފިންތޯ އަދި އިތުރަށް ކިތައް ފަހަރު ޓެލެކާސްޓްކުރަން ހަމަޖެހިފައިވޭތޯ؟ އަދި މި ފިލްމުގެ ސަބަބުން އަހަރެމެންނަށް ނަފްސާނީ މައްސަލަތަކެއް ދިމާވެއްޖެނަމަ ޒިންމާވާނީ ކާކުތޯ؟ މިކަންކަން އަންގާލަދިނުން އެދެން،" އެމީހާ ސޮނީއަށް ފޮނުވި ސިޓީގައި ލިޔެފައިވެ އެވެ.
މި މީހާގެ ސިޓީއަށް ކޮމެންޓުކުރި މީހުންނަށް މިއީ ވަރަށް މަޖާ ކަމަކަށްވެ ތަފާތު ކޮމެންޓްތައްކޮށްފައިވެ އެވެ. އެތަނުން އެކަކު ބުނީ އެމީހާގެ ހާލު ގަބޫލު ކުރެވޭ ކަމަށެވެ.
ދެވަނަ މީހަކު ބުނީ އޭނާއަށް ކުރެވޭ ކަހަލަ އިހްސާސްތަކެއް ކުރެވޭ އެހެން މީހަކުވެސް ހުރިކަން އެނގުމުން އުފާވެއްޖެ ކަމަށެވެ.
އަމީތާބު ބައްޗަން އާއި ސައުތު އިންޑިޔާގެ ބައެއް ތަރިން ހިމެނޭ "ސޫރިޔަވަންޝަމް" ނޫނަސް ދެ ތިން ފިލްމެއް މި ލިސްޓުގައި ހިމަނާލަން ޖެހޭ ކަމަށް ވެސް ކޮމެންޓުކުރި އެހެން މީހަކު ބުނެފައިވެ އެވެ.