ބޮލީވުޑް

އަމީތާބުގެ އަންހެން ދަރިފުޅު ޝްވޭތާ ފިލްމު ކުޅެން ޝައުގުވެރި ނުވި ސަބަބު

އަމީތާބު ބައްޗަން އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރޭ ބުނުމަކީ އެހެން އެކްޓަރުންނަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެ އެވެ. "ރުޅިގަދަ ޒުވާނާ"ގެ ނަމުން މަޝްހޫރުވި އަމީތާބުގެ އާއިލާގައިވެސް ގިނައިން ތިބީ އެކްޓަރުންނެވެ.

އޭނާގެ އަންހެނުން ޖާޔާ ބައްޗަން އަކީ ވަރަށް ހުނަރުވެރި ބަތަލާ އެކެވެ. ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަން އަކީ ވެސް އެކްޓަރެކެވެ. އަދި ޅީދަރިފުޅު އައިޝްވަރިޔާ ރާއީ އަކީ ވެސް ވަރަށް މަޝްހޫރު އެކްޓަރެކެވެ.

މިހާރު އަމީތާބުގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާ ވެސް ފިލްމު ކުޅެން ފަށައިފި އެވެ. އަގަސްތިޔާ ބޮލީވުޑަށް ނުކުންނަނީ ނެޓްފްލިކްސް އަށް ޑައިރެކްޓަރު ޒޯޔާ އަޚްތަރު ތައްޔާރުކުރާ "ދި އާޗީސް" ސީރީޒް އިން ޝާހް ރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާންއާ އެކުގަ އެވެ.

ދާދިފަހުން 49 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާ ޝްވޭތާ ކައިވެނިކުރީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް ފިލްމީ އާއިލާއެއްގެ މީހަކާ އެވެ. އެއީ ރާޖް ކަޕޫރުގެ އާއިލާ އެވެ. ޝްވޭތާގެ ފިރިމީހާ ނިކިލް ނަންދާ އަކީ ރާޖް ކަޕޫރަށް ކާފަ ކިޔާ މީހެކެވެ. ރާޖް ކަޕޫރުގެ އަންހެން ދަރިއެއްގެ ދަރިއެކެވެ.

ނަމަވެސް އަބަދާ އަބަދު އެކްޓަރުންތަކާ އެކު ދިރިއުޅެން ޖެހުނަސް ޝްވޭތާ ފިލްމުތަކުގައި ބައިވެރި ނުވީ ކީއްވެ ހެއްޔެވެ؟ ކޮއްކޮ އަބީޝެކް ގޮތަށް ޝްވޭތާ ވެސް ބޮލީވުޑް ކެރިއަރެއް ޚިޔާރު ނުކުރި ސަބަބަކީ ކޮބައި ހެއްޔެވެ؟ ކަރަން ޖޯހަރްގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ބައިވެރިވި ޝްވޭތާ ވަނީ ފިލްމު ކުޅުމުގެ ޝައުގުވެރިކަން އޭނާއަށް ގެއްލުނު ގޮތް ކިޔައިދީފަ އެވެ.

ޝްވޭތާ ބުނި ގޮތުގައި އޭނާ ކުޑައިރު މައިންބަފައިންގެ ފިލްމު ޝޫޓިންތަކަށް އެމީހުންނާއެކު ވަރަށް ގިނައިން ދެވެ އެވެ.

"އެއްފަހަރަކު އެގޮތަށް ބައްޕަގެ ފިލްމު ޝޫޓިން އަކަށް ގޮސް އުޅެމުން ބައްޕަގެ މޭކަޕް ރޫމަށް ވަދެ އެތަނުގައި ކުޅެން އުޅެނިކޮށް ކަރަންޓް ޕްލަގެއްގައި އަތްޖެހި ގަޔަށް ކަރަންޓު އައީ. އެކަމާ ބިރު ގަނެ އޭގެ ފަހުން މަންމަ އާއި ބައްޕަގެ ފިލްމު ޝޫޓިން ތަކަށް ދިއުން އަހަރެން މުޅިން ހުއްޓާލީ. އަދި ފިލްމީ ދުނިޔެއާ އަހަރެން ދުރަށް ގެންދިޔަ ކަމަކަށް މިކަންވީ. އޭރު ދިޔަ ގޮތަށް ފިލްމު ސެޓުތަކަށް ދެވުނުނަމަ އަހަރެންނަށް ފިލްމީ ދުނިޔެއަށް ނުކުމެވުނީސް ކަންނޭނގޭ،" ޝްވޭތާ ބުންޏެވެ.

މަންމަ އާއި ބައްޕަގެ ކެރިއަރު ޚިޔާރު ނުކުރިޔަސް ޝްވޭތާގެ ކާފަ ހަރީވަންޝް ރާއީގެ ލިޔުންތެރިކަމުގެ ހުނަރު ޝްވޭތާ އަށް ލިބިފައި ވެއެވެ. އަދި ނޫސް މަޖައްލާ ތަކަށް އެކިއެކި ލިޔުންތައް އޭނާ ލިޔެ އެވެ.

ޝްވޭތާ ލިޔެފައިވާ ވާހަކައެއް ކަމަށްވާ "ޕެރަޑައިޒް ޓަވާޒް" ބާޒާރަށް ނެރެފައިވާއިރު މިފޮތަށް ވަރަށް ބޮޑު ތަރުހީބެއް ލިބި "ބެސްޓް ސެލިން ނޮވެލް' އަކަށް ވެފައި ވެއެވެ.